ސީއެސްސީއަށް ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ތައާރަފްކޮށްފި

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި އެމްއެންޔޫގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުޤީ (މ) --- ސީއެސްސީއަށް ޝަކުވާ ހުށަހެޅުމަށް ޚާއްސަ ނިޒާމެއް ވަނީ ތައާރަފްކޮށްފަ --- ފޮޓޯ: ސީއެސްސީ

ސިވިލް ސާވިސް ކޮމިޝަނަށް ޝަކުވާ ހުށަހަޅަން ތައްޔާރުކުރި ނިޒާމު "ކޮމްޕްލެއިންސް މޮޑިއުލް" އިއްޔެ އިފްތިތާހުކޮށްފިއެވެ.

އިއްޔެ އެ ނިޒާމު އިފްތިތާހުކޮށްދެއްވީ ސީއެސްސީގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުޤީއެވެ. ރަސްމިއްޔާތުގައި އެ ކޮމިޝަންގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ބައިވެރިވިއެވެ.

ސީއެސްސީގެ ޝަކުވާ ހުށަހަޅާ ނިޒާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސީއެސްސީ

ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވާތީ ރަސްމިއްޔާތު ގެންދިޔައީ ސެކްރެޓަރީ ޖެނެރަލުންނަށް އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށެވެ.

ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ތައްޔާރުކުރުމުގެ މަޤްސަދަކީ އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަނެ އަވަހަށް ޖަވާބުދާރީވުމުގެ ނިޒާމު ހަރުދަނާކޮށް، ޝަކުވާ ހުށަހެޅި މީހުންނަށް ޖަވާބުދެވުނުކަން މިހާރަށް ވުރެ ބޮޑަށް ކަށަވަރުކުރުމަށް ކަމަށާއި، ސީއެސްސީގެ އިދާރާތަކަށް ހުށަހަޅާ ޝަކުވާތަކަށް އެ އިދާރާތަކުން ޖަވާބުދާރީވަމުންދާ ގޮތް ހަރުދަނާކުރުމަށް ކަމަށެވެ.

އެވަރެޖްކޮށް އަހަރެއްގެ މައްޗަށް 7،000 އަށް ވުރެ ގިނަ ޝަކުވާ ލިބޭ ކަމަށާއި، މިދިޔަ އަހަރު އެކަނި ވެސް 8،681 ޝަކުވާލިބި 30 ޝަކުވާ ފިޔަވައި ހުރިހާ ޝަކުވާއަކަށް ޖަވާބުދީފައިވާ ކަމަށް، އެ ކޮމިޝަނުން ބުނެއެވެ.

ސީއެސްސީން އިތުރަށް ބުނީ، މި ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާއަށް ޖަވާބުދާރީވުން ކުރިއަށްދާ ގޮތް ޝަކުވާ ހުށަހެޅި ފަރާތަށް ވަގުތުން ފެންނާނެ ކަމަށެވެ.

މި ނިޒާމު މެދުވެރިކޮށް ސީދާ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ފަހިވާނެ ކަމަށް، އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް