"ދިރިއުޅުން ތިބާއާއިމެދު އަމަލުކުރާނީ ތިބާ މަންމައާއިމެދު އަމަލުކުރިފަދައިންނެވެ. މަންމައަކީ ލޯތްބާއި ދިރިއުޅުމުގެ ޒަރީއާއެވެ."

***

ކުލްސޫމް ރީތިކޮށް ވާހަކަދެއްކިޔަސް މޮޅިވެރިކަން އެލޮލުން ފެނުނެވެ. އެހެންވެ ކައިގެން ނިދިއައިކަމުގެ ބަހަނާ ދައްކާފައި އަވަހަށް ކޮޓަރިއަށް ވަނީއެވެ. ކަމީލާވެސް ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.

ކަމީލާއަށް މިވީގޮތުން އަވަށްޓެރިޔާގެ ގެއަށް ޒިޔާރަތްކުރުން ނިމުމަކަށް އައީއެވެ.

އޭނަ ދެކޮޅުހެދިކަން އެނގުމުން އެމީހުން ހިތްހަމަނުޖެހިދާނެއެވެ. ނަމަވެސް ނިދީގެ އަރާމެއް ނުލިބުނުތާގައި ޚިޔާލުތަކާއި ފިކުރުތަކުގެ އޮޅުންބޮޅުންގަނޑެއްގައި ބަދެވުނެވެ. މަންމައަށް ކިޔަމަންތެރިވުމުން ހަޔާތުގައި ބަރަކާތް ލައްވާނެކަމަށް ބުނެވެއެވެ. ﷲ ތައާލާ އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ނޫންހެއްޔެވެ؟ އޭނަގެ މަންމަގެ ހުރިހާ އުއްމީދަކީ އޭނައެވެ. ހިތާއި ސިކުނޑީގެ ހަގުރާމައެއް ފެށުނެވެ. ހިތް އެދެނީ އަމްރާންއެވެ. ސިކުނޑި ބޭނުންވަނީ މަންމަގެ ހުށަހެޅުން ގަބޫލުކުރުމަށެވެ.

***

މަސްޖިދުން ނިކުމެފައި އަޒިއެލްވެސް ބަލަހައްޓައިގެން ހުރީ ފަންޑު ހޯދުމަށް ބަހައްޓާފައިވާ މޭޒުތަކަށެވެ. އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނަށެވެ. އެހިސާބުގައި ތިބި ފުރާވަރުގެ ކުދިންތަކެއްގެ ސަމާލުކަން އޭނައަށް ލިބުނެވެ. ތަންކޮޅެއް ބޮޑު އައިނެއް އަޅައިގެންހުރި ކުއްޖަކު އޭނަ ކައިރިއަށް އައެވެ.

"އަޒިއެލް ބްރަދާ ތަ؟ ޅެންވެރިޔާ؟"

"ޑިޕެންޑްސް....އަހަރެން ކެންސަލްކޮށްލަން ތިއުޅެނީ؟" އޭނަގެ ޖަވާބުން އެހެން ކުދިން ހޭންފެށިއެވެ.

"މަގޭ ކަޒިންއެއް ބުނި ބްރަދަ މެންޓަލް ހެލްތް އަދި ދީނުގެ ވާހަކަ ދައްކާކަމަށް...ހަމަ އޮޕެންކޮށް....."

އޭނަ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"އަހަރެމެން އެކަންޏެއްނޫން އެކަހަލަ ކަންތައް ދިމާވަނީ...މޫސާ އަލައިހިއްސަލާމް ޕެނިކްވި....ޔޫނުސް އަލައިހިއްސަލާމް ދުވެވަޑައިގަތް....އަދި މަރިޔަމް އަލައިހިއްސަލާމްގެ ސޫރަތް ގުރުއާނުގައި އިންނާނެ..ޔޫސުފް އަލައިހިއްސަލާމް ތުއްޕުޅުއިރު ބޭބެމެން އެ ކަލޭގެފާނު ގެންގޮސް ވަޅަށް ވައްޓައިލީ....އެތައް އަހަރެއްވާންދެން އެކަލޭގެފާނުގެ ބައްޕާފުޅު ޔައުގޫބު އަލައިހިއްސަލާމް އެކަމާއި ހިތާމަކުރެއްވި.....އެކަމަކު އެއިން ކޮންމެ އިންސާނަކީ ﷲތައާލާ ލޯބިވެވޮޑިގެންވާ އަޅުތަކުންގެ ގޮތުގައި ވަނީ...."

އެކުދިން ލޯބޮޑުވެ ހުއްޓުން އަރާފައިތިބެ އެކަކު އަނެކަކަށް ބަލައިލިއެވެ.

"ކުޑަ ހަލަގާއެއް ފަށަން މިއުޅެނީ...ރިއަލް ޓޯކް...އީމާންކަމާއި އިހުސާސްތައްވެސް އެކުލެވޭ....ފިލްޓާއެއް ނެތި.....ބައިވެރިވާނަން؟" އޭނަ ދައުވަތު ދިނެވެ.

ފަހަރަކު ކުއްޖަކު އެއްބަސް ވުމުގެ އިޝާރާތްކޮށްލިއެވެ. އޭނަ ހިނިތުންވެލިިއިރު އިރުގެ އަލިކަން އެ ލޮލުގައިވި އުއްމީދުތައް ވަރުގަދަކޮށްލަދިނެވެ.

***

އަމްރާންއާއި ކަމީލާވެސް ތިބީ ހޮސްޕިޓަލުގެ ސްކްރަބްސްގައެވެ. އަމްރާން ގެނައި ހަދިޔާތަކެއް ކުޑަކުދިންނަށް ބަހައިލުމަށްފަހު ދެމިހުން އެކީގައި ހިނގާފައި ދިޔައީ ފުޅާ ކޮރިޑޯއިންނެވެ.

"އަހަރެން ދެކުނިން އަމްރާންއާއި ވައްތަރު ކުއްޖަކު މަސްޖިދުކައިރިން. ކުދިންތަކާއި ވާހަކަ އަޅުވާލާފައި ހުރީ... އެކުދިން އޭނަ ވަށައިގެން ތިބިގޮތުން ހީވީ ޚަޒާނާ ހުރި ޗާޓެއް ބަހަނީހެން..."

"ހެހެ...ހޫމްް އަޒިއެލްކަމަށް ވާނީ...ހަލާކުވެފައިވާ ބޮއްކަކުން ވެސް އޭނަ އަލިކަން ހޯދަފާނެ...."

"ހޫމް ހޫމް...ހަމަ ދެނެފަރިތަ ކަހަލަ.."

އަމްރާން ކަމީލާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ." ކަމީލާ މެރީކުރަން ދުވަހަކުވެސް ވިސްނިންތަ؟"

"ތިހެން އެހީ ކިއުރިއަސްވެގެން...ނޫނީ ޕްރޮޕޯސަލްއަކަށް ޕްރެކްޓިސްކުރަނީ؟"

އަމްރާން ޕިސްޓާއެއް ކައިކައި ހުރެފައި ކޮށިނޭރީ ހަމަ ކިރިޔާއެވެ. ދެެމީހުންނަށްވެސް ހެވުނެވެ. އެކަމަކު އަމްރާން ހުނުންގަނޑު މަތަކޮށް ސީރިޔަސްވެލިއެވެ.

"އަހަރެން ކުރިން ޚިޔާލުކުރީ ދުވަހަކުވެސް ހަގީގީ ގުޅުމެއް ނުފެށޭނެއޭ...އާޒް އަހަންނަށް އެހާ ބޭނުންވާއިރު އެހެން މީހެއްގެ މީހަކަށް ނުވެދާނެތީ..އަހަރެން ބޭނުމެއްނޫން އާޒް ދޫކޮށްލަން މީ...ހީ ނީޑްސް މީ....."

"ރަގަޅު މީހެއްވެއްޖެއްޔާ އަމްރާންގެ އަތުން އަޒިއެލް ޖަހައިނުގަންނާނެ ދޯ...އެކުއްޖަކުވެސް ހިނގާނީ ހަމަ އަމްރާން އަޒިއެލްއާއެކީ ހިނގާއިރު އެކީ....."

ދެމީހުންގެ ނަޒަރު ބައްދަލުވިއެވެ.

"ތިބުނާ އަންހެންކުއްޖާ ކުކީޒްއާއި ރޫމީގެ ބަސްކޮޅުތައް ރައުންޑްގައި ނަގަން ފޯރިފަށެއް ހުރޭ ދޯ...."

"ޝީ މައިޓް.."

ދެމީހުންވެސް އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހުއްޓައިލުމުން ހިނިތުންވެލިއެވެ. ހިމޭން ބަހުރުވައިން ވަރަށް ގިނަ އެއްޗެހި ބުނެވިއްޖެއެވެ.އެކަކު އަނެެކެއްގެ ހިތް ކިޔައިލެވުނު ހިނދުކޮޅެކެވެ.

"އެފަދަ ކުއްޖަކު ހޯދައިފިން...މަންމަވެސް ވަރަށް ލައިކްވާކަމަށް ބުނީ..އެހެންވީމަ ކައިވެނި ލަސްނުކޮށް ނިންމަން މިއުޅެނީ.."

އަމްރާންގެ ލަފުޒުތަކާއިއެކު ކަމީލާގެ ލޮލުން ހިނިތުންވުން ގެއްލުނެވެ. މޫނުވެސް ހޫނުގަދަ ދުވަހެއްގެ އަތްވަށް ކެތްނުކުރެވުނު މަލެއްހެން މޯޅިވިއެވެ. އުއްމީދުގެ އަލިކޮޅު ކަނިކަނިލާފައި ނިވުނެވެ.

"އޯ.....އެހެންތަ؟ ވާހަކަދެއްކިގޮތުން ހީކުރީ.....ހެހެ......ނެވާ މައިންޑް..އެނގޭތަ؟.އަހަންނަށްވެސް ކައިވެނީގެ ހުށަހެޅުމެއް ލިބިއްޖެ..މަންމަ މާލޭގައި ކިޔަވަން ހުރި ގޭގެ ފަރުޒާނާ ދައްތަ ލަންޑަނަށް ބަދަލުވީ...ވަރަށް ކުރިން......މަންމަ އެ ފެމިލީއާއި ވަރަށް ކްލޯޒްވާނެ .....ފަރުޒާނާ އާންޓްގެ ދަރިފުޅާއި ކައިވެނިކުރަން މަންމަ ހުށަހެޅުމުން ނޫނެކޭވެސް ބުނިން..."

"ރިއަލީ؟" އަމްރާންއަށް މަޖާވިއެވެ. ބުމަ އަރުވައިލެވުނެވެ.

ކަމީލާއަށް އެ ޒުވާނަކީ އޭނަ ކަން ނޭގި ނޫނެކޭ ބުނީއެވެ. ނަމަވެސް އޭނައަށް ކަމީލާގެ ހިތް ބިއްލޫރިހާ ސާފުކޮށް ފެނެއެވެ. އެ ލޯވެސް ކިޔައިލަން އެހާ ފަސޭހައެވެ.

"މިހާރު އާއެކޭ ބުނަން ނިންމީތަ؟"

"އެކަމާއިހެދި ނުވެސް ނިދުނު....ސަބަބަކީ މަންމަގެ އެއްވެސް އެދުމަކަށް ނުކިޔަމަންތެރިވާނެ ހިތްވަރެއް ނުހުރޭ. އަހަރެންގެ ހުރިހާވެސް މީހަކީ މަންމަ..މަންމަ އަހަންނަށްޓަކާ ވީ ގުރުބާނީތައް އަގުނުކުރެވޭ...ބަސްއަހައިގެން ދެރަގޮތެއްނުވާނެ އިންޝާﷲ. ދެން މަންމަ ބުނާގޮތަށް ހަދާނީ................"

"ތިބުނާ ފަރުޒާނާގެ ދަރިފުޅާއި ކައިވެނިކުރަން އެއްބަސްވުމަކީ އަހަރެންގެ....ވިޝްއެއް..."

"ހެހެ.."ކަމީލާގެ ހުނުމުގައި އުފާވެރިކަމެއްނެތެވެ. ހިތުގެ އުދާސް ނޫން އެއްޗެއް ނުވިއެވެ.

"އޯ...ކަމެއް ހަނދާން ނެތިފައި މިހިރީ....ދަނީ އިނގޭ..."

"މަންމައަށް ފޯނުކޮށްލާފައި ޕްރޮޕޯސަލް ރިޖެކްޓްނުކުރަމޭ ބުނެލަން ހަނދާން ނައްތާނުލާތި.."

ކަމީލާއަށް އިވުނުކަމެއް ނޭގެއެވެ. ޔަގީނުންވެސް އެނބުރި ބަލާނުލިއެވެ. އަމްރާންއަށް ނުފެނުނީ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލިކަމެވެ. އަދި އޭނަގެ މަންމައަށް މެސެޖްކުރިކަމެވެ.

***

ފަރުޒާނާ މުށިތަކުގައިވާ މާގަސްތަކަށް ފެން ދިނުމުގައި އަވަދިނެތި އުޅުނުއިރު އަޒިއެލް ގަސްތަކުގެ ތެރޭގައި އުޅޭތަން ފެނުނެވެ. އަތުގައި އޮތް ފޮތަށް ދޭތެރެއަކުން ނަޒަރު ހުއްޓައިލައެވެ. އޭނަގެ މަންމައަށް ގޮވާފައި ކޮންމެވެސް ވާހަކައެއް ދައްކައެވެ. ކޮންމެހެން އިއްވަން ނޫނީ ޖަވާބެއް ބޭނުންވެގެނެއް ނޫނެވެ. އަމްރާން ގެއިން ނިކުމެގެން އައިއިރު އިސްތަށިގަނޑު އޮތީ ކޮންމެވެސް ވަރަކަށް ހޭވިފައެވެ، މޫނުމަތިން ކޮންމެވެސް ވަރަކަށް ކަންބޮޑުވުމުގެ އަސަރު ފެނެއެވެ.

"ތި ގަމީސްލައިގެން މަސްޖިދަށްގޮސްގެން ނުވާނެ ދަރިފުޅު..."ސަމްތިން ސީރިޔަސް އިޒް ހެޕެނިން" ގަމީސް...."

"މަންމާ...އަދި މަސްޖިދަށް ދާގަޑި ނުޖެހެއެއްނު..."އޭނަ އަތުކުރީގައިވާ ގަޑިއަށް ބަލައިލިއެވެ. ދުރުގައި ހުރި އަޒިއެލް ހީލަމުން ކޮންމެވެސް އެއްޗެއް ކިޔައިލަމުން އަތުން ހަނާ އަޅައިލިއެވެ.

"މަންމާ...އަހަރެން ބޭނުން މަންމައާއި ބައްޕަގެ ގާތު ވާހަކައެއް ބުނެލަން.....ކައިވެންޏާއި ބެހޭގޮތުން..."

"ބިސްމިﷲ......"ފަރުޒާނާއަށް މޭގައި އަތް އަޅައިލެވުނެވެ. އަވަހަށް ފެން ދޭން ގެންގުޅުނު ކުޑަ ކުރާ އެއްފަރާތުގައި ބަހައްޓާފައި ސޯފާ ގޮނޑީގައި އިށީނެވެ. އަމްރާން އިށީންނަން އިޝާރްތްކުރިއެވެ. އެލުވާފައިވާ ބައްތިތަކާއި މާގަސްތަކުގެ ސަބަބުން އެތަން ފެންނަނީ ނިކަން ހުވަފެނީކޮށެވެ."ކޮން ކުއްޖެއްތަ ދަރިފުޅު...މަންމަވެސް އެހެން ކުއްޖަކާއި ވާހަކަދައްކައިގެން ފުރަތަމަ ނޫނެކޭ ބުނެފައި ދެންމެ ކުލްސޫމް ގުޅާފައި ބުނެފި އެއްބަސްވެއްޖެއޭ.."

"އޯ....އެހެންތަ؟ "އަމްރާންގެ ލޮލުގެ ވިދުންގަދަވިއެވެ. ކަމީލާ މިގެއަށް އައިސް އޭނަ ފެނުމުންވާނީ ކިހިނެއްހެއްޔެވެ؟

"އާނ މަންމާ ކަމީލާގެ ވާހަކަ...އެއީ ވަރަށް ޒިންމާދާރު އޯގާތެރި ކުއްޖެއް....އަދި އަހަރެމެންގެ ދިރިއުޅުންވެސް އަންޑަސްޓޭންޑްވޭ...އަޒިއެލްވެސް....."

"އެ ގާލްއަށް ދޮންބެ ސިމެންޓް މިކްސާއެއްހެން ގުގުރިދަމާކަން އެނގޭތަ؟ އެވެސް އަހަރެމެންގެ ލައިފްގެ ބަޔެއްނު...."

"އަޒް..މިކަމުގެ ތެރެއަށް ނުވަދޭ..ނޫނީފްލާވާ ބޯއިއަކަށް ހަދާނަން..."

"ނޫން ދޮންބެ. އަހަރެން އަނގޮޓި ހިފައިގެންދާ ކުއްޖާއަށް ހަދަންވީނު...އޭރުން ފިޔަތައް އުކަމުން ރޫމީގެ ޅެންތައް ކިޔަމުންދެވޭނެ......"

"އަޅުގަނޑު ނިންމައިފިން ކައިވެނިކުރަން.."

" اللهم بارك....ދަރިފުޅަށް މިކަމާއިމެދު އެހާ ޔަގީންކަން އޮތިއްޔާ ހަމަ އަވަހަށް ތާރީޚެއް ނިންމަންވީ....އެކަމަކު މަންމައަށް އެންމެ ކަމަކަށް ވައުދުވާންވާނެ..."

"އެނީތިން މަންމާ.."

"ކަމީލާއަށް ދެރަގޮތެއް ނަހަދައްޗޭ...ﷲގެ ރަހުމަތާއެކު ރަގަޅު އާއިލާއެއް ބިނާކުރުމުގެ މަގުސަދުގައި ހެޔޮ ނިޔަތުގައި އަތުގައި ހިފަންވާނީ....ކޮންމެފަދަ ހާލެއްގައިވެސް އެކީގައި އުޅެން..."

އަމްރާން އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

***

ޒޭބާއާއި އޭނަގެ މަންމަ ލަންޑަނަށް އައުމުން އެންމެނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. މާހިރާވެސް ނިޔަތް ބަދަލުވެގެން ދަރިފުޅު ލަންޑަންގެ ޔުނިވަސިޓީއަކުން ލިބުނު ޖާގަ ގަބޫލުކުރީއެވެ. ކުލްސޫމްގެ ދަރި ލަންޑަނުގައި ވަޒީފާގައި ހުރިއްޔާ އޭނަގެ ދަރިފުޅުވެސް ފަހަތަށް ޖެހިގެންނުވާނެއެވެ. މާހިރާ އަޅުވެރިވާން މަސައްކަތްކުރާއިރުވެސް ބައެއް ކަންތައްތަކުގައި ޖާހިލެވެ. އޭނައަށް ނޭގެނީ އެފަދަ ކަންތައްތަކަކީ ވާދަކޮށް ހިތުގައި ހަސަދަލައިގެން އުޅެންވާކަންތައް ނޫންކަމެވެ. އެމީހަކު މަސައްކަތްކުރުމުން ކާމިޔާބު ލިބޭނެކަމެވެ. އަދި ރިޒުގު ބައްސަވަނީ ހެއްދެވި ފަރާތުންކަމެވެ. އިންސާނުންނަށް އޮތީ ގަދަ އަޅާ މަސައްކަތްކޮށް ދުޢާކުރުމެވެ. ދުނިޔެއަކީ ކުރު ދަތުރެކެވެ. މިދުނިޔެއަށް ވުރެވެސް އާޚިރަތަށް މަސައްކަތްކުރުމުގެ ހުރި ނިއުމަތް އަދި ނޭގެނީއެވެ. ޒޭބާ އައި ސަބަބު ކައިލާ އެހުމުން އަތުގައި އޮތް ބޯ ސައިކޮލޮޖީ ފޮތް ދައްކައިލިއެވެ.

"ޔޫ ކޭމް ޒޭބް...ޔޫ އެކްޗުއަލީ ކޭމް...އާންޓް އެހާ ދެކޮޅުވީމަ ހީކުރީ ދެން ދިމާނުވާނެކަމަށް..."

"ޔުނިވާސިޓީއިން ޖާގަ ލިބުނީ...ޕްލަސް އަންފިނިޝްޑް ބިޒިނަސް...." ޒޭބާ ހިނިގަނޑެއް ޖަހައިލިއެވެ.

އެރޭ ސުފުރާމަތި އެހެން ދުވަހަށްވުރެ އެއްޗެހި ގިނަކަމަށް ދައްކައެވެ. މާހިރާއާއި ޒޭބާ އައުމުގެ އުފަލުގައި ފަރުޒާނާ ޚާއްސަ އެއްޗެހި ތައްޔާރުކޮށްފައި ކުލްސޫމްމެންގެއަށްވެސް ފޮނުވިއެވެ. ކުލްސޫމް ބޮލުގައި ރިއްސައިގެން އުޅޭތީ އެރޭ ލިބުނު ދައުވަތަށް ނާދެވުނީއެވެ. އެރޭ މާހިރާގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ.

"ސޯ...ފިއުޗާ ސައިކޮލޮޖިސްޓް ހޫމް؟" އަޒިއެލް އަހައިލިއެވެ.

"ވެލް އިންޝާﷲ....."ޒޭބާ ބުނެލިއެވެ." އަހަރެން ހިތަށް އެރީ އެހާވަރަށް ސިކުނޑިދެކެ ބިރުގަންނަ މީހެއްވިއްޔާ ނުދުވެ ހިނގާފައި ސިކުނޑިތެރޭގައި އުޅެން ދަސްކުރަންވާނެއޭ.."

"ދެންފަހަރަކު ތެރަޕީ ބައި ހަދާއިރު އަހަރެން ޓެސްޓް ސަބްޖެކްޓަށްވެދާނަން...އަގަކަށް ނޫން...ހަމައެކަނި ސައި ދިނީމަ ވާނެ......."

އެދެމީހުންގެ ނަޒަރު ބައްދަލުވިއެވެ. ހަގީގީ ކުލުނެވެ. ސުލްހައެވެ.

ކެއުމަށްފަހު ފަރުޒާނާއާއި މާހިރާއާއި ދެބެން ފެންޑާގައި ވާހަކަދައްކަން ތިބިއިރު އަމްރާންއާއި ކަމީލާގެ ކައިވެނީގެ ވާހަކަ ދެކެވުނެވެ. މާހިރާއަށް އެކަން ބަލައިގަތުން އުދަގޫވިއެވެ. ހިތުގައިވި ހަސަދަވެރިކަމުގެ އަލިފާންގަނޑު ހުޅުފަޅައިގެން ދިޔައެވެ. އޭނަގެ އަންހެންދަރިފުޅާއި އަމްރާން ކައިވެނިކުރުވިނަމައެވެ. ބޭރުފުށުން އެކަމާއި އުފާވިކަމަށް ހެދުނަސް ހިތް ސާފެއްނުވިއެވެ. ކޮޓަރިއަށް ވަންގޮތަށް ޒޭބާއާއި އެވާހަކަ ދައްކާފައި ރުޅި ފައުޅުކުރިއެވެ.

"މަންމާ..ކަމީލާއަކީ ވަރަށް ރީތި ކުއްޖެއް...އަމްރާންއާއި ނުލާވެސް ކަމީލާގެ ފިއުޗާ ބްރައިޓް..ﷲ ތައާލާ އެމީހަކަށް ދެއްވަން ހުރި އެއްޗެއް ދެއްވާނެ. މަންމަ އެކަމާއި ހިތްހަމަނުޖެހެނީ ކީއްވެތަ؟ ދޭ އާ މޭޑް ފޯ އީޗް އަދާ....ހަމަ ވަރަށް ގުޅޭ...."

"އެއީ ބައްޕަނެތް އަންހެންކުއްޖެއް.."

"ކަމީލާގެ ކުށެއްނެތެއްނު..."

"ހެވޭ....ވަރަށް ފޫހިވޭ..ބައްޕަ ނެތް ދަރިއަކަށް ހަމަ ވާނީ...ދައްތައަށް ހަމަ ސާބަސް......"މާހިރާ ތުން އަނބުރައިލިއެވެ.ހަގީގަތުގައި ކުލްސޫމްއަށް އެފަދަ އުފަލެއް ލިބުމުން އެކަން ހަޖަމުނުވީއެވެ. ކުރިން އޭނަގެ ދައްތަ ގާތުގައި އަމްރާންއާއި ޒޭބާގެ ކައިވެންޏަށް އެދެވުނުނަމައެވެ. މިހާރު މާ ލަސްވެއްޖެއެވެ.

***

ޒޭބާ ކޮޓަރިއަށް ވަންއިރު ދަބަސް ކޮނޑުގައި އެލުވައިލާފައި އޮތެވެ. އޭނަގެ އަތުގައި އޮތީ ނަފްސާނީ ފޮތެކެވެ. މާހިރާ ރަޖާ ގައިމަތިން ނަގާފައި ތެދުވާން އުޅުނެވެ.

"ހާދަ އަވަހަށް ތިއައީ؟"

"މިއަދު ތަންކޮޅެއް އަވަހަށް ނިމުނީ...މަންމާ....އަހަރެން ވާހަކައެއް ބުނަން ބޭނުން.." އޭނަ ގޮސް މަންމަ ގާތު އެނދުގައި އިށީނެވެ.

"އަހަންނަށް އެނގޭ މަންމަ ބިރުންކަން ހުންނަނީ...އަޒިއެލްގެ ސަބަބުން ބިރުގަންނަވަރު...އަހަރެންވެސް ބިރުގަނޭ....އެކަމަކު އެއަށްވުރެ ބިރުގަތްކަމެއް މަންމައަށް އެނގޭތަ؟ ބޭނުމެއްނެތް ސްޓޯރީއެއްހެން އަޒިއެލް ދޫކޮށްލާފައި އަހަރެމެން އޭރު ދިޔައީ..."

މާހިރާ އިނީ ހެޑްބޯޑަށް ލެނގިލައިގެން ހިމޭނުންނެވެ.

"މަންމާ...އަޒިއެލް މޮޔައެއްނޫން..އަހަރެމެން ގިނަ މީހުންނަށް ނަމެއް ދޭންވެސް ނޭގޭފަދަ ތޫފާނެއްގެ ތެރޭގައި މަގު ހޯދައިގެން އެ އުޅެނީ...އަހަރެންވެސް ބޭނުންވަނީ ތޫފާންތަކުގެ ތެރޭގައިވާ މީހުންނަށް އެހީތެރިވެދިނުން....އެމީހުންނަށް ފިލަން ދުވާކަށް ނޫން...."

"ދަރިއަކު ކަސިޔާރުވެގެންދާތަން ފެނުމަކީ ކޮންކަހަލަކަމެއްކަން ޒޭބާއަކަށް ނޭގޭނެ...ތިމާގެ އަމިއްލަ ދަރިއާއިމެދު ބިރުގަތުން..."

"މަންމާ...ދުވުން ހުއްޓާލަމާ....އަހަރެން ބޭނުމީ މަންމަވެސް އަޒިއެލްއާއި ވާހަކަދެއްކުން....އަޑުއަހަން. އެންމެން އެކީ ވަގުތު ހޭދަކުރުން...."

މާހިރާ އިނީ ހިމޭނުންނެވެ. އެހިތުގައިވާ އެއްޗެއް ނޭގުނަސް އޭނައަށް މަންމަގެ ނުތަނަވަސްކަމާއި މާޔޫސީކަން ފެނުނެވެ.

***

ހަލަގާ ފެށުނީ މަދު ކުދިންތަކަކުންނެވެ. ނަމަވެސް ދާދި އަވަހަށް މެމްބަރުން ގިނަވިއެވެ. އަންހެންކުދިންނާއި ފިރިހެންކުދިންނަށް ވަކި ހޯލެއްގައެވެ. އެކުދިން ކޮންމެފަދަ ސުވާލެއްވެސް ކޮށްލައެވެ. ރޫހާނީ އަދި ވޭންތަކާއި ބެހޭގޮތުންނެވެ. ދީނާއި ނަފްސާނީ ބަލިތަކާއި ގުޅޭގޮތުންނެވެ.

އަޒިއެލް އެކުދިންނާއި ވާހަކަ ދައްކަން ހުރިއިރު މޫނުމަތިން ފެނުނީ ހަމަޖެހުމެވެ. "ﷲއަށް އީމާންވެގެން ތިބޭ މީހުންނަށްވެސް ތެރަޕީ ނެގޭނެ....ސަބްރާއެކު ބޭސްވެސް ކެވޭނެ.އެއީ ދުޝްމިނުނެއްނޫން....އެކުވެރިން..."

އެވަގުތު އިމާމް ނާދިރު އެތަނަށް ވަދެގެން އައެވެ. ދިގު ތުނބުޅިއަކާއިއެކު ބަރު އަޑެއްގެ ވެރިއެކެވެ.

"ބްރަދާ އަޒިއެލް..އަހަރެން ބޭނުން އެކަނި ވާހަކަދައްކައިލަން.."

"އެންމެ ރަގަޅު.."

އަޒިއެލް އިމާމްއާއެކު ބޭރަށް ޖެހިލިއެވެ.ކޮރިޑޯގައި ދެމީހުން އެކަނިވިއެވެ.

"އަޒިއެލް..ކުދިންނާއި ވާހަކަތިދައްކަނީ މާ މިނިވަންކޮށް.....އެކުދިންނަށް އަދި ޑިސްއޯޑާސްތަކާއި އިމޯޝަންސްފަދަ ލަފުޒުތަކެއް އިވިގެންނުވާނެ. އެކުދިން ބޭނުންވަނީ ގުރުއާނާއި އަޚުލާގު..ހުޅަނގުގެ ތިއަރީތަކެއްނޫން....ޑިޕްރެޝަންފަދަ ކަންތައްތަކަކީ އޮންނަ އެއްޗެއްނޫން....ބަސްނޭހުމާއި ނުލަފާކަމާއިއެކު ދަރިން ތަރުބިއްޔަތު ނުކުރެވުމުން މިޒަމާނުގައި ކޮންމެވެސް ނަމެއް ކިޔައިގެން އެކުދިންވަނީ ޚާއްސަ އެހީއަށް ބޭނުންވާކުދިންނަށް....ސްކްރީން ގިނަވުމާއި ސްޕޮއިލްކުރުން އަދި ދަރިން ތަފާތުކުރުމުން ނުލަފާ ވާކުދިން ނޫނީ ޑްރަގުގެ ވަބާގައި ޖެހިގެން ނޫނީ ދީނުން ބޭރުވެގެން އުޅޭ ވައްތަރު.....އީމާން ވަރުގަދަ ވީމަ ހުރިހާކަމެއްގެ ހައްލު. އީމާންކަން ވަރުގަދަ މީހުން މި ހުރިހާކަމަކާއި ޑީލްކުރާގޮތް ތަފާތުވާނެ....."

"ޝޭޚު...އަޅުގަނޑު އިހުތިރާމްއާއެކު ދަންނަވަން....ގުރުއާނުގައިވެސް އިމޯޝަންސްގެ ވާހަކަ ވޭ...ޔޫނުސް އަލައިހިއްސަލާމް ޑިޕްރެސްވި...ޔަގޫބް އަލައިއްސަލާމް ލޯފުޅުގެ ފެނުން ގެއްލެން ދެން ކީރިތިކުރެއްވި... މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމް ހިތާމަފުޅުކުރެއްވި ވަރުން އެއަހަރަށް ނަން ދެވިފައިވަނީ "ޔިއާ އޮފް ސޮރޯ"....ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އެއީ ކިހާވަރެއްގެ ކަމެއްކަން އެނގެނީ...ޖިސްމާނީ ބަލިތައް ފަދައިން ސިކުނޑިއަށްވެސް ބަލިތައް ޖެހޭ..." އަޒިއެލް ހުރީ ހަމަޖެހިލައިގެންނެވެ."ގަޑިން ނަމާދުކޮށް އަޅުކަން ކުރުމަކީ ފަރުވާއެއް...އެކަމަކު އެއީ ނެތް ކަމަކަށް ނެހެދޭނެ...."

"ތިއީ ތެދަކަށްވުން އެކަށީގެންވޭ. އެކަމަކު ތިއީ ޝޭހެއްނޫން...ދީނީ އިލްމުވެރިއެއްނޫން.."

"ނޫން...މިއީ ހަމަ އަނދިރީގެ ތެރޭ އުޅުނު މީހެއް އެކަމަކު އެހެން މީހުންވެސް އެފަދަ އަނދިރިކަމަކަށް ގެނބިގެން ދިޔަ ނުދޭން ވިސްނާމީހެއް.."

އިމާމް ނާދިރު އިރުކޮޅެއްވާންދެން އޭނަގެ މޫނު ދިރާސާކުރިއެވެ. އިތުރު ދެބަސްވުމެއް ޖަދަލުކުރުމެއްނެތަސް އެލޮލުން ކޮންމެވެސް ވަރެއްގެ ނުރުހުމެއް ފެނުނެވެ.

"ބަލައިގެން ހިނގާތި ދަރިފުޅު...ސަބަބަކީ މިއީ ސެންސިޓިވް ގްރައުންޑެއް..."

"އެކަން އެނގޭ. އެހެންވެ ހުސްފަޔާ މިހިނގަނީ..."

އިމާމް ނާދިރުގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.

***

ޔޫސުފްއާއި ފަރުޒާނާ އަދި އަމްރާން އެކީގައި ގޮސް ދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވައިލީ ކުލްސޫމްއެވެ. އެގޭތެރޭގައި ފިނިކަމާއެކުވެފައިވަނީ މާތަކުގެ މީރުވަހެވެ. ކުލްސޫމްއެކޭ އެއްފަދައިން ކަމީލާވެސް ކުރުތާހެދުމަކާއިއެކު ޖިންސެއްގައި ހުރިއިރު ބޮލުގައި ރީތިކޮށް ހިޖާބު އޮޅާފައިވިއެވެ. ކަމީލާއަށް ސޯފާއިން ތެދުވުމާއެކު ނަޒަރު ހުއްޓުނީ އަމްރާންގެ މޫނަށެވެ. އަތްދިގު ކަޅުނޫކުލައިގެ ގަމީހަކާއި ޖިންސެއްލައިގެން ހުރިއިރު ދެންމެ ފެންވަރާލައިގެން އައިހާ ތާޒާއެވެ. ހިތްގައިމު ސެންޓެއްގެ ވަސް އެތަނުގެ ވައިގާ ހިފައިލިއެވެ. ކަމީލާ އަނގަ ހުޅުވުނުގޮތަށް ލައްޕައިލަން ނޭގުނިއިރު އަމްރާންގެ ލޮލުގައިވީ ލާނެތް ކަމެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު