މީގެ ދެ މަހެއް ކުރީން ނެޓްފްލިކްސްއިން ނެރުނު އެނިމޭޓެޑް ފިލްމު ކަމަށްވާ "ކޭޕޮޕް ޑީމަން ހަންޓާސް" އަކީ އެ ސްޓްރީމިން ސާވިސްގެ ތާރީހުގައިވެސް މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ފިލްމަށް ވެއްޖެއެވެ.
ކޮރިއަން ޕޮޕް ނުވަތަ ކޭޕޮޕް ގްރޫޕެއް އާދަޔާ ހިލާފު ބާރުތަކާ އެކު އެކި ކަހަލަ ނުރައްކާތަކުން ދުނިޔެ ސަލާމަތްކޮށްދޭތަން މި އެނިމޭޓެޑް ފިލްމުން ފެނެއެވެ.
ފިލްމު ނެރުމާ އެކު ވެސް ކުޑަކުދީންގެ ތެރޭގައި މި ފިލްމު މަގުބޫލުވާނެކަން އެނގުނީ ފިލްމުގެ މަގުބޫލު ސައުންޑްޓްރެކުންނެވެ. މަޝްހޫރު ތަފާތު ކޭޕޮޕް އާޓިސްޓުން ވެސް އަޑު އަޅާފައިވާ މި ފިލްމު ވެގެންދިޔައީ ބޮޑެތި މީހުންގެ މެދުގައި ވެސް މަގުބޫލު ފިލްމަކަށެވެ.
ނަމަވެސް، އެއްވެސް ބަޔަކު ހީނުކުރާ ވަރަށް ފިލްމު ވައިގައި ހިފީއެވެ. ފިލްމުގެ ސައުންޑްޓްރެކް ސްޓްރީމިން ސާވިސް ސްޕޮޓިފައިގެ ރިކޯޑުތައް މުގުރަން ފެށީއެވެ. މާ ގިނަ ދުވަސްތަކެއްނުވެ، އެންމެ މަގުބޫލު ކޭޕޮޕް ގްރޫޕުތަކުގެ ލ؛ިސްޓުގައި މި "ފޭކް" ގްރޫޕު ހިމެނެން ފަށައިފިއެވެ.
އެންމެފަހުން ރެކޯޑުތައް މުގުރަމުން ގޮސް މި ފިލްމު ވެގެން ގޮސްފައިވަނީ ނެޓްފްލިކްސް ތާރީހުގައިވެސް މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ފިލްމަށެވެ. ނެޓްފްލިކްސް އިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަށް 238 މިލިއަން ވިއުސް ލިބިފައިވެއެވެ. މިއީ މިހާތަނަށް ނެޓްފްލިކްސްގެ ފިލްމަކަށް އެންމެ ގިނައިން ވިއުސް ލިބުނު އަދަދެވެ.
މީގެ ކުރީން މި ރެކޯޑު އޮތީ ނެޓްފްލިކްސް އިން 2021 ވަނަ އަހަރު ނެރުނު "ރެޑް ނޯޓިސް" އަތުގައެވެ. ރާޔަން ރޭނަލްޑްސް އާއި ގަލް ގަޑޯޓް އާއި ޑްވޭން ރޮކް ޖޯންސަން ފެނިގެންދާ މި ކޮމެޑީ އެކްޝަން ފިލްމު ވަނީ ފުރަތަމަ 90 ދުވަހުގައި 230 މިލިއަން ވިއުސް ހޯދާފައެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ގިނަ ވިއުސް ހޯދައިގެން މިހާރު ކޭޕޮޕް ޑީމަން ހަންޓާސް މިއޮތީ ގާތްގަނޑަކަށް ހަތަރު އަހަރުގެ ދިގު ރެކޯޑެއް މުގުރާލާފައެވެ.
ފިލްމުގެ މަގުބޫލުކަން ބޮޑުކަމުން ނެޓްފްލިކްސް އިން ހާއްސަ ލައިވް އިވެންޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ލައިވް އިވެންޓަކީ ފިލްމުގެ ލަވަތައް ލައިވް އޯޑިއަންސްއެއްގައި ބެލުންތެރިންނާއެކު ކިޔުމަށް ބާއްވާ އިވެންޓެކެވެ. މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައެވެ.