އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލްއާންމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ތުރުކީގެ ވައިގެ ސަރަހައްދު އިސްރާއީލަށް ބަންދުކޮށް ބޯޓުތައް އެ ގައުމަށް ވަނުން މަނާކޮށްފިއެވެ.
އޭގެއިތުރުން އިސްރާއީލާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށްވެސް ނިންމާފައިވާ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރުން ހަކާން ފިދާން ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ޣައްޒާއާ ގުޅޭ ގޮތުން ތުރުކީގެ ޕާލަމެންޓް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފިދާން ވިދާޅުވީ އިސްރާއީލުން ދަނީ ދުނިޔޭގެ ލޮލުގެ ކުރިމަތީގައި އިންސާނީ އަސާސީ އަގުތަކަށް އަޅާނުލާ، ފާއިތުވި ދެ އަހަރު ޣައްޒާގައި ނަސްލު ނައްތާލަމުން ކަމަށެވެ.
"އިސްރާއީލާ އެކު ކުރާ ވިޔަފާރި މުޅިން ކަނޑާލާފައި މިވަނީ. ތުރުކީގެ ބޯޓުތައް އިސްރާއީލުގެ ބަނދަރުތަކަށް ދިއުމުގެ ހުއްދައެއް ނުދެން. އެމީހުންގެ ބޯޓުތައް އަޅުގަނޑުމެންގެ ވައިގެ ސަރަހައްދަށް ވަނުމުގެ ހުއްދައެއް ނުދެން." ފިދާން ވިދާޅުވިއެވެ.
ތުރުކީން ވަނީ މިދިޔަ އަހަރުގެ މެއި މަހު އިސްރާއީލާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފައެވެ. އެ ދެ ގައުމުން 2023 ވަނަ އަހަރު އެކަނި ވެސް ވަނީ ހަތް ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްކޮށްފައެވެ.
އިސްރާއީލާ ގުޅުން ހުރި ކަނޑުގެ ދަތުރުފަތުރުތައްވެސް މަނާކޮށްފައިވާ ކަމަށް ތުރުކީގެ މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެކަމާގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
މިދިޔަ ނޮވެމްބަރު މަހު ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަޒަރުބައިޖާނުގައި ބޭއްވި ބައިނަލްއަގްވާމީ ސަމިޓެއް ބައިވެރިވުމަށް އިސްރާއީލުގެ ރައީސް އައިސާކް ހަރްޒޮގް ދަތުރުކުރެއްވި ބޯޓު ތުރުކީގެ ވައިގެ ސަރަހައްދަށް ވަނުމުގެ ހުއްދައަށް އިންކާރުކޮށްފައެވެ.
އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކަށް ތުރުކީން ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ އިސްރާއީލުގެ އަމަލުތަކަކީ ނަސްލު ނައްތާލުން ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިޓްލަރާ އެއްގޮތް ކުރައްވާފައެވެ.