ޔަމަނުގެ ވެރިރަށް ސަނާއަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާއެއްގައި ހޫޡީންގެ ބޮޑުވަޒީރު އަހްމަދު ޣާލިބް ނާސިރު އަލް ރަހަވީއާއި އިސް އެހެން ބައެއް އޮފިޝަލުން އަވަހާރަކޮށްލާފައިވާ ކަމަށް އެ ޖަމާއަތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
އެ ކަމުގެ ބަދަލު ހިފާނެ ކަމަށް ވެސް އެ ޖަމާއަތުގެ އޮފިޝަލަކު ބުންޏެވެ.
އަލް ރަހަވީއަށް އިސްރާއީލުން ހަމަލާ އަމާޒުކޮށްފައިވަނީ ހޫޡީން އިސްވެ އޮވެ ހިންގާ ސަރުކާރުގެ އެހެން މެންބަރުންނާ އެކު ވޯކްޝޮޕެއްގައި ބައިވެރިވެވަޑައިގަންނަވަނިކޮށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިސްރާއީލުން ދިން ހަމަލާގައި އިތުރަށް މަރުވި އޮފިޝަލުންގެ އަދަދު އެ ޖަމާއަތުން ހާމަކޮށްފައެއް ނުވެއެވެ.
"އަޅުގަނޑުމެން ބަދަލު ހިފާނަން، އަދި ކާމިޔާބު ހޯދާނަން،" ހޫތީންގެ އެންމެ މަތީ ސިޔާސީ މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރައްވާ އަދި އަސްކަރީ އޮފިސަރު މަހުދީ އަލް މަޝާތު އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުންޏެވެ.
ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގެ ގޮތުން ހޫޡީން ވަނީ އިސްރާއީލާއި ހުޅަނގުގެ އުޅަނދުތަކަށް ރަތް ކަނޑާއި ގަލްފް އޮފް އަދާންގައި ހަމަލާތައް ދީފައެވެ. ރައްދުގައި އިސްރާއީލުން ވަނީ ފާއިތުވި މަސްތަކުގައި ތަކުރާރުކޮށް ހޫޡީންނަށް ހަމަލާތައް އަމާޒުކޮށްފައެވެ.
ހޫޡީންގެ ބާރު ހިނގާ ސަރަހައްދުތަކުގައި އޮންނަ ސަރުކާރުގެ ބޮޑުވަޒީރުގެ މަގާމަށް އަލް ރަހަވީ ހޮވިވަޑައިގެންފައިވަނީ މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގައެވެ.