އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ފުލަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ޗެލްސީ ޖެހިލައިފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ވީއޭއާރުގެ ބައިވެރިވުން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. މެޗުގެ ލީޑު، 21 ވަނަ މިނެޓުގައި ފުލަމްއަށް ނެގުނުކަމަށް ހީވި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެ ލަނޑުޖެހުމަށް އުފެއްދި ހަމަލާގެ ތެރޭގައި ފުލަމްގެ ފޯވާޑް، ރޮޑްރިގޯ މުނީޒް ޗެލްސީގެ ޓްރެވާ ޗަލޮބާއަށް ފައުލް ކުރިކަމަށް ނިންމައި، އެ ލަނޑު ބަލައިނުގެންފައެވެ.
ރެފްރީގެ ނިންމުމާއެކު ޚިޔާލު ތަފާތުވި މީހުން ގިނަކަން ފާހަގަވެގެންދިޔައެވެ.
އެއާއެކު ދެން ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓުގެ ކުޅުން ހަމަވެ، ނުވަވަނަ މިނެޓުގެ ކުޅުމުގެ ތެރޭގައި ޗެލްސީއިން މެޗުގެ ލީޑު ނެގި ތަނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖާއޮ ޕެޑްރޯއެވެ. މިއީ އޭނާ ޗެލްސީއަށް މިހާތަނަށް ކުޅުނު ފަސް މެޗުގައި ކާމިޔާބު ކޮށްދިން ފަސްވަނަ ލަނޑެވެ.
ޗެލްސީއިން ފުލަމް ބަލިކޮށްފި: ނަތީޖާއަކީ 2-0 --
މި މެޗުގައި ޗެލްސީއިން ކާމިޔާބުކުރި ދެވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްފައިވަނީ ކެޕްޓަން އެންޒޯ ފެނާންޑޭޒްއެވެ. މި މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ޗެލްސީއިން މިހާރު ތިން މެޗު ކުޅެ، އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު ހަތް ޕޮއިންޓާއެކު މިވަގުތު އުޅެނީ ތާވަލުގެ އެއްވަނައިގައެވެ. މި މެޗުން ބަލިވުމުން ފުލަމް އުޅެނީ ދެ ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.
މި މުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު އެވަޓަންއިން ވަނީ ވުލްވަހެމްޕްޓަން ވޮންޑަރާސްއާއި ބައްދަލުކުރި މެޗު ވަނީ ތިން ލަނޑު ދެ ލަނޑުން ކާމިޔާބު ކޮށްފައެވެ. މި މެޗުގައި އެވަޓަންގެ ތިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބޭޓޯ، އިލިމަން އެންޑިއާއޭ އަދި ކިއެރަން ޑޫސްބެރީ ހޯލްއެވެ. އަދި ވުލްވްސްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުވާން ހީ ޗޭންއާއި، ރޮޑްރިގޯ ގޯމޭޒްއެވެ.
މި ކާމިޔާބީއާއެކު އެވަޓަން މިހާރު އުޅެނީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވުލްވްސް އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި 19 ވަނައިގައެވެ.