"އަހަންނަށް ލޯބިވެވިއްޖެ."
"ކީކޭ؟" ނަމީރަށް ހައިރާންކަމާއެކު ރައާބިލްއަށް ބަލައިލެވުނެވެ.
"އާނ ނަމީރު. އަހަންނަށް ލޯބިވެވިއްޖެ." ރައާބިލް ޔަޤީންކޮށްދިނުމުގެ ގޮތުން ދެވަނަ ފަހަރަށް ވެސް ތަކުރާރުކޮށްލިއެވެ.
"އެހެންވެތަ މި ވީ ދުވަސްތަކުގައި ކަލޭ އަހަންނާ މާ ދުރުދުރުން އުޅުނީ؟ އަހަރެން ކަލެއަށްޓަކާ އުފާވެއްޖެ. " ނަމީރު ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮއްލުމާއެކު ވާހަކަ ދެއްކިއެވެ. އެކުވެރިޔާއަށްޓަކައި އުފާވިކަން އޭނަގެ މޫނުމަތިން ފެނުނު އަސަރުތަކާއި ތުންފަތުގައި ކުޅެވުނު ހިނިތުންވުމުން އެކަނިވެސް ދޭހަވިއެވެ. އެހެންނަމަވެސް، ރައާބިލްގެ މޫނުމަތީން އޭނާއަށް ފެނުނީ ނުތަނަވަސްކަމެވެ. ހާސްކަމެކެވެ. ކަމަކާ ކަންބޮޑުވެފައިވާ ފަދަ އަސަރުތަކެކެވެ.
"ރައާބިލް. ކިހިނެއްވީ؟ ކަލޭ ތިޔަ ކަންބޮޑުވާ ކަންތައް އަހަރެންގާތު ބުނެބަލަ. މޫނުމަތީން ތިޔަ ފެންނަ ނުތަނަވަސްކަމުގެ ސިއްރަކީ ކޮބާތަ؟" ނަމީރަށް ސުވާލުކޮށްލެވުނެވެ.
"ނަމީރު. މި ވާހަކަތައް އަހަރެން ކިޔައިދޭނީ ކިހިނެއް؟ އަހަންނަށް ޔަޤީން ކަލޭވެސް އަހަރެން ދެކެ ހިތްހަމަނުޖެހޭނެކަން." ރައާބިލްއަށް ބުނެވުނީ އެވަރަށެވެ. އޭނާއަށް އިސްޖަހައިލެވުނީއެވެ. ހީވީ ނަމީރާ ވެސް ކުރިމަތިލާން ޖެހިލުންވެފައިވާހެންނެވެ.
"ރައާބިލް. ކިހިނެއްވީތަ؟ އަހަރެން މީ ކަލޭގެ އެންމެ ގާތް ރަޙްމަތްތެރިޔާއޭ. ކުޑަ އިރުންފެށިގެން އަހަރެމެން ދެމީހުން މިއުޅެނީ އެކީގަ. ކަލޭއަށް އެނގެން ޖެހޭނެ އަހަރެން ކަލޭގެ ސިއްރުތަކަށް އަމާނާތްތެރިވާނެކަން. މި ފާއިތުވެދިޔަ ހުރިހާ އަހަރެއްގައި، އެއް އިރެއްގައިވެސް އަހަރެން ކަލޭއަށް ޚިޔާނާތްތެރިވިތަ؟ ކަލޭގެ ސިއްރެއް ބޭޒާރުކުރިތަ؟ ނުބުނާށޭ ބުނި ވާހަކައެއް އިތުރު މީހެއް ކައިރީގަ ބުނިތަ؟" ނަމީރު ބުނެލިއެވެ. އެހާވަރަށް ރައާބިލް ހާސްވާން ޖެހޭ ސަބަބެއް ވިސްނާ ވިސްނާވެސް އޭނާގެ ސިކުނޑިއަކަށް ނައެވެ.
"އެނގޭ ތިކަން." މަޑުމަޑުން އެހެން ބުނެލުމާއެކު، ރައާބިލް އިސްއުފުލައިލުމަށްފަހު، ނަމީރާ ހަތަރު ކަޅި ހަމޮށްލިއެވެ.
"ދެން ކީއްވެ މިފަހަރު ތި ފަސްޖެހެނީ؟ އަހަންނާ ހިއްސާކޮށްބަލަ. ތި ހިތު ތެރޭގަ ވީ އެއްޗެއް ބުނެބަލަ." ނަމީރު ބުނެލިއެވެ.
"އަހަރެެންގެ މި ސިއްރު އެހެން އެއްވެސް މީހެއްގެ ގާތުގައި ބުނެގެން ނުވާނެ. އެކަމަށް ވަޢުދުވޭ." ރައާބިލް ބުނެލިއެވެ. ނަމީރު ކުޑަކޮށް ހައިރާންވީ ރައާބިލްގެ އަޑުގައި ސީރިއަސް އަސަރުތަކުންނެވެ. އޭނަ ބޯ ޖަހައިލުމަށް ފަހު އެކަމަށް އެއްބަސްވިއެވެ.
"ދެން ބުނޭ…" ނަމީރު އެދުނެވެ.
"އަހަންނަށް ލޯބިވެވުނީ އަހަރެމެންގެ ތެރެއިން މީހެއް ދެކެއެއް ނޫން. މި ބުނީ އަހަރެމެންގެ ނަސްލުގެ މީހެއް ދެކެ އެއް ނޫނޭ." ރައާބިލް މިފަހަރުވެސް ދުރު ބަލައިލީ ނަމީރާ ހަތަރު ކަޅި ހަމަކޮށްލައިގެން އިންނަން ޖެހިލުންވީތީއެވެ.
ނަމީރަށް ރައާބިލް އެބުނި އެއްޗަކާ ދޭތެރޭ ވިސްނައިލެވުނެވެ. ދެންވެސް އޭނާއަށް ސީދާ އެބުނީ ކީކޭކަން ދެނެގަންނަން އުނދަގޫވިއެވެ.
"ކީކޭ؟ ރައާބިލް ކީކޭ ތި ކިޔަނީ؟" ނަމީރުގެ ސިކުނޑި މަސައްކަތްކުރަންވެސް ހިނދުކޮޅެއް ނެގިއެވެ. އޭނާ ސުވާލުކޮށްލިއެވެ.
"އާނ. އަހަންނަށް… އަހަންނަށް ލޯބިވެވުނީ… އިންސާނެއް ދެކެ…. " ރައާބިލް އެ އިން ގޮތަށް އިނދެ ބުނެލިއެވެ.
"ރައާބިލް. ކަލޭ ކީކޭ ތި ކިޔަނީ؟ ތީ ކުރާ ކަހަލަ ސަމާސާ އެއް ނޫން." ނަމީރުގެ ދެލޯ ބޮޑުވެގެން ދިޔުމާއެކު، ވާހަކަ ދެއްކިއިރު އަޑުގައިވަނީ، އެ ވާހަކަތައް ޤަބޫލުކުރަން ބޭނުންނުވާ ފަދަ އަސަރެކެވެ. އެއީ ރައާބިލް ކުރި ސަމާސާއެއްކަމުގައި ހީކުރަން އޭނާ ކިތަންމެ ބޭނުންވި ނަމަވެސް، ރައާބިލްގެ މޫނުމަތީން ފެންނަމުން ދިޔަ އަސަރުތައް ހެކި ދެކީ އެ ދައްކަނީ ތެދު ވާހަކައެއް ކަމެވެ.
"އާނ ނަމީރު… " ރައާބިލް ޔަޤީންކަން ދިނެވެ.
"ރައާބިލް. ތީ ރަނގަޅު ކަމެއް ނޫން. ތި ކަންތައް ހަމަ މިހާރު ހުއްޓާލާ." ނަމީރަށް ބުނެވުނެވެ. އޭނާގެ އަޑަށް ވަގުތުން ހާސްކަން ވެރިވިއެވެ. ހަދާނެ ގޮތް ހުސްވެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލާ ފުންނޭވާއެއް ދޫކޮށްލެވުނެވެ. "ތީ ހުއްދަކަމެއް ނޫން."
"އަހަންނަށްވެސް ލޯބިވެވުނީ ގަސްތަކު ނޫން." ރައާބިލް ބުނެލިއެވެ.
"އެހެންވިޔަސް ހެޔޮ. އަހަރެން ކަލެއަށް ދެރަގޮތެއް ވާކަށް ނޭދެން. ތިކަންތައް ހުއްޓާލާ. ހެޔޮނުވާނެ ރައާބިލް. ތި ގުޅުމަކުން އެއްވެސް ފައިދާއެއް ނުނިކުންނާނެ. ބަދަލުގައި ކަލޭމެން ދެމީހުންނަށްވެސް ކުރިމަތިވާނީ ނުރައްކާ. އެ އިންސީގެ ދުނިޔެއިންވެސް، އަދި އަހަރެމެންގެ ތެރެއިންވެސް ތިކަމުގައި ވަނީ ހުސް ނުރައްކާތެރިކަން..." ނަމީރު ރައާބިލްއަށް ނަޞޭޙަތްތެރިވިއެވެ.
"އަހަރެން ކިހިނެއް އޭނަ ދޫކޮށްލާނީ. " ރައާބިލް ބުނެލިއެވެ. އެ އަޑުގައި މަޑުމޮޅިކަމެއްގެ އަސަރުވެސް އޭރު ވިއެވެ.
"އެ އިންސިއަށް އެނގޭތަ ކަލޭއަކީ ކޮންތާކުން އައިސްފަ ހުރި، ކޮންކަހަލަ މީހެއްކަން؟" ނަމީރު ސުވާލުކޮށްލިއެވެ.
"ނޭނގޭނެ. އެކަމަކު ވަރަށް އަވަހަށް އަހަރެން އޭނާއަށް ހަޤީޤަތް ކިޔައިދޭނަން.." ރައާބިލް ބުނެލިއެވެ.
"އެކަންތައް އެނގުނީމަ ހީވޭތަ އޭނަ ކަލޭ ޤަބޫލުކުރާނެހެން؟" ނަމީރު ސުވާލުކޮށްލިއެވެ. ރައާބިލް އެއްޗެއް ނުބުންޏެވެ. އެއީ އޭނާވެސް އެންމެ ޖެހިލުންވާ ކަންތަކެވެ.
"ކަލޭ އަނެއްކާ އޭނަގެ ވިސްނުމާ ކުޅެމުތަ އަނެއްކާ؟.... ރައާބިލް... "ނަމީރު އަނެއްކާވެސް އަހައިލިއެވެ.
ރައާބިލް އެއްޗެއް ނުބުނެއެވެ. އޭނާ އިން ގޮތަށް އިނީއެވެ. ނަމީރު އެބުނި ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް އެބަ ވެއެވެ. އޭނާ އެ އަންހެން ކުއްޖާއާ ބައްދަލުކުރުމަށް އެ އަންހެން ކުއްޖާގެ ވިސްނުމާ ކުޅުނެވެ. އެހެންނަމަވެސް އެއީ އޭނާއަށް އެ އަންހެން ކުއްޖާ ފެނުނު ފުރަތަމަ ދުވަސްތަކުގައެވެ.
"ތިކަމުން ނުރައްކަލެއް ކުރިމަތިނުވަނީސް ތިކަމުން ދުރުވޭ ރައާބިލް. އަހަރެން މިހެން މި ބުނަނީ ކަލޭއަށް ހެޔޮ އެދޭތީ." ނަމީރު ބުނެލިއެވެ. ރައާބިލް ހަމަ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. ނަމީރު ދޫކޮށްލީ ފުންނޭވާއެކެވެ. އޭނާ އެތަނުން ދާންވެގެން ގޮފިގަނޑުން ފުންމައިލަން އުޅުނު ވަގުތު ނިކަން އަވަސް އަވަހަށް ރައާބިލް ވާހަކަ ދެއްކިއެވެ.
"ނަމީރު. މިކަންތައް ސިއްރުކޮށްދީ." ރައާބިލް އެދުނެވެ. ނަމީރު އެއްޗެއް ނުބުނެއެވެ. އޭނާ ރައާބިލްއަށް ބަލައިލާފައި އެތަނުން ދިޔައީ ހިތްހަމަނުޖެހިގެންކަން ރައާބިލްއަށް އެނގުނެވެ. އެހެންނަމަވެސް ރައާބިލްގެ ހިތް ބުނީ ނަމީރު އޭނާގެ ސިއްރު ރައްކާތެރިކޮށްދޭނެކަމުގައެވެ. އެކުވެރިޔާއަށް އޭނާއަށް އިތުބާރުކުރެވެއެވެ.
ރައާބިލްއާ ބައްދަލުކޮށްފައި ނަމީރު ގޮސް ގަނޑުވަރަށް ވަތްއިރު ޝައިސްތާ ބަތީލާއާއެކު ބޮޑު ކޮޓަރީގައި އިނެވެ. ނަމީރު ފެނުމާއެކު، ބަތީލާ އެތަނުން ދިޔުމުން ނަމީރު ގޮސް ޝައިސްތާ ކައިރީގައި މަޑުކޮށްލިއެވެ. ޝައިސްތާއާއި ނަމީރުގެ ކައިވެނި ކުރެވުނީ މީގެ ފަސް މަސްކުރިންނެވެ. އެއީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވެގެން ކުރެވުނު ކައިވެންޏެކެވެ. ކައިވެންޏަށް ތިން މަސްވީއިރު ޝައިސްތާ އިނީ ބަލިވެއެވެ. ނަމީރަކީ އަބަދުވެސް ދަތުރުކޮށް އުޅެން ޝައުޤުވެރިކަން ހުންނަ މީހެއްކަމުން އޭނާ ކުރާ ކަންތަކަށް ޝައިސްތާ ހުރަހެއް ނާޅައެވެ. އެހެންނަމަވެސް، ބަލިވެ އިން ފަހުން ނަމީރު ޝަހަރުން ބޭރަށް ދިޔުން މަދުކޮށްލުމުން އެކަމާ ޝައިސްތާ ހުންނަނީ ހިތްހަމަޖެހިފައެވެ.
"ކިހިނެއްވީ؟ ކޮންކަމަކާ ހާސްވެފްތަ؟" ޝައިސްތާއަށް ނަމީރުގެ މޫނުމަތީން ފެނުނު ނުތަނަވަސްކަމާއެކު ސުވާލުކޮށްލެވުނެވެ. ނަމީރު ދެފަރާތަށް ބޯ ހޫރައިލަމުން ކުޑަކޮށް ވަރުބަލިވީކަމެއް ބުނެ ރައާބިލްގެ ވާހަކަ ޝައިސްތާއަށް ސިއްރުކުރިއެވެ.
"ރައާބިލްއާ ދިމާވިތަ؟" ނަމީރު ރައާބިލް ނުފެނިގެން އުޅުނުކަން ޝައިސްތާއަށް އެނގޭތީ އޭނާ ސުވާލުކޮށްލިއެވެ. އެއާއެކު ނަމީރު ބޯ ޖަހައިލިއެވެ. އޭނާ ވާހަކަ އޮޅުވައިލަމުން އެހެން މައުޟޫއަކަށް ވާހަކަ ދައްކަން ފެށީ ނުތަނަވަސްކަން ދުރުވޭތޯއެވެ.
*****
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ރައާބިލްއާ އެ އަންހެން ކުއްޖާގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. އެކަން ހުއްޓުވުމަށްޓަކައި ނަމީރު ދިޔައީ އޭނާގެ އެކުވެރިޔާއަށް ކެނޑިނޭޅި ނަޞޭޙަތްދެމުންނެވެ. އެމީހުންނަކީ ވަކި ނަސްލެއްކަމާއި އިންސާނުންނާ ގާތްވެ ކައިރިވުމަކީ އެމީހުންނަށް މުޅީން މަނާކަމެއްކަމުގައި ހަނދާންކޮށްދެމުންނެވެ. އެހެންނަމަވެސް ދެރައީ ރައާބިލްއަށް ވިސްނައިދޭން އޭނާ އެތަކެއް ގޮތަކުން މަސައްކަތް ކުރިނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭތީއެވެ. ރައާބިލް ގޮތް ދޫނުކުރާތީއެވެ.
އެގޮތުގައި ހަމަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އަދިވެސް ރައާބިލް އާއި އެ އަންހެންކުއްޖާގެ ގުޅުންވަނީ އެންމެންނަށް ސިއްރުވެފައެވެ. އެ އަންހެން ކުއްޖާއަށް ވެސް ރައާބިލްގެ ހަޤީޤަތެއް ނޭނގެއެވެ. ރައާބިލްއަށް ވެސް އޭނާގެ ހަޤީޤަތް ކިޔައިދޭނެހާ ހިތްވަރެއް ނުލިބެއެެވެ. އަދި އޭނަ އެ ގުޅުން ނިންމާލާކަށްވެސް ބޭނުމެއް ނުވެއެވެ. އަނެއްކޮޅުން ނަމީރުގެ އެއްވެސް ވާހަކައަކަށް ރައާބިލް ސަމާލުކަމެއް ނުދެއެވެ. އޭނާ ހުރީ އޭނާގެ ގޮތުގައެވެ. އެކަމާ ނަމީރު ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. މިއަދު ނޫނީ މާދަން އެކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހޭކަން އެނގޭތީއެވެ.
އާދައިގެ ދުވަހެކެވެ. ދެމީހުން އާއްމުކޮށް ވާހަކަ ދައްކައިލަން ތިބޭ ގަހުގެ ގޮފިގަނޑު މައްޗަށް ތިރިކޮށްލި ނަމީރު އެހެން ގޮފިގަނޑެއްގެ މަތީގައި އޮތް، ރައާބިލްއަށް ބަަލައިލިއެވެ. ނަމީރަށް ފެނުމުގެ ކުރިން ރައާބިލް އޭނާގެ އަތުގައި އޮތް ކޮންމެވެސް އެއްޗެއް ނިކަން އަވަހަށް ފޮރުވައިލިއެވެ. އަދި ނަމީރަށް ފުންކޮށް ބަލައިލިއެވެ. އޭނާ ހިތްހަމަ ޖެހުނީ ނަމީރަށް އޭނާގެ އަތުގައި އޮތް އެތި ނުފެންނަކަން ޔަޤީންވުމުންނެވެ.
ނަމީރު ވަނީ ހާސްވެފައެވެ.
"ރައާބިލް. ކަލޭ ތިކުރަނީ ރަނގަޅުކަމެއް ނޫން. ތިކަން ހުއްޓާލާ." ނަމީރު ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން އޭނަ ދޫކޮށްލާކަށް." ރައާބިލް ބުންޏެވެ.
"އެހެންވިޔަސް ތިއީ ތިކަން ވާން ޖެހޭނެ ގޮތެއް ނޫން. ކަލޭއަށް އެނގޭތަ ކަންތައްތައް ވަމުންދާ ގޮތް." ނަމީރުގެ އަޑުގައިވަނީ ހާސްކަމެކެވެ. "އެނގޭތަ އަހަންނަށް ދެންމެ އަޑު އިވުނު ވާހަކަތައް؟" ނަމީރު ބުނެލިއެވެ.
"ކަލޭއަށް ކޮންކަމެއް އެނގުނީ؟" ރައާބިލްއަށް ސުވާލުކޮށްލެވުނެވެ.
"އެ އަންހެން ކުއްޖާގެ ޢާއިލާއަށް ޝައްކުވެއްޖެ." ނަމީރު ބުނެލިއެވެ.
"ޝައްކު ވިއްޔޭ؟ ކަލޭ ގޮސް ޚަބަރު ހޯދީތަ؟" ރައާބިލްގެ މޫނުމަތީންވެސް ވަގުތުން ނުތަނަވަސްކަން ފެނިގެން ދިޔައެވެ.
"އަހަރެން ކަލޭ ނުފެނިގެން އުޅެފަ ކަލޭ ހޯދަންވެގެން ދިޔަތަނުން، އިއްތިފާޤަކުން އެ ވާހަކަތައް އަހަންނަށް އަޑު އިވުނީ." ނަމީރު ކިޔައިދިނެވެ. އޭނާ ރައާބިލް ހޯދަން ގަސް ދޮށަށްވެސް އައި ކަމަށާއި، ރައާބިލް ނެތުމުން އޭނާ ޝަހަރުގެ އެކި ތަންތަން ބެލިކަމުގައެވެ. އެހެންނަމަވެސް އެއްވެސް ތަނަކުން، ނުފެނުމުން އޭނާ ރައާބިލް ހޯދަން އަންހެން ކުއްޖާގެ ރަށަށް ދިޔަކަމުގައި ބުނެލިއެވެ.
"އަހަރެން ކުޑަކަމަކު އުޅެފައި ދެންމެ މިތަނަށް މިއައީ." އެހެން ބުނެލާފައި ރައާބިލް ކަންތައްތައް ތަފްސީލްކޮށްލަދޭށޭ ބުނާ ފަދައަކުން، ނަމީރަށް ބަލައިލިއެވެ. "ކިހިނެއް އެމީހުންނަށް ޝައްކުވީ؟"
"އެ އަންހެން ކުއްޖާގެ މައިންބަފައިން ވާހަކަ ދައްކަނިކޮށް އަހަންނަށް އަޑު އިވުނީ... އެ އަންހެން ކުއްޖާ ކަލެއާ ބައްދަލުކުރަން ކޮންމެ ރެއަކު ތުނޑިމައްޗަށް ދާތީ އެކަމާ ކަންތައް ބޮޑުވެގެން ވާހަކަ ދެއްކީ. އަދި ކުރީ ރެއަކު އެ އަންހެން ކުއްޖާ އެކަނި ހުރެ ވާހަކަ ދައްކަނިކޮށް ފެނުނުވާހަކަ ބުނި. އެމީހުން މިހާރު މަސައްކަތް އެކުރަނީ ކަމުގެ ހަޤީޤަތް ހޯދަން ފަނޑިތަވެރިއެއްގެ އެހީ ހޯދަން. ކަލެއަށް ރަނގަޅަކަށް އަހަރެން މިބުނަނީ. އަދިވެސް ވަގުތު އެބަ އޮތް. ތިކަންތައް ހުއްޓާލާ. ތިކަމުން ނުކުންނާނީ ވަރަށް ވެސް ހިތި ނަތީޖާއެއް. އެ އަންހެން ކުއްޖާއަށް ވެސް ކަލޭގެ ހަޤީޤަތް އެނގުމުން، ބޭނުންވާނީ ކަލޭގެ ކިބައިން ސަލާމަތްވާން." ނަމީރު ބުނެލިއެވެ. އޭނާގެ އަޑުގައިވެސް ވަނީ ޖެހިލުންވުމެކެވެ. އޭނާގެ ވަނީ އެންމެ ގާތް އެކުވެރިޔާއާ މެދު ކަންބޮޑުވެފައެވެ.
"ކޮންމެ ގޮތެއް ވިޔަސް އަހަރެން އޭނަ ދޫކޮށެއް ނުލާނަން." ރައާބިލް ބުނެލިއެވެ.
"އެއީ ކީއްވެ؟ ތިކަމުގައި ކަލޭގެ ފުރާނަ ވެސް ގޮސްފާނެ." ނަމީރު ބުންޏެވެ.
"އަހަރެން މިރެއިން މިރެއަށް އޭނައަށް ހަޤީޤަތް ކިޔައިދޭނަން." ރައާބިލް އެހެން ބުނެލާފައި ނަމީރަށް ގޮވައިލިއެވެ. ބޮޑު ވާހަކައެއް ބުނަން ބޭނުންވެފައިވާ ފަދައަކުންނެވެ. ނަމީރު އޭނާއަށް ބަލައިލުމާއެކު، ރައާބިލް ހިންދިރުވައިލުމާއެކު ހާމަކޮށްލި ހަޤީގަތާއެކު ނަމީރަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.
"ކީކޭ؟" އެހެން އަހައިލިއިރު ނަމީރުގެ އަޑުވެސް ބާރުވެގެންދިޔައެވެ. ރައާބިލް އަނެއްކާވެސް އިސްޖަހައިލީއެވެ.
"ތިކަން އެ އިންސިއަށް އެނގޭތަ؟" ނަމީރަށް އަހައިލެވުނެވެ.
"ނޫން. އަދި ނޭނގޭނެ. އަހަރެން މިރޭ ހުރިހާ ވާހަަކައެއް ކިޔައިދޭއިރު މި ވާހަކަ ވެސް ބުނާނަން." ރައާބިލް ވިސްނާލަމުން ބުނެލިއެވެ.
"ކަލޭ ކުޑަކޮށްވެސް ބިރެއް ނުގަނޭތަ؟ ދެންވާނެ ގޮތަކާ މެދު ވެސް ނުވިސްނަނީ ދޯ!. އަހަރެން ބައްޕައަށް ތިކަން އެނގުނަސް ކަލޭއަށް ސަލާމަތެއް ނޯންނާނެ. އަނެއްކޮޅުން އެމީހުން ފަންޑިތަ ހަދަން ފަށައިފިއްޔާ ވެސް ކަލެއަށް ކުރިމަތިވާނީ ނުރައްކަލާ." ނަމީރު ބުނެލިއެވެ. އޭނާ ރައާބިލްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެ އަންހެން ކުއްޖާ ދޫކޮށްލުމަށެވެ. އިންސާނުންގެ ދުނިޔެއަށް އަނބުރާ ނުދިޔުމަށެވެ. އެހެންނަމަވެސް ރައާބިލްހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ނަމީރުގެ އެތަކެއް އާދޭސްތަކަކަށް ފަހުވެސް، ރައާބިލް ހުރީ އޭނާގެ ގޮތުގައެވެ.
*****
ރޭގަނޑު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ބޭރުން އައި ވާފިރު، ޖޯލީގައި އިށީނދެލަމުން އޭނާގެ އަނބިމީހާއަށް ގޮވައިލިއެވެ.
"އާނ، މިދަނީ." ކާގެއިން އިވުނީ ނަދީދާގެ އަޑެވެ. އޭނާ ނުކުމެގެން އައިއިރު އަތުގައި ދުފާ ތަބަކެއް އޮތެވެ. ނަދީދާ ގޮސް ވާފިރާ ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ދުފާ ތަބައް ވާފިރަށް ދިއްކޮށްލިއެވެ. އަދި ވާހަކަ ދެއްކިއެވެ.
"ކޮން އިރަކުންތަ އެބުނާ މީހަކު އަންނަނީ؟" ކަންބޮޑުވުމާއެކު، ނަދީދާ ވާހަކަ ދެއްކިއިރު، އޭނާއަށް ހަށިފުރާ ނޭވާއެއް ލެވުނެވެ.
"އަހަރެން ހަމަ ދެންމެ މިއައީ އަހަންމައިދީއާ ބައްދަލުކޮށްފަ. އޭނަ ބުނި މާދަމާ ފައުޒީ މިރަށަށް އަންނާނެ ވާހަކަ......" ވާފިރު ބުނެލިއެވެ. "މާދަމާ ރޭ ފައުޒީ ގޮވައިގެން އޭނަ މިގެއަށް އަންނާނެ. "
ތަބަކުގައި ހިފި ނަމަވެސް އޭގައި ހިފައްޓާލައިގެން ވާފިރު އިނީއެވެ. ދުފުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާވަނީ ދަރިފުޅާ މެދު ކަންބޮޑުވެފައެވެ. އެމީހުން ދެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު އެވަނީ އެވަނީ ޖިންނި އަވަލާފައެވެ. އޭނަގެ މައްޗަށް ބާރު ފޯރުވަމުން މިހާރު އެ ދަނީ ޖިންނިއެކެވެ. އެކަން އެމީހުންނަށް ވަނީގާތްގަނޑަކަށް ޔަޤީންވެފައެވެ. ދަރިފުޅުގެ އުޅުމަށް އެ އަންނަ ބޮޑެތި ބަދަލުތަކާ މިހާރަކަށް އައިސް އެކަހެރިވެގެން އުޅުމާއި ރަށުގެ ތުނޑީކޮޅަށް މާގިނައިން ދިޔުމެވެ. އެކަނި ހުރެ ވާހަކަ ދައްކާތަން ފެނިގެން ރަށުގެ ދެތިން މީހަކުވެސް އެވާހަކަ ދައްކައިފިއެވެ. ޚުދު އެމީހުންނަށް ވެސް އެ މަންޒަރު ފެނިފައި ވެއެވެ. ހައްތަހާވެސް އެކަމަށް ބާރުލިބޭ ކަންތައްތަކެވެ.
"ފައުޒީ އައިމަ އިރާދުކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ." ވާފިރުވެސް ވަނީ ހާސްވެފައެވެ. އެހެންނަމަވެސް އަނބިމީހާގެ ނުތަނަވަސްކަން ފާހަގަކުރެވޭތީ، ނަދީދާގެ އަތުގައި ހިފައްޓައިލަމުން، އޭނާ ހިތްހަމަ ޖައްސައިލަދޭން ވާފިރު މަސައްކަތްކުރިއެވެ.
ޖެހިގެން އައި ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު، އަހަންމައިދީ ފައުޒީ ގޮވައިގެން އަންނާނެ ވާހަކަ ބުނެފައިވާތީ ނަދީދާއާއި ވާފިރާ ދެމީހުންވެސް އިންތިޒާރުކުރީ އެވަގުތަކަށެވެ. ނަސީބަކުން އިންތިޒާރުގެ ވަގުތުތައް މާ ގިނައިރަކު ގުނާކަށް ނުޖެހުނެވެ.
"އައްސަލާމު ޢަލައިކުމް." ކުއްލިއަށް ގޭގެ ދޮރުމައްޗަށް ހުއްޓިފައި ސަލާމް ގޮވައިލީ އަހަންމައިދީއެވެ. އޭނާގެ ކައިރީގައި އޭރު ފަންޑިތަވެރިޔާ ފައުޒީ ހުއްޓެވެ.
ވާފިރު ތެދުވެލިއެވެ. އަދި އެއަށްފަހު ސަލާމް ބަލައިގަތެވެ. ވާފިރުގެ ފަހަތުން ނަދީދާވެސް ތެދުވިއެވެ. ފައުޒީއާއި އަހަންމައިދީއާ ދެމީހުން އެގޭ ގޯތިތެރެއަށް ވަދެގެން އައެވެ. ވާފިރުމެންނާ އަރާ ހަމަވެފައި، ފައުޒީ އެގޭ ގޯތިތެރެއަށް ފަރުވާތެރިކަމާއެކު، ބަލައިލިއެވެ. ހީވީ ސްކޭން މެޝިނަކުން މުޅިތަން ސްކޭން ކޮށްލި ހެންނެވެ. އެއާއެކު އޭނާގެ މޫނުމަތިން ކުޑަ ނުތަނަވަސްކަމެއް ފެނިލިއެވެ. އެގެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކުވެސް އޭނާއަށް އެ ގޭގެ، ތެރޭގައި ކަމެއް ގޯސްކަން ނަގައިގަނެވުނެވެ. ފައުޒީގެ ނަޒަރުން ވާފިރާއި ނަދީދާގެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވެއެވެ. ވާފިރަށް ފައުޒީއަށް ބަލައިލާފައި އަނެއްކާވެސް ނަޒަރެއް ދެވުނީ އަހަންމައިދީއަށެވެ. އަހަންމައިދީ ލޮލުން އިޝާރާތްކުރީ މަޑުކުރުމަށެވެ. އެއާއެކު ވާފިރު ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
"މިގޭގެ ޙާލަތު އެއްގޮތަކަށްވެސް ރަނގަޅެއް ނޫން… ވާފިރު ދޯ ކިޔަނީ…" ފައުޒީ ބުނެލިއެވެ. އޭނަ ވާފިރަށް ބަލައިލިއެވެ.
"އާނ." ވާފިރު ބުނެލިއެވެ.
"ކޮބާ ކަލޭމެންގެ ދަރިފުޅު؟" އައި މަގުމަތީގައި އަހަންމައިދީ ވަނީ ކޮންމެވެސް ވަރަކަށް އޭނާއަށް ކަންތައްތައް ކިޔައިދީފައިކަމުން، އޭނާއަށް ކަންތައްތައް ގޮސްފައިވާ ހިސާބު އަންދާޒާކޮށްލެވުނެވެ.
"ކޮޓަރީގައި." ވާފިރު ބުނެލިއެވެ.
"ކޮން ނަމެކޭތަ ބުނީ އެ މަންޖެއަށް ކިޔަނީ؟" ފައުޒީ ސުވާލުކޮށްލިއެވެ.
"ސަމްރާ... ސަމްރާ ކިޔަނީ." ވާފިރު ބުނެލިއެވެ. އެއާއެކު ފައުޒީ ތުންތަޅުވާލާފައި ކޮންމެވެސް އެއްޗެހިތަކެއް ކިޔެވެ. އަދި އެއަށްފަހު އޭނާ ވާފިރާ ވާހަކަ ދެއްކިއެވެ.
"ކަލޭމެންގެ ދަރިއާ އެބަ އުޅޭ އެއްޗެއް އަވަލައިގެން. އެއީ ބާރުގަދަ އެއްޗެއް." ފައުޒީ ބުނެލިއެވެ.
(ނުނިމޭ)