ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އިންސާނީ ހައްގުތައް ނިގުޅައިގަންނަމުން ކަމަށާއި، އެގޮތުން އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ފުރަތަމަ ހަމަލާ އަމާޒުވީ މިނިވަން މީޑިއާ އަށް ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން މިއަދު ބުނެފިއެވެ.
ހިއުމަން ރައިޓްސް ވޮޗުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މީޑިއާތައް ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި، ލޯކަލް ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިވާގޮތަށް އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތައް އަނބުރާ ގެންދަން ގޮވާލައިފައެވެ.
އެ ޖަމިއްޔާއިން ބުނީ، މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހެޅި ބިލާއި ކައުންސިލްތަކުގެ ބާރުތައް ހަނިވާ ގޮތަށް ސަރުކާރުން ގާނޫނު އިސްލާހުކުރުމުގެ ސަބަބުން، 2008ވަނަ އަހަރު ފާސްކުރި ފެހި ޤާނޫނުއަސާސީގެ ކުރިން އޮތް ހާލަތަށް ރާއްޖެ ސޮއްސާލުމުގެ ބިރު އެބައޮތް ކަމަށެވެ.
މިކަމާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ބައްރުގެ ޑިރެކްޓަރު އިލެއިން ޕިއާސަން ވިދާޅުވީ، 2023ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންސާނީ ހައްގުތައް ނިގުޅައިގަންނަމުން އަންނަ ކަމަށާއި، އެގޮތުން ރައީސް އެންމެ ފުރަތަމަ ދިމާކުރެއްވީ މީޑިއާތަކުގެ މިނިވަންކަމަށް ކަމަށެވެ.
"އިދިކޮޅު ޚިޔާލުތައް ކަނޑުވާލުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ ހަރުކަށި ސިއްރު މަސައްކަތްތައް ހުއްޓާލައި، އޭގެ ބަދަލުގައި އަސާސީ ހައްގުތައް ލިބިދިނުން ރަނގަޅުކުރުމަށް އިސްކަންދޭންޖެހޭ،" ޕިއާސަން ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ބިލާ ގުޅޭގޮތުން މީޑިއާ އާ ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމައިފައެވެ. އެ ކޮމިޓީން އެ ނިންމުން ނިންމީ ބިލު ބޭރުކުރުމަށް ގޮވާލައި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.
ނޫސްވެރިންގެ ކަންބޮޑުވުމަކީ ނޫސްވެރިންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމާއި، މީޑިއާއަށް ހަރުކަށި ފިޔަވަޅު އަޅައި، ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރުމަށް މަގުފަހިވާ ގޮތަށް ބިލުގައި މާއްދާތައް ހިމަނާފައިވުމުންނެވެ. އެހެންކަމުން ނޫސްވެރިން ގޮވާލާފައިވަނީ ބިލު އޮތް ގޮތަށް ބޭރުކޮށް، ނޫސްވެރިންގެ މަޝްވަރާއާއި ޚިޔާލާ އެކު އާ ބިލެއް ހުށަހެޅުމަށެވެ.
ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގައި އޮތީ:
- މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
- ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
- ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
- ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
- ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
- މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
- ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
- ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
- ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރަކީ '100 ޕަސެންޓް މީޑިއާ ޕްރޯ' ސަރުކާރެއް ކަމަށާއި، ބިލުގައި ހުރި ވަކިވަކި މާއްދާތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.