ޕައިލެޓުން ރިޓަޔާކުރާ އުމުރު 65 އަހަރުން 67 އަހަރަށް މަތިކުރުމަށް، ދުނިޔޭގެ އެއާލައިންތައް ތަމްސީލުކުރާ ގްރޫޕަކުން އދ. ގެ އޭވިއޭޝަން އެޖެންސީގައި އެދިއްޖެއެވެ.
އެމެރިކާގެ ބޮޑެތި ޕައިލެޓް ޔޫނިއަންތަކުން ދެކޮޅު ހަދާފައިވާ މި ހުށަހެޅުމާ މެދު އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ)އިން ސެޕްޓެމްބަރު 23 ގައި ބާއްވާ ޖެނެރަލް އެސެމްބްލީގައި މަޝްވަރާކުރާނެއެވެ.
ބައިނަލްއަގްވާމީ ގަވާއިދުތަކުގައި 65 އަހަރުން މަތީގެ ޕައިލެޓުންނަށް ބައިނަލްއަގުވާމީ ފްލައިޓްތައް ދުއްވުން އޮންނަނީ މަނާކޮށްފައެވެ. އެމެރިކާ ހިމެނޭ ގޮތަށް އެހެން ގިނަ ގައުމުތަކުން ވެސް އެ އުސޫލަށް އަމަލުކުރެއެވެ.
ގާތްގަނޑަކަށް 350 އެއާލައިން ތަމްސީލުކުރާ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) އިން ބުނީ އެ ލިމިޓް ދެ އަހަރު މަތިކުރުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
ނަމަވެސް މިހާރުވެސް އޮންނަ ގޮތަށް ކޮންމެ ބޯޓެއް ދުއްވުމަށްވެސް ދެ ޕައިލެޓުން ތިބެންޖެހޭނެ ކަމަށާއި، އޭގެތެރެއިން އެކަކީ 65 އަހަރުން މަތީ މީހެއް ނަމަ، އަނެކަކު ވާން ޖެހޭނީ 65 އަހަރުން ދަށުގެ މީހެއް ކަމަށް އައިއޭޓީއޭ އިން އައިސީއޭއޯގެ ވެބްސައިޓުގައި ޝާއިއުކުރި ވޯކިން ޕޭޕަރެއްގައި ބުނެފައިވެއެވެ.
ޕައިލެޓުން ރިޓާޔާކުރާ އުމުރު 60 އަހަރުން 65 އަހަރަށް އައިސީއޭއޯ އިން މަތިކުރީ 2006 ވަނަ އަހަރުއެވެ.
ރައްކާތެރި ނޫން ކަމަށް ބުނެ އެމެރިކާގެ ބޮޑެތި ޕައިލެޓް ޔޫނިއަންތަކުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.
ރިޓަޔާ ކުރަން ޖެހޭ އުމުރު 65 އަހަރުން 67 އަހަރަށް މަތިކުރުމަށް އެމެރިކާގެ އެއާލައިންތަކުގެ ތާއީދާއެކު 2023 ވަނަ އަހަރު ހުށަހެޅި ހުށަހެޅުމަށްވެސް ޕައިލެޓް ޔޫނިއަންތަކުން ވަނީ ދެކޮޅު ހަދާފައެވެ.