ލީގުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް މޮޅެއް

ލީގުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް މޮޅެއް: މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުން --

އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މިފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑް މެޗަކުން މޮޅުވެއްޖެއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ ވަރަށް އުނދަގުލުން ތިން ލަނޑު ދެ ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އުފެއްދި ހަމަލާއެއްގައި މޭސަން މައުންޓަށް، ކައިލް ވޯކާ ފައުލް ކުރިކަމަށް ނިންމައި ރެފްރީ ޕެނަލްޓީއެއް ދިނުމަށް ނިންމި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ މައުންޓް ފައުލް ކުރި ކަމަށް ނިންމައި، ޕެނަލްޓީގެ ބަދަލުގައި ބާންލީއަށް ޖެހުމެއް ދީފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުން ޔުނައިޓެޑެވެ. ނަމަވެސް މި ލަނޑަކީ ބާންލީގެ ކެޕްޓަން ޖޯޝް ކުލެން ގައިގާ ޖެހި، ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތުވެސް ދެ ޓީމަށް ލިބުނެވެ. މި މެޗުގައި ބާންލީއިން އެ ޓީމުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 55 ވަނަ މިނެޓުގައި ލައިލް ފޮސްޓާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ނަމަވެސް މިލަނޑު ޖެހިތާ ދެ މިނެޓު ފަހުން ބްރަޔަން އެމްބައުމޯ ވަނީ ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖަހާ މި ސީޒަންގެ ޕްރިމިއާ ލީގުގައި ލަނޑު ޖެހި ޔުނައިޓެޑްގެ ފުރަތަމަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މި މެޗުގައި ބާންލީއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 66 ވަނަ މިނެޓުގައި ޖެއިޑަން އެންތަނީއެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަމަޑު ޑިއާލޯގެ ޖާޒީގައި އެންތަނީ ހިފެހެއްޓިކަމަށް ބަލާ މި ޕެނަލްޓީ އެޓީމަށް ދީފައިވަނީ ވީއޭއާރަށް އެކަން ފާހަގަވެ، ރެފްރީވެސް ބެލުމަށްފަހުއެވެ. އަދި އެކަމަށް ހަތަރު މިނެޓު ހޭދަވެގެންދިޔައެވެ.

މި ކާމިޔާބީއާއެކު ޔުނައިޓެޑަށް ވަނީ ހަމަނޭވާއެއް ލުމުގެ ފުރުސަތު ލިބިފައެވެ. ޔުނައިޓެޑް މިހާރު އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ. އަދި ބާންލީ އުޅެނީ ތިން ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.

comment ކޮމެންޓް