ފުލުހުންނަކީ މުޖުމަތައުމުގެ ބަލަދުވެރީން ކަމަށާއި މަސައްކަތް ކުރަންވާނީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިރޭ ވިދާޅުވެއްޖެއެވެ.
ސާޅީސް ވަނަ ފުލުހުންގެ އަސާސީ ކޯހުން ދަސްވެނިވި ފުލުހުންނާ މުޚާތަބުކުރައްވައި، ނަވީން ވިދާޅުވީ، ކޯހުން ދަސްވެނިވުމަކީ ދަތުރެއްގެ ނިމުން ނޫން ކަމަށާއި މިއީ ފުލުހުންގެ އަސްލު ދަތުރުގެ ފެށުން ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ކުރުމަށް އެ ފުލުހުން ތައްޔާރުވެފައިވާއިރު، ފުލުހުންގެ ޔުނިފޯމަކީ މަސްއޫލިއްޔަތާއި، ޒިންމާއާއި، އިތުބާރާ އެއްކޮށް ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމަށް ސީޕީ ވިދާޅުވިއެވެ.
އަލަށް ތަމްރީނުވި ފުލުހުން، ފުލުސް ޔުނިފޯމަށް އަބަދުވެސް އިޚުލާސްތެރިވުމަށް ސީޕީ ވަނީ ނަސޭހަތްތެރިވެޑައިގެންފައެވެ. އަދި ފުލުހުންގެ މަސައްކަތުގައި ވަކި ފަރާތަކަށް ނުޖެހި، އިންސާނީ ހައްގުތަކަށް އިތުބާރު ކުރާ ބަޔަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.
ތިޔަ ފުލުހުން ކުރާ ކޮންމެ އަމަލަކުން ވެސް ރައްޔިތުންގެ އިތުބާރު އިތުރުވާނެ. ނުވަތަ [އިތުބާރު] ގެއްލިދާނެ. އެހެންކަމުން ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް ފުލުހުން ވާންވާނެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް އަބަދުވެސް އިސްކަންދޭންވާނެ،ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ފުލުހުން
ހަމައެހެންމެ ރައްޔިތުންގެ ގާތްކަމާއި އިތުބާރު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރަން ވާނެ ކަމަށާއި ކެތްތެރިކަމާއެކު މުއާމަލާތުކޮށް، އިންސާފުވެރިކަމުގެ މުހިންމުކަން ދެނެގަންނަންވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އެއީ މުޖުތަމައުއަށް އަމާޒުކުރެވިފައިވާ މައިގަނޑު އެއް އަސާސް ކަމަށާއި، ގަޑިއަށް ފަރުވާތެރިވުމާއި ގާނޫނަށް ބޯލެނބުމަކީ ދިވެހި ފުލުހުންގެ ސިފަ ދައްކުވައިދޭ ކަންތައްތައްކަން ސީޕީ ފާހަގަކުރެއްވިއެވެ.
ކުށްކުރުމާއި، އިޖުތިމާއީ މައްސަލަތަކާއި، ކުއްލި ހާލަތްތަކާއި، އަލަށް ތަމްރީނުވާ ފުލުހުން ކުރިމަތިލާން ޖެހޭނެކަން ހަނދާންކޮށްދެއްވައި ނަވީން ވިދާޅުވީ، ފުލުހުންގެ ބެޖާއި ޝަރަފުގެ އިއްޒަތާއި ގަދަރު ހިފަހައްޓާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އަޅުގަނޑުމެންނަކީ ހަމައެކަނި ފުލުހުންނެއް ނޫން. އަޅުގަނޑުމެންނަކީ މުޖުތަމައުގެ ބަދަލުވެރީން. މިކަން ހުރިހާ ފުލުހުންވެސް ހަނދާން ބަހައްޓަންވާނެ،ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން
ނަވީން ވަނީ ރަސްމިއްޔާތުގައި ދަސްވެނިވި ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، ދަސްވެނިވި ފުލުހުންނަށް މަރުހަބާ ދަންނަވާފައެވެ.
ފުލުހުން ހިންގާ ތަހުގީގާއި، އާންމުކުރާ މައުލޫމާތަށް އިތުބާރު ނުކުރެވޭ ކަމުގެ ޝަކުވާ މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މީގެ އިތުރުން، ފުލުހުންގެ މުއައްސަސާއަކީ ބޮޑު މުއައްސަސާއެއް ކަމަށްވާއިރު، ފުލުހުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެކި ސަރުކާރުތަކުން މަސައްކަތްތައް ކުރާ ކަމުގެ ތުހުމަތު ވެސް މީގެ ކުރިން ފެންމަތިވެފައިވެއެވެ.
ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގައި 138 ދަރިވަރުން ބައިވެރިވިއިރު ކޯސް ނިންމާފައިވަނީ 116 ބައިވެރިންނެވެ. އަދި ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ސާޖަންޓް މުޙައްމަދު އަރުޝަދެވެ.