މީޑިއާ ވެސް އޮންނަންވާނީ ހުދޫދެއްގައި، އެކަމަކު ބިލު އޮތްގޮތަށް ފާސްކުރަން ދެކޮޅު: އަޒާން

މެންބަރު އަޒާން: އޭނާ ވިދާޅުވީ، މިީޑިއާ ބިލު އޮތްގޮތަށް ފާސްކުރަން ދެކޮޅު ކަމަށް -- ފޮޓޯ/ މަޖިލީސް

މީޑިއާ ވެސް ހިންގަން ޖެހޭނީ ވަކި ހުދޫދަކާއި އިމެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު މިހާރު ހުށަހަޅާފައި އޮތް މީޑިއާތަކާ ބެހޭ ބިލު އެ އޮތްގޮތަށް ފާސްކުރަން ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެއެވެ.

މީޑިއާތައް 'ކޮންޓްރޯލް'ކުރާ ބިލެއް ހުށަހެޅީ ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. އެ ބިލު އޮތްގޮތަށް ފާސްކުރަން ދެކޮޅު ހެއްދެވިއިރު އަޒާނަކީ މަޖިލީހަށް އިންތިޚާބުވުމުގެ ކުރިން ނޫސްވެރިއެކެވެ.

މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރު އޮތް ސަރުކާރާ ދެކޮޅަށް ގިނަ ލިޔުއްތަކެއް ލިޔުއްވައި، ބޮޑެތި ތުހުމަތުތައް އަމާޒުކުރެއްވި އަޒާން މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހާއި ފަނޑިޔާރުގެ ވެސް ހިންގަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ހުދޫދެއް ކަނޑައެޅިގެން ކަމަށެވެ. އެ ގޮތަށް މީޑިއާ ވެސް ހިންގަންވާނީ ހުދޫދަކާއި އިމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، ހައްނާން ހުށަހެޅުއްވި ބިލުގެ ބޭނުމަކީ މީޑިއާ އެ ހުދޫދުގެ ތެރެއަށް ވެއްދުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

https://sun.mv/210507

"އެހެންނަމަވެސް، މި ބިލުގައި އެބަހުރި އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ބައެއް ކަހަލަ ކަންކަން،" އޭނާ ވިދާޅުވިއެވެ.

އެ ގޮތުން އޭނާ ވިދާޅުވީ، ނޫސްވެރިއަކަށް އުޅުއްވި ދުވަސްވަރު މިދިޔަ އެމްޑީޕީ ވެރިކަމުގެ ފަސް އަހަރު ހަތަރު ފަހަރަށް އޭނާ ފުލުހަށް ހާޒިރުކުރި ކަމަށެވެ. އެއީ، ޚަބަރު ލިޔެގެންނާއި ޓުވީޓުކޮށްގެން ހިންގި ކަންކަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި، އޭނާގެ އެތައް އެކުވެރިންނެއް ޓުވީޓުކޮށްގެން ވަޒީފާއިން ވަކިކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އަޒާން ވިދާޅުވީ މި ފަދަ ގާނޫނެއް ހަދާއިރު އަބަދު ވެރިކަމުގައި ތިބޭނީ އެ ބޭފުޅުން ނޫންކަން ވިސްނާލަން ޖެހޭ ކަމަށެވެ.

"އޭރު ވެރިކަން ކުރެއްވި ބޭފުޅުން ފަދަ އެ ކަހަލަ ވެރިކަމެއް ދެން އަތުވެއްޖެއްޔާ ދެން އަނެއްކާ ވެސް މި ފަދަ ގާނޫނުތައް ބޭނުންކުރާނީ އަޅުގަނޑުމެންނާ ދެކޮޅަށް. ނޫސްވެރިންނާ ދެކޮޅަށް. އަދި، މިނިވަން ހިޔާލާއި މިނިވަން ފިކުރުގެ ފަރާތްތަކާ ދެކޮޅަށް،" އޭނާ ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، ކޮމިޝަނުން މައްސަލައެއް ބަލަން ފެށުމާ އެކު ނޫހެއް ހުއްޓުވާލެވޭ ގޮތަށް ބިލުގައި އޮތް އޮތުމަށް ތާއީދުނުކުރައްވާ ކަމަށެވެ. އެއީ، އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށް ފަހު، އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުގައި ގަރާރެއް ނެރެގެން ވަކި ކަހަލަ ހިޔާލު ފާޅުކުރުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މަނާކުރެއްވި ކަމަށެވެ. ނަން ވިދާޅުނުވި ނަމަވެސް އޭނާ ފާހަގަކުރެއްވީ އޭރު ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނާ ދެކޮޅަށް ނެރުއްވި ރިޔާސީ ގަރާރުގެ ވާހަކައެވެ. އެ ގަރާރު މި ސަރުކާރުން ވެސް ބާތިލެއް ނުކުރެއެވެ.

އެހެންވެ، މީޑިއާތަކާ ބެހޭ ބިލު އޮތް ގޮތަށް ފާސްކޮށްފި ނަމަ އެ ފަދަ ވެރިކަމެއްގައި އަނެއްކާ ވެސް ބައެއް ކަހަލަ ހިޔާލުތައް ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަހަލަ ކަންތައްތައް މިހެން ހުރުމުން، އަޅުގަނޑަކަށް ވެސް ނުފެނޭ މި ބިލު މި އޮތްގޮތަށް ފާސްކުރާކަށް،" އަޒާން ވިދާޅުވިއެވެ.

އަޒާން މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭނާ ވަނީ މީޑިއާ ކޮންޓްރޯލް ބިލު މިހާރު އޮތްގޮތަށް ފާސްކުރަން ދެކޮޅު ހައްދަވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ މަޝްހޫރުވި އަޒާން ވިދާޅުވީ، ބިލާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން، މީޑިއާގެ ބޭފުޅުންނާއި ކަމާ ބެހޭ ތަޖުރިބާކާރުންނާއި އަދި މަޖިލީހުގެ މެންބަރުންގެ މެދުގައި ވެސް އެކިއެކި ގޮތްގޮތަށް މަޝްވަރާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި އޭރުގެ ސަރުކާރުގެ ވެރިންނަށް އެކިއެކި ތުހުމަތުތައް އަމާޒުކޮށް، އަދި ޚާއްސަކޮށް އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން އަޒާންގެ މަޝްހޫރުކަން ބޮޑުވިއެވެ. އޭނާ ސިޔާސީ މައިދާނަށް ވަދެވަޑައިގެން މެންބަރުކަމަށް ކުރިމަތިލެއްވީ މި ސަރުކާރު އުފެދުމާ އެކު މިދިޔަ މަޖިލީސް އިންތިޚާބުގައެވެ.

ހައްނާން ހުށަހަޅުއްވާފައި އޮތް މީޑިއާ 'ކޮންޓްރޯލް'ކުރާ ބިލާ ގުޅިގެން ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، ބިލާ އެކު މިނިވަން ނޫސްވެރިކަން ނެތިކޮށްލާނެ ކަމަށާއި މުޅި ބިލުގެ މަގުސަދަކީ މީޑިއާ ކޮންޓްރޯލްކުރުން ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ.

އެކަމަކު، ސަރުކާރުން ވަނީ ބިލުގެ ސަބަބުން މީޑިއާ ބާރުވެރިވާނެ ކަމަށް ބުނެ ބިލަށް ތާއީދުކޮށްފައެވެ.

comment ކޮމެންޓް