އީސީގެ ވޯކް-އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް، 170އަށް ވުރެ ގިނަ މީހުން ބައިވެރިވި

އީސީން މިހާރު ކުރިއަށް ގެންދާ ވޯކް-އިން އިންޓަވިއުގެ ތެރެއިން: ވޯކް-އިން އިންޓަވިއުއަށް ތަރުހީބު ބޮޑު ކަމަށް އެ ކޮމިޝަނުން ބުނޭ --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވާ ވޯކް-އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، މިހާތަނަށް 170 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، ކައުންސިލް އިންތިޚާބުގެ މަސައްކަތް ކުރުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބާއްވާ ވޯކް-އިން އިންޓަވިއުއެއް މި ހަފުތާ ބަންދުގައި ކުރިއަށް ގެންދާނެކަން ހާމަކޮށްފައެވެ.

އެގޮތުން އިއްޔެ ކަލާފާނު ސްކޫލުގައާއި މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި އިންޓަވިއުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިރޭ 22:00 އާ ހަމައަށް އިންޓަވިއުކުރުން ކުރިއަށް ގެންދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އީސީއިން ބުނި ގޮތުގައި އިއްޔެ ކަލާފާނު ސްކޫލްގައި ހަވީރު 16:00 އިން ރޭގަނޑު 22:00 ޖަހަންދެން އޮތް ވޯކް-އިން އިންޓަވިއުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެންމެ ގިނައިން ފޯމު ހުށަހެޅީ އޮފިސަރުންނާއި ސީނިއާ އޮފިސަރުންގެ މަގާމުތަކަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަދި މިއަދު ކާމިލް ދީދީ ޕްރީސްކޫލުގައި އޮތް އިންޓަވިއުގައި މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި، ވޯކް-އިން އިންޓަވިއުއަށް ހާޒިރުވާ މީހުން އައިޑީ ކާޑާއި ތައުލީމީ ސެޓްފިކެޓާއި ސީވީގެ ކޮޕީގެ ގެނައުމުން، ޝަރުތުހަމަވާ މީހުންނަށް ފޯމު ހުށަހެޅުމާއި ވަގުތުން އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެއެވެ.

ބުދަ ދުވަހު ކުރި އިއުލާނުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިޚާބުގެ މަސައްކަތަށް މުވައްޒަފުން ނަގާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް އެޑްމިނިސްޓްރޭޝަނާއި މީޑިއާ އާއި ޕަބްލިކް ރިލޭޝަނާއި އައިޓީއާއި މާލީ އާއި ގާނޫނީ ދާއިރާތައް ހިމެނޭ ކަމަށެވެ. އެ މަގާމުތަކަކީ:

  • އޮފިސާ
  • ސީނިއާ އޮފިސާ
  • ޓްރެއިނާސް
  • އެސިސްޓެންޓް ލޮޖިސްޓިކްސް އޮފިސާ
  • ފޮޓޯގްރަފާ
  • އޮފީސް އެސިސްޓެންޓް
  • ގްރެފިކްސް ޑިޒައިނާ
  • ޓެކް އޮފިސާ
  • ލޮޖިސްޓިކްސް އޮފިސާ
  • އެސިސްޓެންޓް މާސްޓާ ޓްރެއިނާ
  • ސެކިއުރިޓީ އޮފިސާ
  • ކްލީނާ
  • މެއިންޓެނެންސް އޮފިސާ
  • ޑްރައިވާ
  • ކޮންޓެންޓް ކްރިއޭޓާ

ފާހަގަކުރެވޭ ގޮތުގައި، ކޮންމެ އިންތިޚާބަކާ ދިމާކޮށް ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް އީސީން ކުރެއެވެ.

comment ކޮމެންޓް