"ލޯބިވާ މީހެއްގެ ވަކިވުމަކީ އިންސާނެއްގެ ހިތަށް ކުޅަދާނަވާނެކަމެއް ނޫނެވެ. އެކަމެއް އެނގޭނީ އެންމެ ލޯބިވާ މީހާ ގެ ވަކިވުން ތަހައްމަލުކޮށްފައިވާ މީހަކަށެވެ. ޚާއްސަކޮށް މަންމައެއްގެ ވަކިވުމެވެ. ކޮންމެ އުމުރެއްގެ މީހަކު ވިޔަސް މަންމަ ވަކިވެގެން ދިޔުމަކީ ދެމިގެންވާ ހިތާމައެކެވެ. މަންމަ ނެތުމުގެ ފަޅުކަމާއި އެކަނިވެރިކަން ފިލުވައިދޭނެ އެހެން އިންްސާނަކު ނުވާނެއެވެ. ލޯބިވާ މީހުންނާއެކު ޖަންނަތުގައި ވުމަށް ކުރެވޭނެ ކަމަކީ ހެޔޮ އަމަލުކޮށް ދުޢާކުރުމެވެ."
***
އޭނައަވަހަށް ތެދުވެގެންގޮސް ދޮރު ހުޅުވާލީ ނޭވާ ހަމަޔަކަށް އަޅުވައިލަމުންނެވެ. ދޮރު ހުޅުވައިލުމުން އެތެރެއަށް ވަނީ ޒުބޭރުއެވެ. އާދައިގެ މަތިން އެމޫނުގެ ޝުއޫރުތައް ކިޔައިލުން ފަސޭހައެއްނުވިއެވެ. އޭނަގެ ފަހަތުން ކަހަލަ ގޮތަކަށް އަންހެންއްގެ ސޫރަ ފެނުމާއެކު އޭނަގެ ހިތް ތެޅިގަތެވެ. އެ މީހަކީ ޒުބޭރުގެ މަންމަ ހަނިއްޔާއެވެ.
އޭނަ ހަނދާނުގައި ރައްކާކުރެވިފައި ވީ ހަނިއްޔާއަށްވުރެ އުމުރުން ދުވަސްވެފައިވާ ކަމަށް ދެއްކިޔަސް އެ ފަރިކަމާއި ފާޑުވެރިކަމަށް ބަދަލެއް އައިސްފާ ނެތެވެ.. އިސްކޮޅުން ދިގު ތެދު ހަށިގަނޑެއްގެ ވެރިއެކެވެ. ހިޖާބުއާއެކު ރީތިކޮށް ހެދުން އަޅާލާފައި ރިހިކުލައިގެ ޝޯލް ކޮނޑުމައްޗަށް ވާ ގޮތަށް އެއްލާލާފައި އޮތުމުން ތަފާތެވެ. ހަނިއްޔާގެ ނަޒަރު ލިވިންރޫމަށް ދަތުރުކުރުމަށްފަހު އޭނަގެ މޫނުގައި ހަރުލިއެވެ.
"އައްސަލާމް އަލައިކުމް ހަނިއްޔާދައްތަ..އަވަހަށް ވަދޭ..."އޭނަ ކުޑަކޮށް ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ.
"މިރިއަމް...ނުފެނި ހާދަ ދުވަހެއް ވެއްޖެ..."
ހަނިއްޔާގެ އަމަލު ހުރިގޮތުން އޭނަގެ ހަނދާނަށް އައީ ހަމަ މިފަދަ އިއްޒަތްތެރި އެހެން ކަމަނާއެކެވެ. ހަމްޒާގެ މަންމައެވެ. ހަމަ އެ މިޒާޖެވެ. ފައިސާ ފޮތްޗެއް ދެއްވާފައި އޮތުމުން އިންސާނާ ކިބުރުވެރިވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ އެންމެންވެސް މަރުވެގެން ކަށްވަޅަށް ދަނީ އެއްކުރި ހުރިހާ އެއްޗެއް ދޫކޮށްލާފައި ހަމައެކަނި ހަށިގަނޑު ނިވާކުރަން ލާ ހުދު ފޮތިގަނޑަކާއި އެކީގައެވެ.
ހަނިއްޔާ އެތެރެއަށް ވަދެ ދޮރުފޮތިތަކާއި ބޭސްފުޅިތަކަށްދާންދެން އެލޮލުން ސްކޭން ކުރިއެވެ. އެއްވެސް އެއްޗަކަށް ފާޑެއް ނުކިޔައެވެ. ކޮންމެހެން ދުލުން ނުބުނިކަމުގައިވިޔަސް އޭނައަށް ހަނިއްޔާ ދެކުނުގޮތުން އިހުސާސްވިއެވެ. އެ ހިމޭން ބަހުރުވަވެސް އޭނަ ދެނެގަތެވެ.
ޖަމީލާވެސް ހޭލިގޮތަށް ބޭރުން ވާހަކަދައްކާ އަޑުއިވިގެން ނުކުތުމާއެކު މެހުމާނުގެ މޫނަށް ނަޒަރު ދަތުރުކުރިއެވެ. އެއާއެކު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. ވަގުތީގޮތުން ނަމަވެސް ހަނދާންނެތުމުގެ ދުންފިނިގަނޑު ކެހިގެން ދިޔައެވެ.
"ހަނިއްޔާ ސުބުހާނަﷲ.....ކޮން ދުވަހެއް ނުފެނި....އަހަރެން ހީކުރީ އަލުން ދިމާނުވާނެކަމަށް..ކިހިނެއް ހާލު؟" ޖަމީލާގެ އަޑުގައިވީ އިޚުލާސްތެރި އުފާވެރިކަމެވެ. އަތުގެ ތެރޭގައި ވީ ތަސްބީހައެކެވެ. ހަނިއްޔާވެސް ތެދުވެގެން ހިނގައިގަތީ ޖަމީލާގެ ހިނގުމުގައި ހުރިގޮތުން އަރިއަޅާލަފާނެތީ ވެސްމެއެވެ. ކުރިއަށް ޖެހި އަތުގައި ހިފައިލެވުނުއިރު އެލޮލުގައި ވީ ހަރުކަށިކަން ނެތިހެން ދިޔައެވެ.
"ޖަމީލާ ވަރަށް ހާލު ރަގަޅުކަމަށް ފެންނަނީ މާޝާﷲ.."
"ހަނިއްޔާވެސް ބަދަލެއްނުވެއެއްނު..." ޖަމީލާ އެއަތުގެ ނުފުށުގައި ފިރުމައިލިއެވެ. އަނެއްކާވެސް ހަނދާނުގެ ނަގިލި އެއްލައިލީ މާޒީއަށެވެ.
މިރިއަމް ދޮރުގައި ހިފަހައްޓާލައިގެން ހުރީ ލަދުގެންފައެވެ. ހިތް ތެޅެމުން ދިޔައިރު ސްކާފްގައި މަޑުމަޑުން ހިފަހައްޓައިލެވުނެވެ. މިފަދަ ކުއްލި ބައްދަލުވުމަކަށް އޭނަގެ ނަފުސް ތައްޔާރެއްނޫނެވެ. ޒުބޭރުއަށްވެސް މާހައުލުގައިވި ނުތަނަވަސްކަން އިހުސާސްވުމުން ކަރުކެހިލިއެވެ.
"މަންމަ ހަމަ ޒިޔާރަތްކޮށްލަން ކުއްލިއަކަށް ނިންމީ.....އަހަރެމެން މާލޭގައި އުޅޭތަން ބަލައިލަން އަންނަން މަންމަ ގާތު ކިޔާތާ ދުވަސްތަކެއް ވެއްޖެ..."
ހަނިއްޔާގެ ކައުޗްގައި އިށީނުމަށްފަހު އަނެއްކާ ނަޒަރު ހުއްޓައިލީ މިރިއަމްއަށެވެ. އެލޮލުން އޭނައަކަށް މާ ބޮޑު އެއްޗެއް ސާފެއްނުވިއެވެ. އޭނަ އަވަސްވެގަތީ ޖޫސްތަށްޓެއް ނަމަވެސް ގެނެސްދިނުމަށެވެ. އަތްވެސް ތުރުތުރުލާކަން އެނގުނުއިރު އަވަސްވެފައިވާ ހިތާއި ކޯތާފަތަށްވެރިވި ހޫނުކަންވެސް ރަމްޒުކޮށްދިނީ އޭނައަށް ބީރައްޓެހިންނާއި ކުރިމަތިލާން އުދަގޫވަރެވެ. ޖޫސް ވެރިޔަނުދޭށެވެ. އިނގިލިތައް މައިތިރި ކުރާށެވެ. އޭނަ އަމިއްލަ ނަފުސަށް އަޑުލިއެވެ.
"ޕްލީޒް ހޭވް ސަމް..."އޭނަ ޖޫސްތަށި ހަނިއްޔާގެ އަތަށް ދެމުން ތަބައް މޭޒުމަތީގައި ބެހެއްޓިއެވެ. ހަނިއްޔާ ރަހަ ބަލާލާފައި ތަބަކުގައި ތަށި ބެހެއްޓިއެވެ.
"މިރިއަމްވެސް ގާބިލު މީހަކަށް ވެއްޖެ..އަހަރެން ހަނދާން އެބަހުރި ކުރީގެ މިރިއަމް..ލައިލާގެ ފަހަތުގައި ހިޔަންޏެއްހެން...ދެމީހުން އަބަދުހެން ބަލާނީ ކޮންމެވެސް ކަމެއް ރާވައިލަން...ނޭގޭ........އެފަހުން ނެގިމަޑުވެފައި..."
ހަނިއްޔާ ގެ ލަފުޒުތަކަކީ ތައުރީފެއްކަން ޔަގީނެއްނުވިއެވެ.
"ހަޔާތް.....ބައެއްފަހަރު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މަޑު ޖައްސައިލަން...."އޭނަ ގަދަކަމުން ހީލީއެވެ.
"އަހަރެން އުއްމީދުކުރަނީ ޒުބޭރު މިގޭގައި ދިރިއުޅުން....މާ ބޮޑު ބާޑްންއަކަށް ނުވާނެކަމަށް..." ހަނިއްޔާ ކުޑަކޮށް ބޯ އަރުކޮށްލިއިރު ތުންފަތަށް ހިނިތުންވުމެއްވެރިވާން އުޅުނުހެން ހީވިއެވެ. ކިތަންމެ އަދަބުވެރިކޮށް ވާހަކަދެއްކިޔަސް އެ ލަފުޒުތަކަކީ ވިހަ ކަށިތަކެކެވެ. އޭނައަށް ހިންދިރުވައިލެވުނެވެ.
"ޒުބޭރުއަކީ ޒިންމާދާރު މީހެއް. ދަންނަ އެންމެނަށްވުރެ ޔަގީނުންވެސް އެ ބައި ރަގަޅު.."
ޒުބޭރުގެ ނަޒަރު ދެމީހުންނަށް ދަތުރުކުރިއިރު ދަތްދޮޅިއަށް ކުޑަކޮށްބާރުވެލިއެވެ. އޭނަ އިނީ ހިމޭނުންނެވެ. ޖަމީލާއަށް އެތަނުގައި އުފެދިގަތް އޮއިވަރުގެ ހިލަމެއްނުވެ ހަނިއްޔާއާއި އަތްތިލަ މަހައިލިއެވެ.
"އަހަރެމެންގެ ދަރިންނާއި ހީނުކުރާހާ ބޮޑެތި ކަންތައްތައް ދިމާވެފައިވަނީ ހަނިއްޔާ..އެކަމަކު ﷲ އެދަރިންނަށް ކެތްތެރިކަން ދެއްވި...ހަމަ ދަރިންނާއިމެދު ފަޚުރުވެރިވާވަރުވޭ..ނޫންތަ؟"
ހަނިއްޔާ ހިނިތުންވެލުމާއެކު މިރިއަމްގެ މޫނަށް ބަލައިލިއެވެ. އެކަމުން އޭނަ ކަންބޮޑުވިއެވެ. މާހައުލުގައިވި ނުތަނަސްވަސްކަން ފުނޑުކޮށްލީ އަނެއްކާވެސް ޖަމީލާއެވެ."އާހް ހަނިއްޔާ..އަހަރެން އަބަދުވެސް ބުނަން ޒުބޭރުއަކީ ވާ ނަސީބު ރަގަޅު މީހެކޭ...މިރިއަމްގެ ބައްޕަގެ ފަރާތުން މާ ބޮޑު އެއްޗެއް ނުލިބުނަސް ﷲ މިރިއަމްގެ އަތުގައި ބަރަކާތް ލެއްވި...ކައްކައި. ފަހާ ސާފުކޮށް ހުރިހާ މަސައްކަތެއް ކުރަން ދަންނަ ގެވެހި ކުއްޖެއް....މިރިއަމް މަސައްކަތްކުރާތަން ކޮންމެހެންވެސް ބަލައިލަން ޖެހޭ....."
އޭނައަށް މަންމަގެ ލަފުޒުތައް އިވުމުން ލަދުންގޮސް ހަލާކުވާވަރުވިއެވެ. ގޮތްހުސްވެފައިވާ ނަޒަރަކުން މަންމައަށް ބަލައިލެވުނަސް މަންމައަށް އެކަން ދެނެގެނަވެނީއެއްވެސް ނޫނެވެ. މަންމަ މައުސޫމް ހިނިތުންވުމެއް ދިނެވެ. އެއްގޮތަކަށްވެސް ހަނިއްޔާގެ ވާހަކައިގާ ހުރި ޖެއްސުމުގެ އަސަރެއް މަންމައަށް ނޭގިއެވެ.
ހަނިއްޔާގެ ލޮލުގައިވީ އެހެން ކަހަލަ ވިދުމެކެވެ. ހަމްދަރުދީ ނޫނީ ކުރީގެ ހީތައް ޔަގީންވީއެވެ.
" ހޫމް..ޓްރައި ކުރާވަރު އެބަ ފެނޭ....."
އޭނަގެ ހިތް ލުއްސާލައިގެން އައިހެން ހީވިއެވެ. ހިނިގަނޑެއް ޖަހައިލީ ގަދަކަމުންނެވެ."މަންމަ އަބަދުވެސް މާ މޮޅުކޮށްލާފައި ވާހަކަދައްކާނީ....އެހެން މީހުންވެސް ކުރާވަރަށް މަސައްކަތްކުރެވެނީ..ނޫނީ މަދުން...ޑިއުޓީގައި ހުރެފައި......"
އޭނަ ގިނައިން ވާހަކަދެއްކި ވަރަކަށް ފޮރުވަން ބޭނުންކަންތައް ފަޅާ އަރާހެން ހީވެ ނުތަނަވަސްވިއެވެ.
"މަންމާ..މިރިއަމް ޖަސްޓް ޓްރައިން އެއްނޫން....އެހެން މީހުންނަށް މިރިއަމް ކުރާވަރާއި ގާތުންވެސް މަސައްކަތެއް ނުކުރެވޭނެ.."ޒުބޭރު ދިފާއުއަށް އައެވެ. އެކުއްލި ތައުރީފުން އޭނަވެސް ސިހުނެވެ.
ޖަމީލާ ވަރުބަލިވެގެން ނިދަން ދިޔުމުން ހަނިއްޔާވެސް ކަނދުރާގައި އޮޅާލާފައިއޮތް ޝޯލް ނަގާފައި ގޮނޑީގެ އަތްގަނޑުގައި އަޅުވައިލިއެވެ. އެތަނުން ތެދުވުނީވެސް ނިކަން ޝާހީގޮތަކަށެވެ.
"މިރޭ މިގޭގައި މަޑުކޮށްލާނީ...."ހަނިއްޔާގެ އަޑުގައި މަޑުމައިތިރިކަމާއެކު ހަރުކަށިކަމެއްވެސް އެކުލެވުނެވެ. ޚިޔާލެއްވެސް ނޫނެވެ. އެދުނީއެއްވެސް ނޫނެވެ. އެއީ އޭނަގެ ނިންމުމެވެ. އޭނަގެ ބަހަކީ އެންމެފަހުގެ ބުނުން ފަދައެވެ."އަހަރެން ޖަމީލާއާއި ދިމާނުވެ އެހާ ދުވަސްވެއްޖެ. ޖަމީލާވެސް ދެން އެ އުމުރުގައި މިހެން ވާހަކަދައްކައިލާނެ ފުރުސަތެއް އިތުރަށް ލިބިދާނެކަން އެނގޭނީވެސް ކާކަށްތަ؟"
ޒުބޭރު ފޯނުން ނަޒަރު ވަކިކޮށްލަމުން އެދެމީހުންނަށް ބަލައިލުމަށްފަހު އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް މަންމަގެ އެންމެ ނަޒަރަކުން އޭނަ ހިމޭންކޮށްލައިފިއެވެ.
"އޮފްކޯޒް...އެނދު ތައްޔާރުކޮށްލާނަން...." މިރިއަމް ހީލިނަމަވެސް ލޮލަކަށް ނުފޯރައެވެ.
"ރަގަޅު. އަހަރެން އިޝާ ކޮށްލައިގެން އަރާމުކުރަން ޖައްސައިލާނީ..."
މިރިއަމް ތަބައް ނަގައިގެން ބަދިގެއާއި ދިމާލަށް ހިގައިގަތީ އޭނަގެ ހިތަށްކުރި ބާރު މޫނުމަތިން ފައުޅުވެދާނެކަމުގެ ބިރު ހީވެފައެވެ. މިއީ ކޮންމެހެން ޒިޔާރަތްކުރުމެއް ނޫނެވެ. ހަނިއްޔާ އެއައީ އޭނަގެ މަސައްކަތް އިންސެޕްކެޓްކުރުމުގެ ނިޔަތުގައެވެ. ހަނިއްޔާ އެމީހުންގެ ކައިވެންޏާއި ގަބޫލުހެނެއް ހިޔެއްނުވެއެވެ. ވަލީމާއަށް ނައި ސަބަބު މިހާރު ރޭކާލާން ފަށައިފިއެވެ. އެވަރުކަމެއް ނޭގޭވަރަށް އޭނަ މޮޔައެއްނޫނެވެ. ކޮންމެވެސް ސަބަބަކާއިހެދި އޭނަ ބޭނުންވީ އޭނައަކީ ރަގަޅު އަންބެއްކަން ހަނިއްޔާއަށް ދެއްކުމަށެވެ.
***
މިރިއަމް އެނދުގެ ބެޑްސީޓުން ރޫ ފިލުވުމަށްފަހު އަތް ކާއްތަމުން ދިޔައެވެ. ފުދޭވަރަކަށް ބާރަށް ދެމި އޮމާންކޮށް އޮތަސް އޭނަގެ އިނގިލިތަކުގެ ކުރީގައިވާ ނާރުތަކަށް އެނގުންވާ ވަރަށް އޮމާންކުރިއެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި މައިދައިތަ ވަނީ ހުއްދަ ހޯދުމެއްނެތިއެވެ. އެދިޔަގޮތަށްގޮސް މަޑުކޮށްލީ ރީތިވާ މޭޒުކައިރީގައެވެ. ހިޖާބުގައިވާ ދަތިތައް ނައްޓަންފެށިއެވެ. އަތުގެ އެންމެ ހަރަކާތަކާއެކު ހިޖާބު އިސްތަށިގަނޑާއި ވަކިވިއެވެ. ހީނާފަތް އަޅާފައިވާ އޮރެންޖްކުލައިގެ އިސްތަށިގަނޑު ނިއުޅިގެން ދިޔައެވެ. ބައްތީގެ ފަނޑު އަލީގައި ވިދަންފެށީ ރަންފަށް ތަކެއްހެންނެވެ.
މިރިއަމްގެ ލޯ ބޮޑުވެ ނޭވާވެސް ތާށިވިއެވެ. އޭނަ ހަނދާންވީ ޒުބޭރުގެ ޓީޝާޓުގައި އޮތް އޮރެންޖްކުލައިގެ އިސްތަށި ފެނުނު ދުވަހެވެ. އޭނަ އެ އިސްތަށި އިނގިލިއަށް ލައިގެން ހުރެ ދިރާސާކުރީ ޔަގީނުންވެސް އެއީ އެހެން އަނެހެނެއްގެ ބޮލުގެ އިސްތަށްޓެއްކަން ޔަގީންވެފައެވެ. އޭރުން ފެށިގެން ހިތުގައި ވިހައެއްފަދައިން ޝައްކު ހަރުލާފައިވިއެވެ. އެންމެފަހުން އެވީވެސް ހަގީގަތަކަށެވެ. އެއީ ހަމަ އަންހެނެއްގެ އެވެ. ނަމަވެސް ހިލޭ މީހެއް ނޫނެވެ. ޒުބޭރުގެ މަންމަގެއެވެ. ހަގީގަތް ވުޖޫދަށް އައުމުން އޭނަ ވިސްނީ ބޭކާރު ކޫސަނި ކަމަކާއިކަން ވިސްނުނެވެ. އެއާއެކު އަޑު ވީއްލާ ހެވުނެވެ. ހިތަށް ލިބުނު ހަމަޖެން ހުނުމެއްގެ ގޮތުގައި ބޭރުކޮށްލެވުނީއެވެ. ކުރު ހުނުންގަނޑެކެވެ.
ހަނިއްޔާ ބުމަ ކައިރިކޮށްލަމުން އެނބުރުނީ ހަމަ ކުއްލިއަކަށެވެ.
"ކީއްވެ ތިހެނީ؟"
އޭނަ ކަންބޮޑުވެގެން އެނދުގެ ކައިރިފަށުގައި ހިފަހައްޓައިލިއެވެ."ކުއްލިއަކަށް...މޮޔަކަމެއް ހަނދާނަށް އައީ...ރަށުގައި އުޅުނުއިރު ހިނގިކަމެއް... މަންމަވެސް ކުރިން ހީނާފަތް އަޅާ....އެހެންވެ މަންމަގެ މަތިން ހަނދާންވީ.މާބޮޑުކަމެއްނުވޭ..."
އޭނަގެ އަމިއްލަ ހިތަށްވެސް ގަބޫލުކުރެވޭފަދަ ޖަވާބަކަށް ނުވިއެވެ.
ހަނިއްޔާ އޭނައަށް ބަލަން ހުރީ ސީރިޔަސް ނަޒަރަކުންނެވެ. އެ ކަޅު ލޮލުން ފެނުނީ ތަފާތު ޝުއޫރެކެވެ." މިރިއަމްގެ މަންމަވެސް އެއްވެސް ކަމަކާއި ނުލައެއްނު ހެނީ...."
އޭނަގެ ހިނިތުންވުން ގެއްލުނެވެ. ކޯތާފަތަށް ހޫނުވިއެވެ. އަވަހަށް ކޮޅަށް ތެދުވުވުނެވެ. ހިތަށް ލިބުނު ހަމަޖެހުން ސިކުންތުކޮޅެއްގެ ތެރޭގައި ފިލައިގެން ހިނގައްޖެއެވެ.
***
މިރިއަމް އޭނަގެ ކޮޓަރިއަށްގޮސް އެނދުގައި އިށީންއިރުވެސް އެކި ޚިޔާލުތައް އުދަގޫކުރަމުން ދިޔައެވެ. ޒުބޭރުވެސް އެނދުކައިރީގައި ހުރެ އަތުކުރީގައިވާ ގަނޑި ނައްޓަން އުޅުނެވެ. އޭނަގެ މޫނުމަތިން ފެނުނީ ވަރުބަލިކަމެވެ. އެކަމަކުވެސް އަބަދުވެސް ހަރަކާތްތަކުގައި ހުންނަނީ ހަމަޖެހުމެވެ.
"ޒުބޭރު.."އޭނަ ގޮވައިލިއެވެ.
"ހޫމް..؟" އޭނަ އިސްއުފުލާ ބަލައިލިއެވެ.
"ޒުބޭރުގެ މަންމަ...."އޭނައަށް އެވާހަކަ ބުނަން ޖެހިލުންވިއެވެ." އަހަރެމްންގެ ކައިވެންޏަށް ނާދެއެއްނު..އެއީ ހިތްހަމަނުޖެހިގެންތަ؟ އަހަންނާއި މެރީކުރާތީ؟"
އެ ސުވާލު އެދެމީހުންގެ ދޭތެރޭގައިވާ ހުސްކަމުގެ ތެރޭގައި ހުއްޓިފައިވިފަދައެވެ. ޒުބޭރު ފުން ނޭވާއެއް ދޫކޮށްލާފައި ގަޑި ބޭއްވިއެވެ. އެ ސުވާލު އަންނާނެކަން ކުރިންވެސް އެނގޭފަދައެވެ.
"އެހެނެއްނޫން....މަންމަގެވެސް ސަބަބުތަކެއްހުރި...ދުރުގައި ހުރުން. ވަގުތުގެ ގޮތުން...އަދި ކުއްލިއަކަށް ނިންމި ކަމެއްވީމަ...ދެޓްސް އޯލް..."
އޭނަ ޒުބޭރުގެ މޫނަށް ބަލަން ހުރީ ނުބުނެ ހުރި ވާހަކަތައް އެލޮލުން ކިޔައިލެވޭތޯއެވެ.
"އަދި މިހުރިހާ ދުވަސްތަކުގައި އެ ރަށަށް ދަތުރުކުރީ...މާވެސް ހިފައިގެން ދޯ..."
ނުނިމޭ