ކޭންގެ މޮޅު ކުޅުމާ އެކު ބަޔާން ދެވަނަ ބުރަށް

ޖާމަން ކަޕް ފުޓްބޯޅަ މުބާރާތުގައި ބަޔާން މިޔުނިކާއި ވެހެން ވިއެސްބަޑެން ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ބަޔާންއިން މި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ޖަރުމަނުގެ ތިންވަނަ ޑިވިޝަންއަށް ނިސްބަތްވާ ވިއެސްބަޑެންގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާންއިން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ބަޔާންއިންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ 16 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު ފޯވަޑް ހެރީ ކޭންއެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތު ބަޔާންއަށް ލިބުނެވެ. މެޗުގައި ބަޔާންއިން ކާމިޔާބުކުރި ދެވަނަ ލަނޑު 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މައިކަލް އޮލީސޭއެެވެ.

މެޗުގައި ވިއެސްބަޑެންއިން ކާމިޔާބުކުރި ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 64 އަދި 70 ވަނަ މިނެޓުގައި ފާތިހު ކާޔާ ޖަހައިދިން ދެ ލަނޑުންނެވެ. މެޗުގެ 76 ވަނަ މިނެޓުގައި ބަޔާންއަށް މެޗުގެ ލީޑު ނަގާނެ ރަނގަލު ފުރުސަތެއް ލިބުނު ނަމަވެސް ކޭން ޖެހި ޕެނަލްޓީ ވަނީ ވިއެސްބަޑެންގެ ކީޕަރު ފްލޮރިއަން ސްޓްރިޓްޒެލް ދިފާއުކޮށްފައެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ކޭން އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ވޯލްޑް ކަޕަށް ފަހު މިހާތަނަށް ޖެހި 31 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ބަޔާންއަށް ކާމިޔާބުކޮށްދިން 22 ޕެނަލްޓީ ވެސް ހިމެނެއެވެ. މި ޕެނަލްޓީ ކޭން އަތުން ނާކާމިޔާބުވި ނަމަވެސް މެޗުން ބަޔާން މޮޅު ކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ކޭންއެވެ.

މި ކާމިޔާބީއާ އެކު މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ބަޔާންއަށް ކަށަވަރުވެފައިވީ ނަމަވެސް ބައްދަލުކުރާނެ ޓީމެއް އެނގޭނީ އަންނަ އާދިއްތަ ދުވަހު ބާއްވާ ގުރުއަތުލުމުންނެވެ.

comment ކޮމެންޓް