އޭލެވެލް ފީ ކަނޑާލުމަކީ މާލީ ބުރައެއް، އަވަސް އަރުވާލައިގެން ދަރިވަރުންގެ ކުރި މަރާލަނީ ދިރާސާ ނުކޮށް: އިހުސާން

ރައީސް ޑރ. މުޙައްމަދު މުއިއްޒު ސީއެޗްއެސްއީއަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެސެމްބްލީގައި: އޭލެވެލް ފީ ކަނޑާލުމަކީ މާލީ ބުރައެއް ކަމަށް އެމްޑީޕީން ބުނެފި-- ފޮޓޯ/ ރައީސް އޮފީސް

އޭލެވެލްއަށް އަމިއްލަ ސްކޫލުތަކުން ފީ ދައްކައިގެން ކިޔަވަންޖެހޭ ގޮތަށް ގެނައި ބަދަލަކީ ބެލެނިވެރިން އެ ބަދަލަކަށް ތައްޔާރުނުވެ ތިއްބައި އައި މާލީ ބުރައެއް ކަމަށާއި އަވަސް އަރުވާލައިގެން ރަނގަޅަށް ދިރާސާނުކޮށް ގެންނަ ބޮޑެތި ބަދަލުތަކުގެ ނޭދެވޭ އަސަރުކުރަނީ ދަރިވަރުންގެ ކުރިއެރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ތައުލީމާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާއަށް މި ސަރުކާރުން މި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ އޯލެވެލްގެ ނަތީޖާ ކިތަންމެ ރަނގަޅު ނަމަވެސް, ދެން އޭލެވެލްއަށް އަމިއްލަ ސްކޫލުތަކުން ކިޔެވޭނީ، އަމިއްލައަށް ފީ ދައްކައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމެވެ.

އަނެއް ބަދަލަކީ ރާއްޖޭގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް ގަވާއިދަށް ގެނައި އިސްލާހެވެ. ތިންވަނަ ބަދަލަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަހަރުގެ މެދުތެރެއިން ބޮޑު ޗުއްޓީ ލިބޭހެން ގެނައި ބަދަލު އިހު އޮތްގޮތަށް އިޔާދަކޮށް، ދިރާސީ އައު އަހަރުގެ ބޮޑު ޗުއްޓީ، މި އަހަރުގެ ޑިސެންބަރު މަހު ލިބޭ ގޮތަށް ބަދަލުކުރި ކުރުމެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ތައުލީމާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން -- ފޮޓޯ/ ރައީސް އޮފީސް

މި ބަދަލުތަކާ ގުޅޭގޮތުން 'ސަން'އާ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ދައުލަތުން މާލެ ސަރަހައްދުގައި އޭލެވެލްއަށް ކިޔަވައިދޭ ސްކޫލްތަކުގައި ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ ފުރުސަތުތަކެއް ފޯރުކޮށްނުދެވޭ ކަމަށެވެ. މިސާލަކަށް ސައިކޮލޮޖީ ކަހަލަ ބައެއް މާއްދާތައް ކިޔެވެން ހުންނަނީ ޕްރައިވެޓް ސްކޫލުތަކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، ސީއެޗްއެސްސީގެ ދަރިވަރެއްގެ ބޮލަކަށް ހޭދަވާ އަދަދު ދައުލަތުން ޕްރައިވެޓް ސްކޫލްތަކުގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް ސަބްސިޑައިޒްކޮށްދޭން ފެށީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ އޭލެވެލްއަށް ކިޔަވަން ކުދިންނަށް ހިތްވަރުދީ، އެ ފުރުސަތު ފަހިކޮށްދީ، 'ޕްރީ ޔުނިވަސިޓީ ޕްރޮގްރާމެއްގެ' ގޮތުގައި އޭލެވެލް ކިޔެވުމަށް ކުދިންނަށް ބާރު އެޅުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގައި ތައުލީމީ ޖީލެއް އުފެދެނީ ވަރަށް ބޮޑަށް އެކަމަށް ބާރު އަޅައި، މަސައްކަތްތަކެއް ކޮށްގެންކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އޭލެވެލް ފީ ކަނޑާލުމުގެ ބަދަލުގައި ވޮކޭޝަނަލް އަދި ޓިވެޓް ޕްރޮގްރާމްތައް ސްކޫލުތަކުގައި އިތުރަށް ތައާރަފުކުރަމުންދާ މި ދަނޑިވަޅުގައި އެއީ އިތުރަށް އެ ފީ ދައުލަތުން ސަބްސިޑައިޒްކުރަންޖެހޭ ހާލަތެއް ކަމަށެވެ.

ދަށް ނަތީޖާއެއް ލިބޭ ކުއްޖާ ނުވަތަ އޭލެވަލްގައި އެކެޑަމިކް ޕާތުވޭއެއް ނަގަން ބޭނުންވި ކަމުގައި ވިޔަސް، ނަތީޖާގެ ސަބަބުން އެ ފުރުސަތު ނުލިބޭ ކުއްޖާ ވޮކޭޝަނަލް ޕާތްވޭއަކަށް ދާން ވިސްނާ ކަމަށް ވާނަމަ، އެ ކުއްޖާ އެކަން ކުރަން ޖެހޭނީ ބޮޑު ޚަރަދެއް ކޮށްގެން. މައިންބަފައިންނަށް އުފުލޭ ވަރަށްވުރެ ބޮޑު ބުރައަކަށް އެކަން އެވަނީ. ބެލެނިވެރިންނަށް ބުރައަކަށް ވާގޮތަށް އެކަން ކޮށްގެން ނުވާނެ،މުހައްމަދު އިހުސާން

މި ސަރުކާރުން އެ ބަދަލު ގެނައީ އޯލެވެލް ނިންމާ ދަރިވަރުންގެ ނަތީޖާ ލިބެން ހަފުތާއަކަށްވެފައި ވަނިކޮށް ކަމަށާއި، އޭގެ ސަބަބުން މާލީ ގޮތުން ބެލެނިވެރިން އެކަމަށް ތައްޔާރުވާނެހާ ވަގުތެއް ވެސް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ކުއްލި ނިންމުމެއް ތައުލީމީ ދާއިރާގައި ނިންމާކަށް މިއީ ކޮވިޑްގެ ހާލަތެއް ނޫން ކަމަށާއި ކޮވިޑްގެ ހާލަތުގައި ވެސް ސްކޫލުތައް ބަންދުކޮށް ދަރިވަރުން ގޭގޭގައި ތިބެގެން ކިޔަވާ ގޮތް ހެދީ އޭރުގެ ހާލަތު މަޖުބޫރުކުރުވީމާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ޗައިނީސް ބަސް ކިޔަވައިދެނީ -- ފޮޓޯ/ އަހުމަދިއްޔާ

ދަރިވަރުންގެ ކުރި މަރާލާއިރު ބަދަލުތަކަށް ސްކޫލުތައް ވެސް ތައްޔާރެއް ނޫން

ދަރިވަރުން ބޭނުންވާ ކަމެއް އިޚުތިޔާރު ނުކުރެވުމުގެ ނަތީޖާއަކީ ބޮޑެތި ގޮންޖެހުންތަކެއް ފަހުން ކުރިމަތިވާނެ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ. އޭލެވަލަކީ 'އިންޑިޕެންޑެންޓް' އަދި 'ސެލްފް ލާނިން'ގެ މަރުހަލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެން މިބޭފުޅުން ދައްކަވާނީ ވަރަށް ބައިވަރު ޕާތުވޭތަކެއް ދަރިވަރުންނަށް ހުޅުވާލަދޭ ވާހަކަ. އެކަމަކު ސުވާލަކީ ޕާތުވޭތަކަށް ސްކޫލުތައް ތައްޔާރުހެއްޔޭ؟ ވޮކޭޝަނަލް އެޑިއުކޭޝަނަށް ކިޔަވައިދޭން ސްކޫލުތައް ތައްޔާރުހެއްޔޭ؟މުހައްމަދު އިހުސާން

އެމްޑީޕީ ސަރުކާރުގައި ވޮކޭޝަނަލް އެޑިއުކޭޝަނާ ގުޅޭގޮތުން ބައިވަރު ކަރުދާސްތަކެއް އެކުލަވާލާފައިވީ ނަމަވެސް އެއިން އެއްވެސް ކަރުދާހަކަށް، ދިރާސާއަކަށް ބެލުމެއް ނެތި ހުރިހާ ކުދިންނަށް އޭލެވެލް ކިޔެވުމުގެ ފުރުސަތު ދިނުމުގެ ނަމުގައި މި ސަރުކާރުން ގެންނަ ބަދަލުތަކާ އެކު ހަގީގީ ނަތީޖާއެއް ނުނުކުންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އޯލެވެލް ނިންމާއިރު ދަރިވަރުންނަށް އެންމެ އުނދަގޫވާނީ ކުރިއަށްދާނެ ދާއިރާ އިޚުތިޔާރުކުރުން ކަމަށާއި ނަމަވެސް ދަރިވަރުން ކިޔަވަން ޝައުގުވެރިވާ މާއްދާތައް ނޫނީ ދާއިރާތައް ހުންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ފުރުސަތު ނުލިބިއްޖެނަމަ ވަޒީފާގެ މާހައުލަށް ނުކުމެ ކުއްޖާގެ ވަޒީފާ ބަދަލުކުރުމުގެ ޓްރެންޑު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މުދައްރިސުންނަށް ވެސް ވަކި ކުޑަކަމެއް ނޫން ކަމަށާއި އޯވާލޯޑްވެ، މުދައްރިސުން ސްޓްރެސްވެ، ރަނގަޅަށް ކަންކަން ކުރުމަށް ދަތިތަކެއް އެބަހުރިކަން އިހުސާން ފާހަގަކުރެއްވިއެވެ. މުދައްރިސުންނަށް ވާން ބޭނުންވާނެ ކުދިން މިހާރު ވެސް މަދުއިރު މި ކަމުގެ ސަބަބުން ޓީޗަރުން އިތުރަށް މަދުވާނެ ކަމަށް ވިދާޅުވިއެވެ. ޕަބްލިކް ސްކޫލްތައް ދޫކޮށް ޕްރައިވެޓް ސްކޫލްތަކަށް ބަދަލުވުމުގެ ޚިޔާލު މިހާރު ވެސް ބައެއް މުދައްރިސުންގެ އެބަހުރި ކަމަށާއި އެ ވާހަކަތައް މިހާރު ދައްކަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެެއްވިއެވެ.

ސީއެޗްއެސްއީގެ ޓީޗަރަކު ކްލާހެއްގައި ކިޔަވައިދެއްވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

"ކްރައިޓީރިއާ ދަށްކުރުން އެއީ ކޮށްގެންވާނެ ކަމެއް ނޫން"

އިހުސާން ވިދާޅުވި ގޮތުގައި އޭލެވެލް ކިޔަވާ ދަރިވަރުންގެ ކްރައިޓީރިއާ ދަށްކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ އޭލެވެލްގެ މާއްދާތައް ކިޔެވޭނީ އޯލެވެލްގައި އެ ކުއްޖާއަށް ވަކި ވަރެއް ހާސިލުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު ކްރައިޓީރިއާ ދަށްކޮށްފައި، މި ބޭފުޅުން މި ތައާރަފުކުރާ ލޯ ޕްރޮފައިލްގެ އޭލެވެލް، ވޮކޭޝަނަލް އަދި ތަފާތު ޕާތުވޭތައް ތައާރަފުކުރުމަކީ ގައުމެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް. އެކަމަކު މި ވަގުތު މިބޭފުޅުން އެކަން މިކުރަނީ ހަގީގަތުގައި ވެސް އެކަމަށް ތައްޔާރުނުވެ. އެކަމަށް ވާންޖެހޭ ތައްޔާރީތަކެއް ނުވެވޭ، އިންފްރާސްޓްރަކްޗާ ގާއިމެއް ނުކުރެވޭ، މުހައްމަދު އިހުސާން

ވިލާ އަދި އަހުމަދިއްޔާ ފަދަ ޕްރައިވެޓް ސްކޫލުތައް ގިނަ ދަރިވަރުން ޚިޔާރުކުރަނީ އެ ތަންތަނުގައި ހުރި ރިސޯސް ރަނގަޅުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭލެވެލްއަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލު ބަދަލުކޮށް، އޭ-ލެވެލްއަށް ދަރިވަރުން ވެއްދޭނެ ތިން ގޮތެއް ކަނޑައަޅައިފައެވެ. އެއީ، އެކަޑެމިކް ސްޓްރީމްތަކާއި، ވޮކޭޝަނަލް އެޑިޔުކޭޝަންގެ އިތުރުން މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އަވަސްއަރުވާލައިގެން ބަދަލުތައް ގެންނަނީ ދިރާސާކުރުމެއް ނެތި!

މިދިޔަ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ފެށުން އަހަރު މެދަށް ބަދަލުކުރީ، ޓޫރިޒަމްގެ ޕީކް ސީޒަން ޑިސެންބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެ މީހުންގެ ދަރިންގެ ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް ބުނެއެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނެވީ ދިރާސާކުރުމަށް ފަހުގައެވެ. ނަމަވެސް، ބަދަލު ގެނައުމާއެކު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޖޫން، ޖުލައިގައި މޫސުމީ ވިއްސާރަ އަންނާތީ އެ ދުވަސްވަރު ދަތުރުފަތުރަށް ހުރަސް އެޅޭކަމަށް ބުނެއެވެ.

އެހެންވެ، ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީއަށް އަލުން ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެކަމާ ގުޅޭގޮތުން އިހުސާން ވިދާޅުވީ، ދިރާސީ ކަލަންޑަރަށް އޭރު އެހާ ބޮޑު ބަދަލެއް ގެނައީ ވެސް ކޮވިޑް-19ގެ ސަބަބުން ކަމަށާއި ނަމަވެސް މި ސަރުކާރުގެ ރިޔާސީ ވައުދުފުޅަކީ އެ ބަދަލު އަލުން އިއާދަކުރުން ކަމުން އެކަމާ ދެބަސްވަނީކީ ނޫން ކަމަށެވެ. މައްސަލައަކީ ކަން ކުރި ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރަށް ފަސް އަހަރު އޮތްއިރު އެ މުއްދަތުގައި ރަނގަޅަށް އިންތިޒާމު ކުރެވިގެން ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަވާނެހެން އެކަން ކުރުމުގެ ފުރުސަތު އޮތީ 'ތަންމިނަށް ހުޅުވިފައި' ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންނަމަވެސް، 'ކުރުގަޅުވާލައިގެން' ދަރިވަރުންގެ އުނގެނުމުގެ ހާލަތު އިތުރަށް ދަށަށް ދާ ގޮތަށް ދެ އަހަރު ތެރޭ ބަދަލުތައް ގެނެސް ނިންމައިލީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިންމާލީމާ އޭގެ އިމްޕެކްޓް، މިނިސްޓަރު ވިދާޅުވާހެން ކަންކަމުގެ އިމްޕެކްޓް އަންނަ ގޮތް، ރަނގަޅަށް ދިރާސާކޮށްފައެއް ނެތޭ. އަޅުގަނޑުމެން ކޮވިޑް-19ގައި ގެނައި ބަދަލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެއްވެސް ދިރާސާއެއް ނުކޮށޭ. ދެން އަޅުގަނޑުގެ ސުވާލަކީ މިބޭފުޅުން މި ގެނައި ބަދަލު މިގެނައީ ދިރާސާކޮށްގެންތޯއޭ؟ މުހައްމަދު އިހުސާން

ދިރާސާ ނުކޮށް ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން މިހާރު އޯލެވެލް ނިންމާ ކުދިން 'މެންޓަލީ' އެ ނަގާ ބޮޑު ބުރަ އިހުސާސް ވެސް ނުކުރެވޭ ކަމަށް ވިދާޅުވެ އިހުސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ކޮންމެ ގޮތެއް ވިޔަސް، ތައުލީމީ ދާއިރާއަށް ސަރުކާރުން މި ގެނައި ބޮޑެތި ބަދަލުތަކާ ގުޅިގެން ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ.

އަބަދުވެސް ދައްކާ ވާހަކައަކީ ދަރިވަރުންގެ ރަނގަޅު ނަތީޖާ ނުނެރެވޭ ވާހަކައެވެ. ދައުލަތުން ތައުލީމީ ދާއިރާއަށް ހޭދަކުރާ މިންވަރާ އަަޅާބަލާއިރު އިމްތިހާނުތަކުން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވާ މިހާރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ އަހަރު ވިދާޅުވީ، އޭލެވެލް ކިޔަވާ ދަރިވަރުން ތެރެއިން ފާސްވާ ނިސްބަތް 60 އިންސައްތައިން 50 އިންސައްތައް ދަށްވެފައިވާ ކަމަށެވެ. ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ތައުލީމީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ނުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކަން އެހެން އޮއްވައި، ކޮންމެ ސަރުކާރަކުން އައިސް ވެސް ތައުލީމީ ދާއިރާއަށް މި ގެންނަނީ 'ބޮޑެތި' ބަދަލުތަކެކެވެ.

comment ކޮމެންޓް