ހަތަރުވަނަ ޑިވިޝަންގެ ޓީމަކުން ޔުނައިޓެޑް ލަދުގަންނަވާލައިފި

ކަރަބާއޯ ކަޕްގެ ދެވަނަ ބުރުގައި އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑައި ހަތަރުވަނަ ޑިވިޝަންގެ ގްރިމްސްބީ ބައްދަލުކުރި މެޗުން ލަދުވެތި ގޮތަކަށް ޔުނައިޓެޑް ބަލިވެއްޖެއެވެ.

ގްރިމްސްބީގެ ބްލަންޑެލް ޕާކް ސްޓޭޑިއަމްގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެފައިވަނީ ފުރިހަމަ ވަގުތުގައި 2-2 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 12 ލަނޑު 11 ލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ގްރިމްސްބީންވަނީ މޮޅު ކުޅުމެއް ދައްކާ ޔުނައިޓެޑް ސިއްސުވާލާފައެވެ. މިގޮތުން، މި ހާފުގައި ގްރިމްސްބީންވަނީ ދެ ލަނޑުގެ ލީޑެއް ނަގާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ހައިރާންކަން ގެނުވާފައެވެ.

ގްރިމްސްބީން ކާމިޔާބު ކުރި ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗާލްސް ވާނަމެވެ. އޭގެ އަށް މިނެޓް ފަހުން ޓައިރެލް ވަރެން ކާމިޔާބުކޮށްދިން ލަނޑުން ގްރިމްސްބީން ދެ ލަނޑުގެ ލީޑެއް ނެގިއެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގައި ބެންޗުން މެޗު ފެށި ކެޕްޓަން ބްރޫނޯ ފެނާންޑެޒާއި ބްރަޔަން އެމްބެއުމޯ އަދި މެތިއަސް ޑި ލިޓް ކުޅެން އެރުވުމެވެ. މި ބަދަލުތަކާ އެކު ވެސް ޔުނައިޓެޑަށް ފުރަތަމަ ލަނޑު ކާމިޔާބުކުރެވިފައިވަނީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ އެމްބެއުމޯއެވެ. މެޗު ނިމެން ނިމެޓަކަށް ވެފައިވަނިކޮށް ހެރީ މެގުއަޔާ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށް މެޗުން މޮޅުވުމުގެ އުންމީދު އެ ޓީމުން އާކުރިއެވެ.

މެޗުގެ ޕެނަލްޓީ ޝޫޓް އައުޓްގައި ދެޓީމުގެ ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބުކުރިއިރު ގްރިމްސްބީގެ ކްލާކް އޮޑުއޯ ޖެހި ތިންވަނަ ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު އަންޑްރޭ އޮނާނާ ދިފާއުކުރިއެވެ. ޔުނައިޓެޑުން ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް، މެޗު ކާމިޔާބުކުރުމަށް މެތިއަސް ކޫންޔާ ޖެހި ފަސްވަނަ ޕެނަލްޓީ ގްރިމްސްބީގެ ކީޕަރު ކްރިސްޓީ ޕީމް ދިފާއުކޮށް، ޕެނަލްޓީ ޝޫޓް އައުޓް އިތުރަށް ކުރިއަށް ގެންދިއުމަށް މަޖުބޫރުކުރުވިއެވެ. އަދި، ދެ ޓީމުގެ ކުރިހާ ކުޅުންތެރިން ޕެނަލްޓީ ޖަހާ ދެވަނަ ބުރަށް ޕެނަލްޓީ ޖަހަން ފަށައި ގްރިމްސްބީން 13 ވަނަ ޕެނަލްޓީ ޖަހައި 12 ލަނޑު ފުރިހަމަ ކުރިއިރު ޔުނައިޓެޑުން އެއްވަރު ކުރުމަށް އެމްބައުމޯ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލު ދަނޑިއަށެވެ.

މި ކާމިޔާބީއާ އެކު ގްރިމްސްބީން ވަނީ ކަރަބާއޮ ކަޕްގެ ތިންވަނަ ބުރުން ޖާގަ ހޯދާފައެވެ. މިއީ އެ ކްލަބްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަށް ވާނެއެވެ. އަދި، މިއީ ލީގު ޓޫގެ ޓީމެއް އަތުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ.

މެޗު ނިންމާލިއިރު އާ ސީޒަނަށް ޔުނައިޓެޑުން އެކުލަވާލި 200 މިލިއަން ޕައުންޑްގެ ފޯވަޑް ލައިން ދަނޑު މަތީ ތިބިއިރު އޭގެ ތެރެއިން ދެ ކުޅުންތެރިން ޖެހި ދެ ޕެނަލްޓީވަނީ ނާކާމިޔާބުވެފައެވެ.

ލީގު ކަޕްގެ ދެވަނަ ބުރުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ފުލަމާއި ބްރިށްޓަލް ސިޓީ ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ފުލަމް ކާމިޔާބުކުރިއިރު ބްރައިޓަން އެންޑް ހޯވް އެލްބިއަންއާއި އޮކްސްފަޑް ބައްދަލުކުރި މެޗު 6 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައިވަނީ ބްރައިޓަންއެވެ. އަދި، އެވަޓަންއާއި މެންސްފީލްޑް ޓައުން ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައިވަނީ އެވަޓަންއެވެ.

comment ކޮމެންޓް