ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން ފަހަތުން އަރައި ރެއާލް މަޔޯކާ ބަލިކޮށް، އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ.
މަޔޯކާއިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ 18 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ވެޑާތު މުރީގީއެވެ. މެޗުގައި ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 37 ވަނަ މިނެޓުގައި އާޑާ ގުލާ ކާމިޔާބުކުރި ލަނޑުންނެވެ. އަދި، މެޗުން ރެއާލް މޮޅުވި ލަނޑު އޭގެ އެއް މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ.
މެޗުގައި ރެއާލުން އިތުރު ތިން ލަނޑު ޖެހި ނަމަވެސް އެ ތިން ލަނޑު ވެސް ވަނީ ބަލައިނުގެންފައެވެ. މީގެ ތެރޭގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑު ވެސް އޮފް ސައިޑް ކަމަށް ދައްކާފައިވާއިރު ގުލާ ކާމިޔާބުކުރި ލަނޑެއް ވަނީ ބޯޅަ އަތުގައި ޖެހިފައިވުމުގެ ސަބަބުން ބަލައިނުގެންފައެވެ.
މި ކާމިޔާބީއާ އެކު މި ސީޒަންގައި ރެއާލުން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ލިބިފައިވާ ނުވަ ޕޮއިންޓާ އެކު މި ވަގުތު މިވަނީ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި، މަޔޯކާ އޮތީ އެއް ޕޮއިންޓާ އެކު 18 ވަނައިގައެވެ.
މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު އެޓްލެޓިކޯ މެޑްރިޑާއި އަލަވޭސް ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވެފައިވާއިރު އޮވިއެޑޯއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައިވަނީ އޮވިއެޑޯއެވެ. އަދި، ސެވިއްޔާއާއި ޖިރޯނާ ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޖިރޯނާއެވެ.