މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އުވާލަން އިލެކްޝަންސް ކޮމިޝަނުން (އީސީ)ން ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށާއި އެއީ ޕާޓީގެ އަޑު ކަނޑުވާލަން ކުރާ ކަމެއް ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އީސީން ވަނީ ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ޝަރުތު ހަމަނުވާތީ އެ ޕާޓީ އުވާލަން ނިންމާފައެވެ.
އެމްޓީޑީން ނެރުނު ބަޔާނެއްގައި މިކަން ހާމަކުރަމުން ބުނެފައިވަނީ މިއީ ޤާނޫނާ ޚިލާފު އަދި ބޭއިންސާފު އަމަލެއް ކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީއާއި ސިޔާސީ ކަންކަމުގައި މިނިވަންކަމާ އެކު ބައިވެރިވުމުގެ އަސާސީ ހައްގަށް ހުރަސްއަޅަނީ ކަމަށް ތުހުމަތުކޮށްފައެވެ.
އެމްޓީޑީން ބުނެފައިވާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން މި ނިންމުން ނިންމާފައިވަނީ ޕާޓީގެ މެންބަރުންގެ ރުހުމަކާ ނުލައި އަދި ގާނޫނުއަސާސީން ލިބިދޭ ދުސްތޫރީ ޙައްޤުތައް ނިގުޅައިގަނެ، ޑިއު ޕްރޮސެސްގެ ފުރުޞަތު ވެސް ނުދީއެވެ. މި ނިންމުމަށް އިންސާފު ހޯދުމަށް ކޯޓުތައް މެދުވެރިކޮށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެމްޓީޑީން ވަނީ ހާމަކޮށްފައެވެ.
އަދި، މިކަމުގައި ޑިމޮކްރެޓިކް މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ބައިނަލްއަގުވާމީ ބައިވެރިން އެ ޕާޓީއާ އެކު ތިބުމަށް އެމްޓީޑީން ވަނީ ގޮވާލާފައެވެ.
"ސިޔާސީގޮތުން މި ޕާޓީ ހިމޭން ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރެވޭނެއެވެ. އިންސާފާއި ޑިމޮކްރަސީގެ ހަމަތައް މިނިވަންކަމާއެކު ކުރިއެރުވެން ޖެހޭނެއެވެ،" އެ ޕާޓީން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްޓީޑީ އުވާލަން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ޕާޓީއެއްގައި ހުންނަންޖެހޭ އެންމެ މަދު 3,000 މެންބަރުން އެ ޕާޓީގައި ހަމަނުވާތީއެވެ.
އީސީން ގެޒެޓުކުރި އިއުލާނެއްގައިވާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެމްޓީޑީގައި ތިބީ 2،272 މެންބަރުންނެވެ. މެންބަރުންގެ އަދަދު މަދުވާނަމަ އެ އަދަދަށް މީހުން އިތުރުކުރަން ތިން މަސް ދިނުމަށް ފަހު، އަދަދު ހަމަނުވާނަމަ އެ ޕާޓީއެއް އުވާލުމުގެ ބާރު ކޮމިޝަނަށް ލިބިދެއެވެ.
އީސީން މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ވެސް މެންބަރުން ހަމަނުވާތީ އުވާލާފައިވެއެވެ.
އެމްޓީޑީ އުވާލުމާ އެކު، އީސީގެ ދަފުތަރުގައި މިހާރު ރަސްމީކޮށް އަށް ސިޔާސީ ޕާޓީއެއް އެބައޮތެވެ. އެމްޓީޑީ އުފައްދާފައިވަނީ ޑިސެންބަރު 27، 2018 ގައެވެ. އެ ޕާޓީ އުފައްދަން އީސީން ހުއްދަ ދިނުމުން ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރެވެ.