މިއުޒިކް އިންޑަސްޓްރީގައި މިހާރު ފާހަގަކޮށްލެވޭ އެންމެ ނުފޫޒުގަދަ އެއް ލަވަކިޔުންތެރިޔާ އަދި ސެލެބްރިޓީ ޓޭލާ ސްވިފްޓް އެންގޭޖްމެންޓް އިއުލާނުކޮށްފިއެވެ.
ޓޭލާ އާއި އޭނާގެ ބައިވެރިޔާ މަޝްހޫރު އެމެރިކަން ފުޓްބޯލް ކުޅުންތެރިޔާ ޓްރެވިސް ކެލްސީ އާ ދެމީހުން އެންގޭޖުވެގެން އުޅޭ ކަމުގެ ވާހަކަތައް މީގެ ކުރީން އެތައް ފަހަރެއްގެ މަތީން ދެކެވިފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ދެމީހުން މީގެކުރީން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެހެންނަމަވެސް ދާދިފަހުން ސޯޝަލް މީޑިއާއަށް އާންމުކުރި ޕޯސްޓެއްގައި ޓޭލާ ވަނީ ދެމީހުންގެ އެންގޭޖްމެންޓް އިއުލާނު ކޮށްފައެވެ. ޕޯސްޓުގައި ބުނެފައިވަނީ ވަރަށް ކުރު މެސެޖެކެވެ. އެ މެސެޖުގައި ބުނަނީ "އެންމެންގެ ފޭވަރިޓް އިނގިރޭސި ޓީޗަރާއި ޖިމް އިންސްޓްރަކްޓަރު ކައިވެނި ކުރަން އުޅެނީ" އެވެ. މި މެސެޖުގައި އިނގިރޭސި ޓީޗަރަށް އިޝާރާތް ކުރަނީ ޓޭލާއަށެވެ. އަދި ޓްރެވިސް ކެލްސީ އަކީ ޖިމް އިންސްޓްރަކްޓަރެވެ.
ދެމީހުންގެ އެންގޭޖްމެންޓް އިއުލާނު ކުރި އިރު މުޅި އިންޓަނެޓު އަންނަނީ ދެމީހުންގެ އެންގޭޖްމެންޓަށް މަރުހަބާ ކިޔަމުންނެވެ. އޭގެތެރޭގައި މަޝްހޫރު އެކްޓަރުންނާއި ލަވަކިޔުންތެރިން ހިމެނެއެވެ.
ޓޭލާ އާއި ޓްރެވިސް ލޯބީގެ ގޮތުން ގުޅިފައިވަނީ 2023 ވަނަ އަހަރުގައެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރު ވާން ގާތް ވެފައިވާއިރު ދެމީހުން އެންމެ ފުރަތަމަ ދިމާވީ ޓޭލާގެ ކޮންސާޓެއްގެ ތެރެއިންނެވެ. ޓޭލާގެ ކޮންސާޓަކަށް ޓްރެވިސް ދިޔައީ އޭނާއަށް ހެދި ބްރޭސްލެޓެއް ދިނުމަށެވެ. އަދި ކޮންސާޓުގެ ބެކްސްޓޭޖުން ދެމީހުން ބައްދަލުވެ ނަމްބަރު ބަދަލުކޮށް ދެމީހުން ވާހަކަ ދައްކަން ފެށީ އެ އަހަރުގެ މެދުތެރޭގައެވެ. އެއަށްފަހު ދެމީހުން ރަށްޓެހިވިކަން އިއުލާނު ކުރީ ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
ޓޭލާގެ އެންގޭޖްމެންޓު އިއުލާނުކޮށްފައިވި ނަމަވެސް ކައިވެންޏާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ. ދެމީހުންގެ އެންގޭޖްމެންޓް އިއުލާނުކޮށްފައިވަނީ އޭނާގެ އާ އަލްބަމް "ލައިފް އޮފް އަ ޝޯގާލް" އިއުލާނުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.