ކޮންޓްރޯލް ކުރަން އުޅުމުން ވަގު ސިނގިރޭޓް އިތުރުވި ގޮތަށް ދެން އިތުރުވާނީ ކުރުސީ: ފިއްޓޭ

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު: އޭނާ ވިދާޅުވީ، ސަރުކާރުން މަޖިލީހަކީ ޑެގު ބުރުހަކަށް ހަދައިފި ކަމަށް -- ފޮޓޯ/ މަޖިލީސް

މީޑިއާގެ އެއްވެސް ތަޖުރިބާއެއް ނެތް, ސަރުކާރާ ވަރަށް ގުޅުން ބޮޑު, ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު , މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ރައީސަށާއި ސަރުކާރަށް ލިބޭގޮތަށް ހުށަހަޅާފައިވާ ބިލާއެކު, ކަންކަން ހާމަ ކުރުމަށް ޓަކައި ދެން ގިނަވާނީ ކާކުކަން ނޭނގޭގޮތަށް ހިންގާ އައިޑީތައް ކަމަށް, ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.

ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރު ޖަލްސާއެއް މިއަދު ބާއްވަވައި މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލަށް އިސްކަން ދީފައިވާއިރު މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާއި އެމްޑީޕީން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.

ސަރުކާރާއި ރައީސަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ދޭ ބިލަށް ތާއީދުކޮށް, ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ދައްކަވާ ވާހަކައިގައި ނޫސްތަކުން ފަތުރަނީ ދޮގު ކަމަށާއި މީހުންގެ އަބުރު ކަތިލަނީ ކަމަށް ދަނީ ވިދާޅުވަމުންނެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވާ ގޮތުގައި ދޮގު ހުއްޓުވުމުގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަނީ ކުރާ ވައްކަންތަކުގެ ވާހަކަ ދެއްކިޔަ ނުދިނުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު: ރައީސަށް ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރުމުގެ ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތަށް ބިލެއް ވަނީ ހުށަހަޅައިފައި -- ފޮޓޯ/ ރައީސް އޮފީސް
މަޖިލީހުގެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން, ފިއްޓޭ ވިދާޅުވީ މި ބިލަކީ މިހާރު މި ހިނގާ މަޖިލީހުގައި ބިލަކާ ގުޅިގެން އެންމެ ގިނައިން, ގުރުއާނާއި ރަސޫލާގެ ޙަދީޘުން ދަލީލު ދެއްކި ބިލް ކަމަށެވެ. ނަމަވެސް ކިތަންމެ މަސައްކަތް ކުރި ނަމަވެސް ރާއްޖޭން ދެން މިނިވަން ނޫސްވެރިކަން ނުފޮހެވޭނެ ކަމަށާއި ވައްކަން ކުރާނަމަ އެ ވާހަކަ ދައްކާނެ ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

މި ސަރުކާރުން ސިނގިރޭޓާ ދެކޮޅަށް ފާސްކުރި ބިލާއެކު ރާއްޖޭގައި އިތުރުވީ ވަގު ސިނގިރޭޓް ކަމަށާއި މި ބިލް ފާސްކޮށްފިނަމަ ދެން ގިނަ ވާނީ "ކުރުސީ" ކަމަށް ފިއްޓޭ ވިދާޅުވިއެވެ. އޭނާ އެ ފާހަގަ ކުރެއްވީ ކާކުކަން ނޭނގޭ މީހަކު އެކްސްގައި ހިންގާ "ހަސަން ކުރުސީ" ފަދަ އެކައުންޓްތައް ގިނަ ވާނެ ވާހަކައެވެ. ހަސަން ކުރުސީގެ އެކައުންޓުން ގެންދަނީ ގިނަ ކަންތައްތަކެއް ފަޅާއަރުވަމުންނެވެ.

"އިއްޒަތްތެރި ރައީސް ސިނގިރޭޓް ބިލުން ވީ ކަމަކީ ކޮބާތޯ. ވަގު ސިނގިރޭޓް ގިނަވީ. މި ބިލުން ނުކުންނާނެ ނަތީޖާއަކީ ކުރުސީ ގިނަވާނީ. ވަގު އެކައުންޓްތައް ގިނަ ވާނީ. އެ ނޫން ކަމެއް މިޔަކުން ނުހިނގާނެ... އަޅުގަނޑު މި ދަންނަވަނީ ކެރިހުރެ. މި ގައުމަކުން ދެނެއް މިނިވަން ނޫސްވެރިކަމެއް ފަހަތަކަށް ނުޖެއްސޭނެ... ބޯފަނަސް ބޯބުޅިޔަސް އަބްދުالله ވައްކަން ކޮށްފިއްޔާ އެ ވާހަކަ ދައްކާނެ," ފިއްޓޭ ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަން ކުރައްވަނީ ބައްޕާފުޅުގެ ފޮތުން ފިލާވަޅު ލިބިވަޑައިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާތީ ފިއްޓޭގެ ވާހަކައިގައި އެ ފޮތަށް އިޝާރާތް ކުރެއްވެވިއެވެ. އެ ފޮތަކީ ރައީސްގެ ބައްޕާފުޅު، ދީނީ އިލްމުވެރިޔާ އަދި ޝަރުއީ ދާއިރާގެ ތަޖުރިބާކާރުހުސައިން އަބްދުއްރަހްމާން ލިޔުއްވާފައިވާ 'ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަހްފޫމް' ފޮތެވެ.

އާއްމުކޮށް ވަރަށް މަޖާޒީކޮށް ވާހަކަ ދައްކަވާ ފިއްޓޭ ވިދާޅުވީ ރައީސް ވެރިކަން ކުރައްވާއިރު "ގައިޑަކަށް" ބައްލަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި ފޮތުގައި މީޑިއާމެދު އޮތްގޮތް ބައްލަވާލެއްވި ކަމަށެވެ. އެ ފޮތުގެ 69 ވަނަ ސަފްހާގައި ބުނެފައިވަނީ މިނިވަން މީޑިއާއަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

"އެ ފޮތުގައި ބުނާގޮތުން އެއީ ހުރިހާ ގޮތަކުން އެންމެ މަތީ ބާރު. އެއް މާނައެއްގައި. އެއީ އެ ފޮތުގައި އޮތްގޮތް. އަޅުގަނޑު ދޮގު ހަދަން ބޭނުން ނުވާތީ މި ފޮތަށް ބަލައިގެން މި ވާހަކަ މި ދައްކަނީ. އަދި އެ ފޮތުގައި އޮތް ގޮތުން މިފަދަ ބިލަކީ މިފަދަ ވެރިކަމެއްގައި ކޮންމެހެން އޮންނަން ޖެހޭ ބިލެއް," ފިއްޓޭ ވިދާޅުވިއެވެ.

"މީގެ ކުރިން މި ބިލު އައި މި މަޖިލީހަށް. އެކަމަކު އެ ފޮތުގައި އޮތްގޮތުން އެ ބިލު އޭރުގައި ފާސްކުރާކަށް ނުފެނޭ. އެއީ ހުދުމުހުތާރު ވެރިކަމެއްވެއްޖެއްޔާ ތަރުތީބުން ކޮންޓްރޯލް ނަގަމުން އަންނާނީ. ފުރަތަމަ ކަމަކީ ރައްޔިތުންގެ މަޖިލިސް... ދެވަނަ ކަމަކަށް ޝަރުއީ ނިޒާމު. އެއަށް ބާރު ފޯރުވޭ އެ މުށުތެރެއަށް ލުމަށް ފަހުގައި ތިން ވަނަ ހަމަލާ އަންނާނީ މިނިވަން ނޫސްވެރި ކަމަށޭ. މިއީ އެ ފޮތުގައި އޮތް ވާހަކަ،"

ފިއްޓޭ ވިދާޅުވީ އެ ފޮތުގެ 340 އިން 360 އަށް ވިދާޅުވުމުން ސީދާ ފެންނާނީ ރައީސް މުއިއްޒުގެ "ކުލަ ފޮޓޯއެއް" ކަމަށެވެ.

https://www.sun.mv/210138

މީޑިއާގެ އެއްވެސް ތަޖުރިބާއެއް ނެތް, ސަރުކާރާ ވަރަށް އަރިސް މެންބަރު ހަންނާން, މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރާއި ރައީސަށް ލިބޭގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މިނިވަން ނޫސްވެރިކަން ހުއްޓުވާލަން ކުރެވެން ހުރި ހުރިހާ ކަމެއް ހިމަނާފައިވާ ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

"މި ބިލަށް އިސްލާހެއް ހުށަހަޅައިގެން މި ބިލް އިސްލާހު ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން އިއްޒަތްތެރި ރައީސް. އިސްލާހެއް ހުށަހެޅޭނީ ބިލަކަށް. މިއީ ބިލެއް ކަމަކަށް ވެސް އަޅުގަނޑު ގަބޫލު ނުކުރާތީ އިސްލާހު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން," މަޖިލީހުގައި ދެވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ ފިއްޓޭ ވިދާޅުވިއެވެ.

މި ބިލް އޮތްގޮތުން މި ބިލް ގާނޫނަކަށް ވުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ވެސް އަދަބު ދެވޭ ކަމަށާއި އެހެންކަމުން މިއީ ގާނޫނުއަސާސީއާ ސީދާ ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ފިއްޓޭ ވިދާޅުވިއެވެ. އަދި ބިލް އޮތްގޮތުން ނޫސްތަކުގައި ލިޔާ ވާހަކައަކީ ދޮގުކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟

  • މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
  • ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
  • ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
  • ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
  • ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
  • މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
  • ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
  • ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
  • ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ

މިފަދަ ނުރައްކާތެރި ބިލެއް ފާސް ނުކުރަން އެދި, ނޫސްވެރިން ވެސް އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް