މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭ ބިލުގައި އެއްބަސްނުވެވޭ ބައިވަރު ކަންކަން އެބަހުރި ކަމަށް މި ސަރުކާރުގެ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު އިއްޔެ، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބަލައިގެންފައެވެ. އަދި, އެ ބިލުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފަށަން ވަނީ ތާވަލުކޮށްފައެވެ.
އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަން ނޫސްވެރިން މިއަދު ވެސް އަންނަނީ ރައީސް އޮފީސް ސަރަހައްދުގައި ހިމޭން އިހުތިޖާޖެއް ކުރަމުންނެވެ. މިނިސްޓަރު އަސްވާޑާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް ވަނި ކަންބޮޑުވުން ފާޅުކުރަން ތިބި ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
އެ ބިލާ ގުޅިގެން ރައީސް އޮފީސް ކުރިމަތީގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން އަސްވާޑް ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލުގައި އެއްބަސްނުވެވޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. އެ ކަންކަމަށް ހައްލު ހޯދަން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ލަފާދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތި ބިލުގައި އޮތް ގޯހެއް ވެއްޖިއްޔާ އިސްލާހުކުރަން އަހަރެން ބޭނުންވާނޭ،" ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވިއެވެ.
އެއްބަސްނުވެވޭ ބައިވަރު ކަންކަން ބިލުގައި ހުރި ކަމަށް އަސްވާޑް ވިދާޅުވި ނަމަވެސް އެއީ ކޮން ކަންތައްތަކެއްކަމެއް ވިދާޅެއް ނުވެއެވެ. އެ ކަމާ ގުޅޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އެ ސަރަހައްދުގައި ތިބި ނޫސްވެރިން ވަނީ މީޑިއާގެ ހައްގުގައި ވަކާލާތުކުރުމަށް ވުރެ ކެބިނެޓުގެ މަގާމު މުހިންމީތޯ ސުވާލުކޮށްފައެވެ.
އެކަމަކު، އަސްވާޑް ވަނީ 'މަގާމުން ކައިގެން ބޮއެގެން އުޅޭ މީހެއް' ނޫން ކަމަށް ވިދާޅުވެ، އެ ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިއަދު ބިލުގެ ވާހަކަދައްކަވަނީ ވެސް މަގާމުގައި ހުންނަވައިގެން ކަމަށެވެ. އަދި، އޭނާއަކީ އެ ހުރިހާ ނޫސްވެރިންނަށް ވުރެ ވެސް ބޮޑަށް ނޫސްވެރިކަން ދެކެ ލޯބިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް، ނޫސްވެރިން 'އުލުބައިންދަން' ގޮވާލެއްވި ގޮވާލެއްވުމާ ގުޅިގެން ސުވާލުކުރުމުން އަސްވާޑް ވަނީ އެކަން ކުށްވެރިކުރަން ދެކޮޅު ހައްދަވާފައެވެ.
އަސްވާޑަކީ މިހާރު ވެސް މީޑިއާއެއް ހިންގަވާ ބޭފުޅެކެވެ. އޭނާ ކުރިން ވަނީ ނޫސްވެރިކަން ކުރައްވާފައެވެ. އެގޮތުން، މިނިވަން ނޫސްވެރިކަމުގެ ހައްގުގައި ކުރި ބައެއް މުޒާހަރާތަކުގައި ކުރިން އޭނާ ބައިވެރިވެފައިވެއެވެ.
މީޑިއާ ކޮންޓްރޯލް ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީގެ މަސައްކަތް ފެށިއިރު އެ ބިލާ ގުޅިގެން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި، އެ ބިލު ވަގުތުން ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުންނެވެ. އެކަމަކު، ސަރުކާރުން މީގެ ކުރިން ވަނީ އެ ބިލަށް ތާއީދުކުރާ ކަމަށް ބުނެފައެވެ.
ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟
- މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
- ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
- ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
- ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
- ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
- މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
- ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
- ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
- ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ
ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.