ޖުމްލަ 12 މައްސަލައެއްގައި، ސްކޭމްކޮށްގެން މިލިއަނެއްހާ ރުފިޔާ ހޯދިކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ޑޭލައިޓްވިލާ، އުމުރުން 29 އަހަރުގެ ޝިހާން ޝިޔާމްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ޝިހާން ހައްޔަރުކޮށްފައިވަނީ އެންޓި-ސްކޭމް ސެންޓަރާއި ސ. ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ހިތަދޫއިންނެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ، މުދާ ސަޕްލައިކުރުމުގެ ނަމުގައި ފޯނުން ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކެއް އެކި ދުވަސްމަތިން އެ ޚިދުމަތަށް ހުށަހަޅާފައިވާތީ، އެ މައްސަލަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލަތަކުގެ ތަހުގީގަށް މިހާތަނަށް ބެލިބެލުމުން ފުލުހުންނަށް އެނގިފައިވާ ގޮތުގައި، މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން ވަނީ މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30,000 އަށްވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޝިހާން ޝިޔާމްގެ މައްޗަށް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން ފައިސާ ފޭރުން ފަދަ 12 މައްސަލައެއް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
މި 12 މައްސަލައިގެ ތެރެއިން، މަކަރާއި ހީލަތުން ހޯދާފައިވާ 380,000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓުގައި ދައުރުކޮށްފައިވާކަމާއި، މި 12 މައްސަލައިގެ ޖުމުލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ވެސް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން ފުލުހުންނަށް އެނގިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅިގެން ޝިހާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.