ގޮނޑީގައި އިށީނދެފައި ރޫބީ އިކާނަށް ބަލައިލިއެވެ. އިކާން އަވަސް އަވަހަށް އިށީނެވެ. އެވަގުތު، ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެތަނުގައި އިތުރު ބަޔަކު ތިބިކަން ދެމީހުންގެ ހަނދާނުންވެސް ފޮހެވިގެން ދިޔައެވެ. ވަށައިގެންވި މަންޒަރު ފުސްވިއެވެ. އަޑުތައް ކެނޑުނެވެ. އެކަކު އަނެކަކަށް ފެންނަމުން ދިޔައީ ކުރިމަތީގައި އިން ބައިވެރިޔާ އެކަންޏެވެ.
*******
"ތިއުޅެނީ އެކުއްޖާ ލަދުގަންނުވާލަންތަ؟..." މިފްޒާލްގެ އަޑު އިވުނީ އިކާންގެ ކަންފަތް ކައިރިންނެވެ.
ރޫބީ އާއި އިކާނަށް ނޭނގުނަސް، ހަފުލާއަށް އައިސް ތިބި އެންމެންގެ ނަޒަރު ހުއްޓިފައިވީ އެ ދެ މީހުންގެ ހަރަކާތްތަކަށެވެ. ރޫބީއަށް އެކަން އިހުސާސްވުމުން، ލަދުން އިސްޖަހައިލިއެވެ.
"އެންމެން ކުރިމަތީ ތިވަރަށް ނުބެލިޔަސް، މިރޭން ފެށިގެން ބޭނުން ވަރަކަށް ބަލަންވީއޭ..." މިފްޒާލް ދެންވެސް ދިމާކުރުން ހުއްޓައެއް ނުލިއެވެ.
އިކާން އުޅަނބޮށި ވިއްދައި، މިފްޒާލް ދުރުކުރިއެވެ. މިފްޒާލް ހެމުން ދުރަށް ހިނގައިގަތެވެ.
"އަހަރެން ހިއެއް ނުކުރަން މިދުވަސް އައިސްދާނެ ކަމަކަށް..." ހަމައެކަނި ރޫބީއަށް އިވޭ ވަރަށް އިކާން ބުނެލިއެވެ.
"އެންމެން އެ ބަލަނީ މިދިމާއަށް..." ލަދުންގޮސް ރޫބީގެ ދެކޯތާފަތް ވަނީ ރަތްވެފައެވެ.
ކައިވެނީގެ މަޖިލިސް ފެށުނެވެ. ޔަޒްދާން ހުރީ އެންމެންނާއި ދުރުގައެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރިއިރު، އެ ނަޒަރު ހުއްޓިފައިވީ އުދަރެހަށެވެ. ޔަޒްދާންގެ ހަރަކާތްތަކަށް ބަލަންހުރި ނަޖާތު މަޑުމަޑުން ހިނގާލާފައި ގޮސް ޔަޒްދާންގެ ކައިރީގައި ހުއްޓުނެވެ.
"ސޭޑް؟.." ނަޖާތުގެ އަޑަށް ޔަޒްދާން ބަލައިލިއެވެ.
ވަކި އެއްޗެއް ނުބުނެ ޔަޒްދާން އަނެއްކާވެސް އުދަރެހަށް ނަޒަރު ހުއްޓައިލިއެވެ. ނަޖާތަށް ދޭނެ ޖަވާބެއް އޭނާގެ އަތުގައި ނެތެވެ. ޖަވާބު ދިނުން މުހިއްމެއްވެސް ނޫނެވެ.
"ދެރަވިޔަސް، ދެން ކުރެވޭނެ ކަމެއް ނެތް... ސޮރީ..." ނަޖާތުވެސް ރެއިލިންގައި ލެނގިލިއެވެ.
"ކީއްވެ މާފަށް އެދުނީ؟.." ޔަޒްދާން ސުވާލުކުރިއިރު، އެ އަޑުގައި މާ ބޮޑު އަސަރެއް ނެތެވެ.
"ވީ ހުރިހާ ކަމެއްގަ މެދުވެރިއެއްގެ ރޯލު ކުޅުނީ އަހަރެން ވީމަ... ގަސްދުގަ ޔަޒްދާންގެ ހިތަށް ތަދުކުރެވުނީމަ.." ނަޖާތު ބުނެލިއެވެ.
"އެއްބަސްވީތަ؟.." ޔަޒްދާން އެއްމިޔަކަނުން ހީލިއެވެ.
"ކީއްވެ ޝަކުވާ ނުކުރަނީ؟... އޯކޭއޭ އަހަންނާ ދިމާއަށް އެއްޗެހި ކިޔަސް.." ނަޖާތު ބޭނުންވީ ޔަޒްދާންގެ ހިތުގައި ފޮރުވާފައި ހުރި ޝަކުވާތައް ބޭރުކުރުވާށެވެ.
"އަހަރެންގެ ނެތް އެއްވެސް ޝަކުވާއެއް...." ޔަޒްދާން ދެންވެސް ހިޔާރުކުރީ ހިމޭންކަމެވެ.
"ހުންނާނެ... އަހަންނަށް ތި ދެލޮލުން ބައިވަރު ޝަކުވާ އެބަ ފެނޭ..." ނަޖާތަށް ހިންދިރުވައިލެވުނެވެ.
"ދެމީހުން މިތާ މާ ދުރުގަ ކިހިނެއްވެފަ؟" އިބާގެ އަޑަށް ނަޖާތު ދިޔައީ ސިއްސައިގެންނެވެ. "ހިނގާބަލަ.. ދޮންބެ އަނބިގަބޫލުކުރާ ތަންކޮޅު އަޑުއަހަން ވަރަށް މަޖާވާނެ"
އިބާ ޔަޒްދާންގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް މޭޒު ކައިރިއަށް ގެންދިޔައެވެ. ނަޖާތަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. ޔަޒްދާންގެ ހިތަށް ތަދުވާނޭ ވަރާއި، އެމަންޒަރު ބަލަން އުނދަގޫވާނޭވަރު އެންމެ ރަނގަޅަށް އެނގޭ މީހަކީ ނަޖާތެވެ.
އިސްޖަހާލައިގެން އިން ރޫބީ ފެނި، ޔަޒްދާނަށް ހިނިތުންވެލެވުނެވެ. ރޫބީގެ ރީތިކަން އެތައް ހާސް ގުނައެއް އިތުރުވެފައިވިއެވެ. އެ މައުސޫމު ކުއްޖާގެ އުފާވެރިކަން އޭނާގެ މޫނުން ސިއްރެއް ނުވެއެވެ. ޔަޒްދާން ބޭނުންވަނީ ރޫބީއަށް އުފާވެރި ދިރިއުޅުމެއް ލިބުމެވެ. އެ ދިރިއުޅުމުން، ޔަޒްދާނަށް ޖާގައެއް ނުލިބުނުކަމުގައިވިޔަސް މެއެވެ. އިކާން ވާނީ ރޫބީ ބޭނުންވާފަދަ އުފާވެރިކަމެއް ހޯދައިދެވޭނެ ފިރިއަކަށެވެ. ޔަޒްދާނަށް އެކަން ކަށަވަރެވެ.
"ބަލާބަލަ، ދޮންބެ އޭނީ ސްޓަކްވެފަ.." އިބާ ހީހީފައި ޔަޒްދާނަށާއި، މިފްޒާލަށް އިކާން ދައްކަމުން ދިޔައެވެ. "ދޮންބޭ! އަވަހަށް ބުނޭ އަނބި ގަބޫލުކޮށްފީމޭ... ކަމްއޯން... ޑޯންޓް ޕެނިކް..."
"ދަރިފުޅާ!..." ފަލާހާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިބާގެ އަނގަމަތީގައި އަތް އެޅިއެވެ. "އަނގަގަދަ ކުއްޖާ!... މޭޒު ކައިރީ ތިބި މީހުންނަށް އިހުތިރާމެއްވެސް ނުކުރަންތަ؟... އެންމެން އެބަލަނީ ދަރިފުޅަށޭ..."
"އަނބި... ގަބޫ..ލު..ކޮށް..ފިން.." ހުއްޓަމުން ކަހަލަ ގޮތަކަށް އެ ޖުމުލަ ބުނެ ނިމުނުއިރު، އިކާންގެ ނިތްކުރިމަތިން ދާ ހިއްލާލައިފިއެވެ.
އެ ޖުމުލަ ބުނަން އެހާ އުނދަގޫވެދާނެ ކަމަކަށް އިކާން ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. އޭނާގެ އަތްފައި ވަނީ ފިނިވެފައެވެ. ދޫމަތީގައި ހީވީ ބަރު ހިލައެއް ބާއްވާފައި އޮތް ހެންނެވެ. އެ ޖުމުލަ ބުނެ ނިމުމާއިއެކު އިކާންގެ ހާސްކަން ފިލައިގެން ދިޔައެވެ. އުފާވެރި އިހުސާސެއް ކުރެވުނެވެ. ރޫބީގެ ހާލަކީތޯއެވެ. ހިތް ތެޅޭވަރުން މޭފަޅާފައި ނުކުމެދާނެފަދަ އިހުސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. އެވަގުތުން ފެށިގެން އިކާނަކީ ރޫބީގެ ފިރިމީހާއެވެ. އެހެން ހިތަށް އެރުމުންވެސް ރޫބީގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހިގެން ދެއެވެ.
"އަހަރެންގެ އިކާން ބޮޑުވީ... ފިރިއަކަށްވީ..." އަސްލަމަށް ހިތާއިހިތުން ބުނެވުނެވެ.
ކައިވެނީގެ މަޖިލިސް ނިންމާ، ޕާޓީ ފެށުނީ އުފާވެރިކޮށެވެ. ރޫބީ ގޮނޑިން ތެދުވުމުގެ ކުރިން އިކާން ތެދުވެގެން ގޮސް، ރޫބީ އިން ގޮނޑި ދުރުކޮށްލަދިނެވެ. ތެދުވަން އެހީތެރިވެދިނެވެ. ހެދުން ރަނގަޅުކޮށްދީ ހެދިއެވެ. އެ ކުޑަކުޑަ އަމަލުންވެސް ރޫބީގެ ހިތުގެ ތެޅުން އިތުރުކުރުވިއެވެ. ދެކޯތާފަތް ލަދުން ރަތްވިއެވެ. ހަފުލާއަށް އައިސްތިބި މީހުން އެއް އަޑަކުން އަލަތު ދެމަފިރިންނަށް މަރުހަބާ ކިޔާ އަޑު އިވެމުން ދިޔައެވެ.
އަލަތު ދެމަފިރިންގެ ޖާގައިގައި ދެމީހުން ހުއްޓިލުމާއިއެކު، ފަހަރަކު މީހަކު އައިސް ސަލާންކޮށް، ތަސްވީރުތައް ނަގަން ފެށިއެވެ. ގިނައީ އިކާންގެ އާއިލާގެ މީހުންނާއި ރައްޓެހިންނެވެ. ރޫބީގެ ފަރާތުން ހަފުލާއަށް އައިސް ތިބީ އިނގިލިން ގުނާލެވޭހާ މަދު މީހެކެވެ. އޭގެ ތެރެއިންވެސް ރޫބީ ދަންނަނީ ނަޖާތާއި، ފައުދާއި، ފައުދުގެ އަންހެނުން އެކަންޏެވެ.
"އައި އޭމް ޖެލަސް... ރިއަލީ..." ރޫބީއާއި ސަލާންކުރިގޮތަށް ވިރުދާ ބުނެލިއެވެ. "މިހާރު ދެން ކިޔަން ޖެހޭނީ މެޑަމް ދޯ؟... ކޮންގްރާ މޭމް..."
"ކޮބާ އެހެންމީހުން؟..." ވިރުދާ އާއިއެކު އިތުރު މީހަކު ނެތުމުން، ރޫބީ ވަށައިގެން ހޯދައިލިއެވެ.
"ނޭނގެ އަންނާނެ ކަމެއް... ފާޑަކަށް ތިބީ.. އެނގެއެއްނު ގޮތް..." ހަމައެކަނި ރޫބީއަށް އިވޭ ވަރަށް ވިރުދާ ބުނެލިއެވެ. "އަޅާލާނެކަމެއް ނެތް... އަހަރެން މިއައީނު.."
ރޫބީއާއިއެކު ސެލްފީއެއް ނެގުމަށް ފޯނު ހިއްލައިލި ވަގުތު، ވިރުދާގެ ފޯނު ރިންގުވާން ފެށިއެވެ. ވިރުދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ ރޫބީއަށް އަވަސް ނަޒަރެއް ދީފައި، ފޯނު ތިރިކޮށްލިއެވެ. ސްކްރީން ފޮރުވިއެވެ. ފޯނު ކަންފަތުގައި ޖަހައިގެން ވިރުދާ ހިނގައިގަތީ، އެންމެންނާއި ދުރަށެވެ.
"ބުނެފީމެއްނޫންތަ އެކަން ކުރާނަމޭ!" ސިއްރުން އެހެނަސް، ހިތްހަމަނުޖެހިފައި ވިރުދާ ބުނެލިއެވެ.
"ކުރިންވެސް ނުވިއެއްނު... މިބުރު ދުލެއް ނުކުރެވޭނެ" ފޯނުގެ އަނެއްކޮޅުން ބުނި އަޑު އިވުނެވެ.
"ބޭނުންވެގެން ތިއުޅޭ ކަންތައް ވާނެއޭ... އެ ނިމުނީނު... ދެން ބޭއްވީ..." ވިރުދާ ފޯނު ކަނޑައިލިއެވެ.
ހަފުލާއަށް އަންނަމުންދިޔަ މީހުން ގިނަކަމުން، އިކާނަށް ރޫބީއާއި އަނގައިން ބުނެލާނެ ވަގުތެއް ނުލިބުނެވެ. ދެމީހުން އެކަނިވާނެ ވަގުތުކޮޅަކަށް އިންތިޒާރުކޮށްކޮށް އިކާން ވަރުބަލިވިއެވެ. ރޫބީގެ އަތުގައި ހިފާލަން އުޅޭ ކޮންމެ ފަހަރަކު މީހަކު އައިސް ރޫބީއާއި ސަލާންކުރާތީ، އިކާން ހުރީ ހަސަދަވެރިވެފައެވެ. އެހެން އެންމެންނަށް ރޫބީގެ އަތުގައި ހިފޭއިރު، އަމިއްލަ އަނބިމީހާގެ އަތުގައި ހިފައިލަން އިކާނަށް ފުރުސަތެއް ނުލިބެއެވެ.
"ހިނގާ އެއްޗެއް ކާލަން..." ފަލާހާ އައިސް ރޫބީގެ އަތުގައި ހިފައިލިއެވެ. "އެންމެންނާ ސަލާންކޮށްކޮށް މިހާރު ތިތިބީ ވަރުބަލިވެފަ..."
އިކާންވެސް ރޫބީއާއިއެކު ހިނގައިގަތެވެ. މިފްޒާލް އިކާން ހުއްޓުވިއެވެ. އޭރު އިކާންގެ ދެތިން ރައްޓެއްސަކު މިފްޒާލާއި އެކުގައި ތިއްބެވެ. ތިން މީހުން އެކުގައި ކާމޭޒާއި ދިމާއަށް ހިނގައިގަތެވެ.
"ކޮންތާކުން އަތުލައިގެން ރީތި ބިޓެއް އެއީ؟" ކާމޭޒު ކައިރިއަށް ގޮސްފައި، ރޫބީއަށް އިޝާރާތް ކުރަމުން ސައިހާން އަހައިލިއެވެ.
"ރެސްޕެކްޓް..." އެއް ބުމަ އުފުލައިލަމުން އިކާން ބުންޏެވެ. "ޝީ އިޒް މައި ވައިފް"
"އަހަރެމެންނަށް އެބަ އެނގެއޭ ވައިފް ކަން.." ސައިހާން ޖަހައިލީ ސަކަ ހިނިގަނޑެކެވެ.
"ދެން މިފްޒާލާ އިބާ ގުޅެން އެއްބަސްވެބަލަ..." ޒަޔާން މިފްޒާލްގެ ކޮނޑުގައި ޖެހިގަތެވެ. "މިހާރު އަހަރެމެންގެ ތެރެއިން މީހުންނާ ނީނދެ ހުރި މީހަކީ މީ ވިއްޔަ... އިބާ ނުލިބޭނެކަން އެނގޭތީއޭ މިސޮރު ހުސްކޮށް މި ހުންނަނީ... އެހެން މީހަކާ ނީންނާން..."
"އޭނ؟..." އިކާން ހައިރާންވެފައި މިފްޒާލަށް ބަލައިލިއެވެ.
މިފްޒާލް ދެލޯ ބޮޑުކޮށްލަމުން، އިކާނަށް ބަލައިލިއެވެ. އިކާން ބަލަން ހުރިގޮތުން، މިފްޒާލް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރައިލިއެވެ. މިފްޒާލަށް ހީވީ، ކުށެއް ކުރަނިކޮށް، ފަޅާއެރި ހެންނެވެ. އިކާނާއި ހަތަރުކަޅި ހަމަކުރަންވެސް އޭނާއަށް ފަސޭހައެއް ނުވިއެވެ.
"އަހަރެންގެ ކޮއްކޮއަށް މިފްޒާލަށްވުރެ ރަނގަޅު މީހަކު ލިބޭނެތަ؟.." އިކާން ސަމާސާކޮށްލިއެވެ.
މިފްޒާލަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުއިރު، އެ އަޑު އިވޭ ހިސާބުގައި ހުރި އިބާގެ ހިތް އުފަލުން އުދުއްސައިނުލީ ކިރިޔާއެވެ.
"އެންމެ މީރީ ފްރައިޑް ފިޝް" ނަޖާތު މަސްފޮއްޗެއް ގެނެސް ރޫބީގެ ތައްޓަށް ލައިދިނެވެ.
އެކުވެރިންނާއިއެކު ކާން އިންއިރު، އިކާނަށް ބެލުނީ ރޫބީއަށެވެ. އެންމެން ރޫބީއަށް ކާންދޭން އުޅުނު މަންޒަރު ފެނުމުން، އިކާނަށް ހެވުނެވެ.
"މައިދައިތަ ހާދަ ހެވޭ ދޯ..." އިކާންގެ ކޮނޑުގައި ޖެހިގަންނަމުން ސައިހާން ބުނެލިއެވެ. "ކިހާ ވަރަކުން ދާނެބާ!"
ފަލާހާ އާއި އިބާ އެޅި ހުރިހާ އެއްޗެއް ކައިގެން ރޫބީ އިނީ ހިރިވެސް ނުލެވިފައެވެ. ނަޖާތުވެސް ރޫބީއާއި ދިމާކުރަން ފެށިއެވެ. ދުރުދުރުން ރޫބީގެ ހަރަކާތްތަކަށް ބަލަން ހުރި ވިރުދާގެ މޫނުން ފެންނަން ހުރީ ނުތަނަވަސްކަމެވެ.
"މީ އަހަރެންގެ ފަރާތުން ދިން ހަދިޔާއެއް..." ރޫބީ ކައިގެން ތެދުވި ތަން ފެނުމުން، ވިރުދާ އައިސް ސަލާންކޮށްލިއެވެ. "ދެން ދަނީ އިނގޭ..."
"ކީއްވެ އެހާ އަވަހަށް ތި ދަނީ؟..." ރޫބީ އަހައިލިއެވެ.
"މި..މި..މި..." ވިރުދާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
"ކަމެއް ގޯސްވީތަ؟..." ރޫބީ ހާސްވިއެވެ.
"އަހަރެން ކުރިން ބުނީމެއްނު، އަހަރެން ދަރިއެއްހެން ބަލާ ކުއްޖަކު ހުންނާނެއޭ..." ވިރުދާ ފެށީ ރޫބީ އުއްމީދުކުރިފަދަ ވާހަކައެއް ނޫނެވެ.
"އާނ... ސޮރީ... ހަނދާންނެތުނީ ދެމީހުންނަށް އިންވައިޓްކުރަން.." ރޫބީ މާފަށް އެދުނެވެ.
"އޭނަ އެބަހުރި ތިރީގަ... ހިނގާބަލަ އަހަންނާ އެކީ..." ވިރުދާ އެދުނެވެ.
އިތުރު ސުވާލެއް ކުރުމެއްނެތި ރޫބީ ވިރުދާގެ ފަހަތުން ހިނގައިގަތެވެ. އިކާންގެ ކައިރީގައި ބުނަން އުޅެފައި ރޫބީގެ ހިޔާލު ބަދަލުވިއެވެ. އިކާން އިނީ އޭނާގެ ރައްޓެހިންނާއިއެކު އޮލަ ވާހަކައެއްގައެވެ. އެފަދަ ވަގުތެއްގައި އުނދަގޫ ކުރާކަށް ރޫބީ ބޭނުމެއް ނުވިއެވެ. ވިރުދާ ގޮސް ވަނީ ލިފްޓަށެވެ.
"ގްރައުންޑް ފްލޯއަށްތަ ތި ދަނީ؟..." ލިފްޓަށް ވަންނަމުން، ރޫބީ އަހައިލިއެވެ.
ވިރުދާ ބޯ ޖަހައިލިއެވެ. އެއާއިއެކު އޭނާގެ ދެލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ރޫބީއަށް އެ މަންޒަރު ފޮރުވަން އުޅުނަސް، ވިރުދާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.
"ކިހިނެއްވީ؟..." ރޫބީ ހާސްވެގެން ވިރުދާގެ ދެކޮނޑުގައި ހިފައި އޭނާއާއި ވީ ފަރާތަށް އަނބުރުވައިލިއެވެ.
"އައި އޭމް ސޮރީ!.... އައި އޭމް ސޯ ސޮރީ ރޫބީ... އަހަންނަށް މާފުކުރޭ!..." ވިރުދާ އިސްތިރިކޮށްލީ، ލިފްޓްގެ ދޮރު ހުޅުވުނު ތަން ފެނުމުންނެވެ.
********
"ކޮބާ ރޫބީ؟..." އިކާންގެ މޫނުން ފެންނަން ހުރީ ހާސްކަމެވެ.
"ދެންމެ މިތާ ހުރި..." ފަލާހާ ވަށައިގެން ހޯދައިލިއެވެ.
"ކޮންމެސް ކުއްޖަކާ ވާހަކަ ދައްކަމުން ނުކުތްތަން ފެނުނު..." ފައުދު ބުނެލިއެވެ.
(ނުނިމޭ)