ރައްޔިތުންގެ މުދާ ފުލުހުންނަށް ރައްކާތެރި ނުކުރެވޭނަމަ، ގައުމުގެ ކުރިއެރުމަށް ހުރަސް އެޅޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
ސާޅީސް ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ، ފުލުހުންނަކީ އާންމުކޮށް ރައްކާތެރި ނޫން ހާލަތްތަކުގައި ވެސް އާއްމު ރައްޔިތުން ޚިދުމަތަށް އެދޭ މުއައްސަސާއެއް ކަމަށެވެ. އެފަދަ މުއައްސަސާއަކުން ޚިދުމަތަށް ނުކުތުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
މިއީ ހިތްވަރާއި ކެރުން ހުރެ، ލޯތްބާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އާދަޔާޚިލާފު ވިސްނުމެއް ހުރެގެން ނޫނީ ނުދެވޭ ޚިދުމަތެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ފުލުހުންގެ ޚިދުމަތަކީ ގައުމެއް ކުރިއަރައިގެން ދިޔުމަށް އޮންނަންޖެހޭ މުހިންމު އަސާސްތައް ހިފަހައްޓާ ޚިދުމަތެކެވެ.

ސާޅީސް ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި ފުލުހުންތަކެއް -- ފޮޓޯ/ ފުލުހުން
ދިވެހިރާއްޖޭގެ ފުލުހުންނަކީ މި ދިވެހިރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ މުދަލާއި ރައްޔިތުން އުޅޭ އުޅުމުގެ މާހައުލުގެ ރައްކާތެރިކަމާއި ވިޔަފާރިއާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާ ފަރާތް. މިކަންކަން މި ދެންނެވި ގޮތަށް ނުބެލެހެއްޓޭނަމަ ރާއްޖެ ކުރިއެރުމަށް ހުރަސް އެޅޭނެ. އިގުތިސޯދަށް އަސަރުކުރާނެ،ހޯމް މިނިސްޓަރު އަލީ އިހުސާން
އެހެންވެ، ރައްޔިތުން ބަލައިގަންނަ ގޮތަށް ޚިދުމަތް ދިނުމަކީ ފުލުހުން ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތާ ދޭތެރޭ ފަޚުރުވެރިވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރަން ވާނީ ރައްޔިތުންނަށް އިހުތިރާމާއި ގަދަރާ އެއްކޮށް ޚިދުމަތް ދޭ ބަޔަކަށް ވުމަށް ކަމަށެވެ. އެގޮތުން މީހަކު ކުށަށް އަރައިގަންނަ ހާލަތުގައި، އެމީހާއަށް ލިބޭ އިންސާނީ ކަރާމާތާއި ހައްގަށް ހުރުމަތްތެރިކޮށް ހިތައިގެން ފުލުހުންގެ ގާނޫނީ ދައުރު އަދާކުރުމަށް އިހުސާން ނަސޭހަތްތެރިވެވަޑައިގަތެވެ.

ސާޅީސް ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި ފުލުހުންތަކެއް ---- ފޮޓޯ/ ފުލުހުން
ހަމައެހެންމެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ އަބަދުވެސް ފުލުހުންގެ އެންމެ މަތީ އަމާޒުކަމަށް ވާންޖެހޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މަގުމަތީގައި ކޮންމެ އާންމު މީހަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެކަމުގެ ޔަގީންކަން އޮވެގެން އެނބުރި ގެއަށް ދެވޭނެ ދުވަހެއް ގާއިމުކޮށްދިނުމަކީ ފުލުހުންގެ މައި އަމާޒަށް ވާންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަ ނިންމަވައިލައްވަމުން ވަނީ، އަލަށް ފުލުހުންގެ ޚިދުމަތާ ގުޅުނު ފުލުހުންނަށް މަރުހަބާ ދަންނަވާފައެވެ.
ހަ މަސް ދުވަހަށް ކުރިއަށް ގެންދިޔަ 40 ވަނަ ފުލުހުން އަސާސީ ތަމްރީނު ކޯހުގައި 138 ދަރިވަރުން ބައިވެރިވިއެވެ. ސިއްހީ މައްސަލަތަކާ ހުރެ، 15 ދަރިވަރުން ކޯހުން ވަކިވެފައިވާއިރު، އަޚުލާގީ މައްސަލަތަކާ ގުޅިގެން ދެ ދަރިވަރުން ވަކިކުރިއެވެ.
އޭގެ އިތުރަށް އަމިއްލައަށް ބޭނުންވެގެން އެއް ދަރިވަރަކު ކޯހުން ކެނޑުނުއިރު މިންގަނޑުތަކަށް ފާސްނުވުމުގެ ސަބަބުން ފެއިލްވި މާއްދާތަކުގައި ރީސިޓް ކުރުމަށް ދެ މަހުގެ މުއްދަތެއް ދިނެވެ. އަދި، ކޯހުގެ މުއްދަތުގައި އެއް ދަރިވަރަކު ނިޔާވެފައިވެއެވެ. އެހެންކަމުން، އެ ކޯހުން ދަސްވެނިވީ 116 ދަރިވަރުންނެވެ.