ދެކުނު ކޮރެއާގެ ކްލާސްރޫމްތަކުގައި މޮބައިލް ފޯނު ބޭނުންކުރުން މަނާކުރާ ބިލެއް ފާސްކޮށްފި

ދެކުނު ކޮރެއާގެ ސްކޫލްތަކުގައި މޯބައިލް ފޯނު ބޭނުންކުރުން މަނާ ކުރާ ބިލެއް ވަނީ ފާސްކޮށްފައި -- ފޮޓޯ/ ގެޓީ

ކްލާސްރޫމްތަކުގައި މޯބައިލް ފޯނާއި ސްމާޓް ޑިވައިސް ބޭނުންކުރުން މަނާކުރާ ބިލެއް ދެކުނު ކޮރެއާއިން ފާސްކޮށްފިއެވެ.

ބުދަ ދުވަހުގެ މެންދުރު ފަހު ބިލު ފާސްކޮށްފައިވަނީ ހާޒިރުވި 163 މެންބަރުންގެ ތެރެއިން 115 މެމްބަރުންގެ ވޯޓުންނެވެ.

ދެކުނު ކޮރެއާގެ ގިނަ ސްކޫލްތަކުގައި މިހާރު ވެސް ސްމާޓް ފޯނު ބޭނުންކުރުން މަނަލެވެ.

އަންނަ އަހަރުގެ މާޗް މަހުން ފެށިގެން އަމަލުކުރަން ފަށާ މި ގާނޫނަކީ ސްމާޓްފޯނަށް ދެވިހިފުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.

ހަމައެކަނި ކްލާސް ގަޑީގައި ފޯނު ބޭނުންކުރުން މަނާކުރި ނަމަވެސް، ސްކޫލް ގޯތިތެރޭގައި ދަރިވަރުން ފޯނު ބޭނުންކުރުން ހުއްޓުވުމުގެ ބާރު އެ ބިލުގައި ޓީޗަރުންނަށް ދީފައިވެއެވެ. އަދި ސްމާޓް ޑިވައިސްތައް ރަނގަޅު ގޮތުގައި ބޭނުންކުރުމާ ބެހޭ ގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ބައެއް ކަންތައްތައް އިސްތިސްނާ ކޮށްފައިވެސްއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވުމުގައި ބޭނުންކުރާ އާލާތްތައް ބޭނުން ކުރުމުގެ ހުއްދަ ދީފައިވާއިރު، ތައުލީމީ ބޭނުމުގައި ނުވަތަ ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައިވެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންވެސް އިއްތިފާގުވާ ގޮތުގައި ސްމާޓްފޯން ބޭނުންކުރުމަކީ ދަރިވަރުންގެ ތައުލީމީ ފެންވަރަށް އަސަރުކުރާ ކަމެކެވެ. އަދި ކިޔެވުމަށް ހޭދަކުރާ ވަގުތުތައް ފޯނު ބޭނުންކުރުމުގައި ހޭދަކުރާ ކަމަށްވެސް އެ މީހުން ބުނެއެވެ.

ފިންލޭންޑާއި ފްރާންސް ފަދަ ބައެއް ގައުމުތަކުން މިހާރުވެސް ކޮންމެވެސް މިންވަރަކަށް ފޯނު ބޭނުންކުރުން މަނާކޮށްފައިވާއިރު، އެ ހުރަސް އަޅާފައިވަނީ ހަމައެކަނި ކުޑަކުދިންނަށް ކިޔަވައިދޭ ސްކޫލްތަކަށެވެ. އިޓަލީ، ނެދަލެންޑްސް އަދި ޗައިނާ ފަދަ އެހެން ގައުމުތަކުން ވަނީ ހުރިހާ ސްކޫލެއްގައި ފޯނު ބޭނުންކުރުން ހަނިކޮށްފައެވެ.

ނަމަވެސް ދެކުނު ކޮރެއާއަކީ މިފަދަ މަނާކުރުން ގާނޫނީ ގޮތުން ކަނޑައެޅި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ދެކުނު ކޮރެއާގެ 51 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން ފޯނަށް ބަރޯސާވާ ކަމަށް 2024 ވަނަ އަހަރު ސަރުކާރުން ކުރި ސާވޭއަކުން ވަނީ ދައްކާފައެވެ. ނަމަވެސް 10 އަހަރާއި 19 އަހަރާ ދެމެދުގެ މީހުންގެ އަދަދު ވަނީ ދެގުނަ ބޮޑުވެ، 43 ޕަސަންޓަށް އުފުލިފައެވެ.

comment ކޮމެންޓް