ކުޑަ ކުއްޖަކު ރޭޕު ކުރި ދިވެހި ދެ ފިރިހެނުން 20 އަހަރަށް ޖަލަށް

ރޭޕް ކުރުމާއި ދެކޮޅަށް "ޖާގައެއް ނެތް" ނަމުގައި ހޮޓަލް ޖެންކައިރީ ކުރި މުޒާހިރާގެ ތެރެއިން: ކުޑަ ކުއްޖަކު ރޭޕު ކުރި ދިވެހި ދެ ފިރިހެނުން 20 އަހަރަށް ޖަލަށްލާން ހުކުމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި 2018 ވަނަ އަހަރުގެ ތެރޭގައި އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖަކު ރޭޕު ކުރި ދިވެހި ދެ ފިރިހެނުން 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ، 2018 ވަނަ އަހަރުގެ މެދު ތެރޭގައި މާލޭގައި، ރަސްމީ ބޯޅަ ދަނޑު ހުންނަ ސަރަހައްދުގައި ހިނގި ހާދިސާއެކެވެ. ހާދިސާ ހިނގިތާ ގާތްގަނޑަށް ހަތް އަހަރު ފަހުން މި މައްސަލައިގެ ހުކުމް އިއްވީ މިދިޔަ ހަފުތާގައެވެ.

ދިވެހި ދެ ފިރިހެނުންގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް މި މައްސަލައިގައި އިއްވިއިރު، 2018 ވަނަ އަހަރުން ފެށިގެން އެ ދެ މީހުން ތިބީ ބަންދުކޮށްފައެވެ. އެހެންކަމުން މި ދެމީހުން ތަންފީޒުކުރަން ޖެހޭނީ 13 ވަރަކަށް އަހަރުގެ ހުކުމެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރޭޕު ކުރުމުގެ ކުށުގެ ދައުވާއެވެ. މިއީ ކުޑަ ކުއްޖަކަށް އަނިޔާއެއް ލިބުނު ކޭސްއެއް ކަމުން މައްސަލަ ކޯޓުގައި ކުރިއަށް ގެންދިޔައީ އާއްމުކޮށް ހުޅުވައި ނުލައެވެ. އެހެންކަމުން ޝަރީއަތުގެ މަރުހަލާގައި މައްސަލައިގެ މާގިނަ ތަފްސީލެއް އާއްމުވެފައެއް ނުވެއެވެ.

މި ހާދިސާ ހިނގި ދުވަސްވަރު، ރޭޕް ކުރި ދެ ފިރިހެނުން ހޯދަން މާލޭގެ ބައެއް ގްރޫޕްތަކުންވެސް ނުކުމެ ބައެއް މާރާމާރީތައް ހިންގިއެވެ. އޭރުގެ ރެކޯޑްތައް ދައްކާ ގޮތުން މި ދެ ފިރިހެނުން އޭރު ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

ރިކޯޑްތައް ދައްކާ ގޮތުން މި ކޭސްގައި އުމުރުން 18 އަހަރު ނުވާ ފިރިހެން ކުއްޖަކުވެސް ހިމެނެއެވެ. އެކަމަކު އެ ކުއްޖާއާ ދެކޮޅަށް މި މައްސަލައިގައި ދައުވާ ކުރި ކަމެއް އެނގިފައެއް ނުވެއެވެ.

comment ކޮމެންޓް