އެމްޔޫ މަނިކް، ގިނަ ބަޔެއްގެ ދުލުން: ވަކިވެވަޑައިގަތީ ގައުމު ބިނާކުރެއްވި އިޖުތިމާއީ ޚިދުމަތްތެރިއެއް

އެމްޔޫ މަނިކް: ގިނަ ބަޔަކު ވަނީ އެ މަނިކުފާނަކީ ފަތުރުވެރިކަމުގެ އިތުރުން އިޖުތިމާއީ ގޮތުން ވެސް އަގުނުކުރެވޭ ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައި --

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓެއް ތަރައްގީކޮށް ހުޅުވީ މީގެ ގާތްގަނޑަކަށް 53 އަހަރުކުރިންނެވެ. ކުރުނބާ ވިލެޖްގެ ނަމުގައި ހުޅުވި އެ ރިސޯޓަކީ ބުނެވޭގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމެވެ. މުރަކައާއި ރުކާއި ރުކުގެ ފަނުން ފަރުމާކުރި ކޮޓަރިތަކުން ފެށި ކުރުނބާ ވިލެޖް މިއަދު ވަނީ ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ޚިދުމަތްތައް ފުޅާވެފައެވެ. އަދިވެސް ރާއްޖޭގެ މައި ރިސޯޓުތަކުގެ ތެރޭ ހިމެނޭ އެއް ރިސޯޓަކީ މިއީއެވެ.

މި ރިސޯޓުގެ ޚިދުމަތްތައް ފަސް ތަރީގެ ފެންވަރަކަށް ތަރައްގީ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި، އަދި މި ރިސޯޓު ހިންގާ ޔުނިވާސަލް ކުންފުނީގެ ޗެއާމަން މުޙައްމައު ޢުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ މިއަދު ހެނދުނު ސިންގަޕޫރުގައި އަވަހާރަވެފައެވެ.

އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުފުޅުން 78 އަހަރުގައެވެ.

https://sun.mv/210624

އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން، "އެކްސް"ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ލިޔުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްގީވެ ކުރިއަރައިދިއުމުގައި އެމްޔޫ މަނިކު ކުރެއްވީ ތައުރީފް ހައްގު މަސައްކަތެއް ކަމަށެވެ.

"ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްސަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު،" ރައީސް ލިޔުއްވާފައިވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް "އެކްސް"ގައި ލިޔުއްވި ތައުޒިޔާގެ މެސެޖުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތްކުރެއްވުމުގެ އިތުރުން، ދިވެހި ދައުލަތަށް ވެސް 19 އަހަރުވަންދެން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައި، އިޖުތިމާއީ ދާއިރާއަށް ވެސް އެމްޔޫ މަނިކު ގިނަގުނަ ޚިދުމަތްތައްކެއް ކުރެއްވިކަން ފާހަގަކުރެއްވިއެވެ.

"ޚާއްސަކޮށް ސިއްހީ ދާއިރާއަށާއި ތަޢުލީމީ ދާއިރާއަށް، އެގޮތުން މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށް މީހުން ބިނާކުރުމަށް ވަރަށް ގިނަބަޔަކަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް،" ޞާލިޙުގެ ޕޯސްޓުގައި ވެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ، އެމްޔޫ މަނިކަކީ ދީނީ، އިޖްތިމާޢީ އަދި ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއްކަން ފާހަގަކުރައްވައިފައެވެ. އެގޮތުން މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވި ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އާލާސްކަންފުޅާ ގުޅިގެން އެމްޔޫ މަނިކް ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން، ހުޅުމާލޭގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއަށް ސިޓީފުޅެއް ފޮނުއްވިއެވެ.

"އެ މަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުމެވެ. ސިޓީއެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަ ޖައްސަވައި ދެއްވުމަށް އެދި ލައްވާފައިވޭ،" ޝަހީމް ލިޔުއްވާފައިވެއެވެ.

"އަޅުގަނޑުމެންވަނީ މިހާރު ޖާގައެއް ވެސް އެކަމަށް ހުޅުމާލެ ސަރަހައްދުގައި ހަމަޖައްސާފަ. މާތް ﷲ އެމަނިކުފާނަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރައްވާށި. އާމީން."

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެ ސިނާއަތުގައި އަދިވެސް ޚިދުމަތްކުރައްވަމުން ގެންދަވާ ޑރ. އަބްދުالله މައުސޫމް ސިފަކުރެއްވީ، އެމްޔޫ މަނިކު އަވަހާރަވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައެވެ. މައުސޫމް ވަނީ ދިވެހިރާއްޖެ ބިނާކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގައި އެމްޔޫ މަނިކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައިފައެވެ.

"[އެމްޔޫ މަނިކު ވަނީ] 1972ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ތައާރަފުކުރުމަށް މަސައްކަތްކުރައްވައިފައެވެ. އެހެންވެ [ދުނިޔެމަތީގެ] ސުވަރުގެ ބިނާކުރެއްވި ބޭފުޅާގެ ލަޤަބު އެމްޔޫ މަނިކަށް ހައްގެވެ..." ސިމްޑީ ކުންފުނީގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހީމް މުހައްމަދު ދީދީ ފޭސްބުކްގައި ލިޔުއްވި ތައުޒިޔާގެ ޕޯސްޓުގައި ވެއެވެ.

ރާއްޖެއަށް ފެބްރުއަރީ 16، 1972ގައި އައި ފުރަތަމަ ފަތުރުވެރިން މި ގައުމުގައި ތިބުމުގެ ކަންތައްތައް ހަމަޖެއްސެވުމުގެ މަސައްކަތުގައި އެމްޔޫ މަނިކް އުޅުއްވިއެވެ.

ޔުނިވާސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ޗެއާމަންކަމުގައި ހުންނަވައިގެން އެމްޔޫ މަނިކުވަނީ، ރާއްޖެއާއި ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން ފުރަތަމަ ފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ތައާރަފުކުރެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. މި ދަތުރުތައް ރާއްޖެއަށް ފެށީ އޮކްޓޫބަރު 31، 1981ގައެވެ.

ހަމައެއާއެކު 1992 ވަނަ އަހަރު މަޓީ އުފެއްދެވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން އިތުރުކުރައްވައި، އެ ދާއިރާގެ އަމާޒާއި މިސްރާބު ރަނގަޅު ކުރައްވައި، ފަތުރުވެރިކަން ތަރައްގީ ކުރެއްވުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުއްވުމުގެ މަގުސަދުގައެވެ.

މިއަދާ ހަމައަށް ވެސް އެމްޔޫ މަނިކަކީ ރާއްޖޭގައި އެންމެ ގިނަ ޓޫރިސްޓް ރިސޯޓްތައް ހިންގަވަމުންގެންދަވާ އެއް ބޭފުޅާއެވެ.

އެމްޔޫ މަނިކަކީ 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވެސް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް