ސާނަވީ ދަރިވަރުންގެ ދޭހަ ރަނގަޅުކުރުމަށް، ''އަޅުގަނޑުގެ ދޭހަފޮތް 2'' ނެރެފި

ޒަހީން ލިޔުއްވި "އަޅުގަނޑުގެ ދޭހަފޮތް 2"، ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީގެ ރައީސް އަދި ފިނޭންސް މިނިސްޓްރީގެ ޕްލޭނިން އެޑްވައިޒަރު ހަމްދޫން ހަމީދު ނެރެދެއްވަނީ ---

ސާނަވީ ދަރިވަރުންނަށް އަމާޒުކޮށް، ކިޔުމުގެ ދޭހައިގެ އަމަލީ މަސައްކަތްތައް ހިމެނޭ ގޮތަށް، ސުވާލާއި ޖަވާބު ހިމެނޭ ފޮތެއް ނެރެފިއެވެ.

މިފޮތަކީ ސާނަވީ އިމްތިޙާނުގައި ދަރިވަރުން އިމްތިޙާނުކުރެވޭ އެއްބައިކަމުގައިވާ ދޭހައިގެ ބަޔަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ފޮތެކެވެ. ދިވެހި މާއްދާ ކިޔަވާ ގިނަ ކުދިންނަށް އެންމެ އުނދަގޫ އެއްބަޔަކީވެސް ދޭހައިގެ ބައެވެ.

"އަޅުގަނޑުގެ ދޭހަފޮތް 2"ގެ ނަމުގައި ހަސަން ޒަހީނު ތައްޔާރުކުރެއްވި މި ފޮތް ނެރެދެއްވީ، އެކަމަށްޓަކައި ގައުމީ ކުތުބުޚާނާގައި ބޭއްވި ހަފުލާއެއްގައި ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީގެ ރައީސް އަދި ފިނޭންސް މިނިސްޓްރީގެ ޕްލޭނިން އެޑްވައިޒަރު ހަމްދޫން ހަމީދެވެ.

މި ފޮތުގައި އެކުލެވިގެންވާ 20 ދޭހަ ބޮޑަށް އެކުލެވިގެންވަނީ ދީނާއި، ގައުމިއްޔަތާއި، ބަހާއި ސަގާފަތަށް ހިތްވަރުދޭ ލިއުންތަކުގެ މައްޗަށެވެ. މި ފޮތުގައި، ދޭހަތަކުގެ މަސައްކަތްކުރުމަށް ޖާގައަކާއި ޖަވާބުތައް ފަހަތުގައި ހިމަނާފައިވެއެވެ.

ޒަހީން މި ސިލްސިލާގެ ފުރަތަމަ ފޮތް ނެރެއްވީ 2013ގައެވެ. މީގެ އިތުރުން ވެސް ކުޑަކުދިންނަށް ޚާއްސަ އެކި ފޮތްތައް އޭނާ ލިޔުއްވާފައިވެއެވެ.

ކުޑަކުދިންނަށް ޚާއްސަ ފޮތް ސަރުކާރު ގަބޫލުކުރާ ފެންވަރަށް ދިވެހިބަހުން ލިޔުއްވާފައިވާތީ، ސަރުކާރުންދޭ ޚާއްސަ އިނާމު 2004ވަނަ އަހަރާއި 2007ވަނަ އަހަރު ވެސް ޒަހީނަށް ލިބިވަޑައިގެންފައިވެއެވެ.

comment ކޮމެންޓް