ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް އެކްޓަރު ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކުރާ އާ ޕްރޮޖެކްޓް "އިލްޒާމް" އިއުލާނުކޮށްފިއެވެ.
ޔޫއްޕެ ލިޔެ، ޑައިރެކްޓް ކުރުމުގެ އިތުރުން ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޓައިޓަލް އާއި ޓީޒަރެއްވެސް ވަނީ ދާދިފަހުން އާންމުކޮށްފައެވެ. ފިލްމުގެ ޓައިޓަލް އާއި ފަސްޓްލުކް އާންމުކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ.
ފިލްމުގެ ޓައިޓަލް ރިވީލް އާއެކު އާންމުކުރި ޕޯސްޓަރުން ފެނިގެންދަނީ ޔޫއްޕެ އެވެ. ނަމަވެސް ޔޫއްޕެގެ އިތުރުން ތުއްތު ކުއްޖެއްވެސް މި ފިލްމުގެ ޕޯސްޓަރުން ފެނިގެންދެއެވެ. މިއީ ފިލްމުގެ މުހިއްމު ކެރެކްޓަރަކަށް ވާނެ ކަމަށް ޕޯސްޓަރުން އިޝާރާތް ކޮށްފައިވެއެވެ. އިލްޒާމްގެ ފަސްޓްލުކްގެ ޕޯސްޓަރުން އިތުރަށް ފެނިގެންދަނީ ބޮޑު އަކުރުން 2010 ޖަހާފައިވާ މަންޒަރެވެ. ނަމަވެސް މި ނަމްބަރު މި އިޝާރާތް ކުރަނީ ކޮން އެއްޗަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

''އިލްޒާމު" އިއުލާން ކުރަން ބޭއްވި އިވެންޓްގެ ތެރެއިން-- ސަން ފޮޓޯ: މޫސާ ނަދީމް
މުހައްމަދު އަބްދުالله (މުހައްމާ)ގެ ދެކެދެކެވެސް ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާ މި ފިލްމަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ފާހަގަކޮށްލެވޭ ގިނަ ތަރީން ފެންނާނެ ފިލްމެކެވެ. އެގޮތުން ފިލްމުގެ މުހިއްމު ރޯލުތަކުން އިންޑަސްޓްރީގެ ކުރީގެ ބޮޑެތި ތަރީންނާއި މިހާރުގެ ތަރީން ފެންނާނެއެވެ. އޭގެތެރޭގައި އަހުމަދު ނިމާލް އާއި މަރިޔަމް ޝަކީލާ ފަދަ ތަރީންނާއި މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު ފަދަ ތަރީން ހިމެނެއެވެ.
މި ފިލްމުގެ ޝޫޓިން މަސައްކަތް ކޮށްފައިވަނީ އދ. ދަނގެތީގައެވެ. ފިލްމުގެ މަސައްކަތް ބޮޑު ބައެއް ނިމިފައިވާއިރު މި ފިލްމު ނެރޭނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިއަހަރުގެ ތެރޭގައި ފިލްމު ނެރުމަށް ޕްރޮޑަކްޝަނުން ވަނީ އަމާޒު ހިފާފައެވެ.