ޕަރީއަށް ޕޯސްޓަރު ހަދަން މުބާރާތެއް

ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަލީ ސީޒަން ޑައިރެކްޓުކޮށް ނެރޭ ބިރުވެރި ފިލްމު "ޕަރީ"ގެ ޕޯސްޓަރު ހަދަން މުބާރާތެއް ފަށައިފިއެވެ.

ދާދި ފަހުން އިއުލާނުކޮށްފައިވާ ޕްރޮޖެކްޓް ޕަރީގެ ރަސްމީ ޕޯސްޓަރު ހެދުމަށްޓަކައި ހާއްސަ ޗެލެންޗެއް ވަނީ ޕްރޮޑަކްޝަނުން އާންމުކޮށްފައެވެ. މި ޗެލެންޖަކީ އެންމެނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޗެލެންޖެކެވެ.

ޕަރީގެ ޕޯސްޓަރު ޑިޒައިން ކޮށްގެން އެންމެ މޮޅު ޕޯސްޓަކަށް 10،000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ.

https://www.instagram.com/p/DN24p5V5mCw/?utm_source=ig_embed

ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ޗެލެންޖުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހެވެ. އަދި ރަސްމީ ޕޯސްޓަރުގެ ގޮތުގައި ހޮވޭ ޕޯސްޓަރު އިއުލާނުކުރާނީ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ކަމަށް ވެސް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ.

ސީޒަން ޑައިރެކްޓުކޮށް އެކްޓުކުރާ ބިރުވެރި ފިލްމުން ފެންނާނީ އައިޝަތު ރިޝްމީއާއި ޝީލާ ނަޖީބު ފަދަ ތަރީންނެވެ. ސްރީ ލަންކާގައި ކުޅޭ މި ފިލްމަކީ ލަންކާގައި އުޅޭ ދިވެހި އާއިލާއަކަށް ދިމާވާ ބިރުވެރި ވާހަކަތަކެއް ކިޔައިދޭނެ ފިލްމެކެވެ.

މި ފިލްމު ރިލީޒްކުރާ ތާރީޚެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ސީޒަން ޑައިރެކްޓު ކުރާ ފުރަތަމަ ބިރުވެރި ފިލްމެއް ވެސް ނޫނެވެ. އެގޮތުން 2023 ވަނަ އަހަރުގައި އޭނާ ވަނީ "ކައުޝީ"ގެ ނަމުގައި ބިރުވެރި ފިލްމެއް އުފައްދާފައެވެ. ސްރީ ލަންކާގައި ތައްޔާރުކުރި މި ފިލްމަކީ ލަންކާގެ ކާސްޓެއް ހިމަނައިގެން އުފެއްދި ފިލްމެކެވެ.

comment ކޮމެންޓް