ޣައްޒާގައި ތިބި ނޫސްވެރިންނަށް ހިތްވަރުދޭން ލަންޑަންގައި އެއްވުމެއް

ޣައްޒާގައި ތިބި ނޫސްވެރިންނަށް ހިތްވަރުދީ އެއްބައިވަންތަވުމުގެ ގޮތުން އިއްޔެ ލަންޑަނުގައި ބޭއްވި އެއްވުން. ފޮޓޯ/އޭއެފްޕީ

މި ހަފުތާގެ ކުރީކޮޅު އިސްރާއީލުން ދިން އަސްކަރީ ދެ ހަމަލާއެއްގައި ފަސް ނޫސްވެރިން ޝަހީދުކޮށްލުމާ ގުޅިގެން ޣައްޒާގައި ތިބި ނޫސްވެރިންނަށް ހިތްވަރުދީ އެއްބައިވަންތަވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ނޫސްވެރިން އިއްޔެ އެއްވުމެއް ބާއްވައިފިއެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ޔޫނިއަން އޮފް ޖާނަލިސްޓް (އެންޔޫޖޭ)ގެ މެންބަރުން ވަނީ ޑައުންނިން ސްޓްރީޓް އޮފީހާއި ބޮޑުވަޒީރު ކޭއާ ސްޓާމާގެ ގެކޮޅުގެ ބޭރުގައި އެއްވެ، ޖަވާބުދާރީވުމަށް ޑިމާންޑްކޮށް ސިޓީއެއް ފޮނުވައި، މީޑިއާގެ މަސައްކަތްތެރިން ހިމާޔަތް ކުރުމަށް އިނގިރޭސިވިލާތުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލާފައެވެ.

އެއަށް ފަހު ބައިވެރިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާއިން މަރުވެފައިވާ ކަމަށް ޕްރެސް ވޮޗްޑޮގްތަކުން ބުނެފައިވާ 200 އަށް ވުރެ ގިނަ ނޫސްވެރިންގެ ނަން އަޑުގަދަކޮށް ކިޔާފައެވެ.

އަންގާރަ ދުވަހު ފެށި ޣައްޒާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ތާއީދުކޮށް 48 ގަޑިއިރުގެ އެއްބައިވަންތަކަމުގެ އެއްވުމުގައި އެންޔޫޖޭއިން ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

"އަހަރެމެން މި ތިބީ އެއްބައިވަންތަކަން ދައްކަން. އަދި، މިހާރު ހިނގާ ކަންކަމާ މެދު އެކުވެރި ނޫސްވެރިންގެ ގޮތުގައި ކަންބޮޑުވާކަން ދައްކަން،" އެއްވުން އިންތިޒާމްކުރުމުގައި އެހީތެރިވި ފްރީލާންސް ނޫސްވެރިއެއް އަދި އެންޔޫޖޭގެ މެންބަރެއް ކަމަށްވާ މިސް ޑެބޮރާ ހޮބްސަން ބުންޏެވެ.

އެންމެ ފަހުން ނޫސްވެރިން މަރާލުމުގެ އިތުރުން މީގެ ކުރިން ހިނގާފައިވާ ހާދިސާތަކަށް ސްޓާމާގެ ސަރުކާރުން ދިން ރައްދު ވަރަށް ދަށް ކަމަށް ހޮބްސަން ބުންޏެވެ.

"އަޅުގަނޑުމެންގެ ބޮޑުވަޒީރަކު އެބަހުރި. އިންސާނީ ހައްގުތަކާ ބެހޭ ވަކީލެއް،" ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން ސްޓާމާގެ ކެރިއަރަށް އިޝާރާތް ކުރައްވައި ހޮބްސަން ބުންޏެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ފާއިތުވި މަސްތަކުގައި އިސްރާއީލުން ޣައްޒާގައި ބޭނުން ކުރުމަށް އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ލައިސަންސް ސަސްޕެންޑްކޮށް، އިސްރާއީލާ އެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައި، އިސްރާއީލުން ހަނގުރާމަ ކުރިއަށް ގެންދިއުމާ ގުޅިގެން އިސްރާއީލުގެ ކަނާތުފިޔައިގެ ދެ ވަޒީރަކަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ.

އެ ގައުމަކީ ޣައްޒާއަށް މިނިވަން ބޭރުގެ މީޑިއާތައް ވަނުމުގެ ހުއްދަ ދިނުމަށް އިސްރާއީލަށް ގޮވާލި 27 ގައުމުގެ ތެރެއިން އެއް ގައުމެވެ.

މި ހަފުތާގެ ހޯމަ ދުވަހު ޣައްޒާގެ ދެކުނަށް ދިން ހަމަލާތަކުގައި 20 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އަލްޖަޒީރާ، އެސޯސިއޭޓެޑް ޕްރެސް އަދި ރޮއިޓާސް ގައި މަސައްކަތްކުރި ފަސް ރިޕޯޓަރުން ހިމެނެއެވެ.

ނަމަވެސް، އެ ހަމަލާ އަމާޒު ކުރީ ހަމާސްއިން އޮޕަރޭޓްކުރި ކެމެރާއަކަށް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް