އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދީ، ހުޅުމާލެ ހޮސްޕިޓަލުގައި ސަރުކާރުގެ ދެވަނަ އައިނު ފިހާރަ މިއަދު ހުޅުވައިފިއެވެ.
'އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ'ގެ ނަމުގައި ހުޅުމާލެ ހޮސްޕުޓަލުގައި އައިނު ފިހާރަ ރަަސްމީކޮށް ހުޅުވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި، ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.
'ސަން' އާ ވާހަކަދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައެކޭ އެއްގޮތަށް އެތަނުން ލިބޭ ހުރިހާ ޚިދުމަތެއް މި ފިހާރައިން ވެސް ލިބޭނެ ކަމަށެވެ. އެގޮތުން ދުވާލަކު 34 އައިނާއި، 40 އައިނާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ދެވަނަ އައިނު ފިހާރަ ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ރަސްމިއްޔާތުގައި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވާހަކަދައްކަވަނީ -- ފޮޓޯ/ ހުޅުމާލެ ހޮސްޕިޓަލް
"އަޅުގަނޑުމެން މި ފިހާރައިގައި ހުރި ލެންސްތަކަށް ބަލާއިރު ބައެއް ފަހަރަށް ހަދަންޖެހޭނެ ކޮމްޕްލިކޭޓެޑް ލެންސް ވެސް. ފިހާރައިން ނުހެދޭ ލެންސް ރާއްޖެއިން ބޭރުން ވެސް ހަދައިގެން ހަމަ ގެނެވޭނެ،" ހަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރައެއް ހުޅުވުމަކީ އައިޖީއެމްއެޗްގެ އައިނު ފިހާރައިން ހައްދާ އައިނުގެ އަދަދު ޑަބަލްވުމެވެ. އެއީ އައިނު ހައްދަން ތިބޭ މީހުންނަށް ލިބޭނެ ފަސޭހައެއް ކަމަށާއި، ވަކިން ޚާއްސަކޮށް ހުޅުމާލެއަކީ ބޮޑު އާބާދީއަކަށްވެފައި، އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވި ގޮތުގައި މިއީ އައިނުގެ އަގުބޮޑުކަމާއި އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް އަމާޒުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވި ވަރަށްވެސް އަގުހުރި ފިޔަވަޅެކެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި އައިނު ފިހާރައިގެ ޚިދުމަތް ވެސް، އައިޖީއެމްއެޗެކޭ އެއްފަދައިން އެއް ގަޑިތަކެއްގައި ލިބޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި ގާއިމްކުރި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ ހުޅުވައިދެއްވައި އެ ޚިދުމަތް އިފުތިތާހުކޮށްދެއްވީ މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ހަވީރު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ފާހަގަކުރެވޭ ގޮތުގައި އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ފަހިވުމުން، ސަރުކާރުގެ އައިނު ފިހާރައަށް އޮތް ޑިމާންޑު ވަނީ ބޮޑުވެފައެވެ. އެގޮތުން އައިނު ހެއްދުމަށް އައިޖީއެމްއެޗްގެ ކިޔޫގައި އެތައް ބަޔަކު މިހާރުވެސް އެބަތިއްބެވެ.

އައިޖީއެމްޗްގައި ސަރުކާރުން އައިނު ފިހާރައިން ޚިދުމަތް ދިނުން -- ސަން ފޮޓޯ/ މޫސާ ނަދީމް
އެންމެ ފަހުން މިމަހުގެ ފަސްވަނަ ދުވަހު އައިޖީއެމްއެޗުން ބުނީ ހިލޭ އައިނު ހައްދަން 1،267 މީހަކު އެދިފައި ވާކަމަށާއި އެހާތަނަށް ދޫކުރީ 131 އައިނު ކަމަށެވެ.
ސަރުކާރުގެ ހޮސްޕިޓަލުތަކުން ލޮލުގެ އެކި ބަލިބައްޔަށް ބޭސް ކުރެވޭއިރު، އައިނު ހައްދައިދިނުމުގެ ޚިދުމަތް މި ފެށީ އަލަށެވެ. ރާއްޖޭގައި މި ޚިދުމަތް އަބަދު ވެސް ދެމުން އައީ ޕްރައިވެޓް ސެކްޓަރުންނެވެ. އައިނު ހެއްދުމަކީ ބޮޑު ޚަރަދު ހިނގާ ކަމަކަށްވާއިރު، އެ ކަމުގައި އާސަންދައިން އައީ 1،000 ރުފިޔާ ކަވަރުކޮށްދެމުންނެވެ.
ނަމަވެސް، ފަހުން ސަރުކާރުން ވަނީ މި އަދަދު 2000އަށް ބޮޑުކޮށްދީފައެވެ.
މި ފައިސާ އާސަންދައަށް ކެނޑުމަށްފަހު ވެސް އާންމުންގެ އަތުން އެ ޚިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އޭރު އޮތީ ޝަކުވާ ބޮޑުވެފައެވެ.