ކޮންޓްރޯލް ބިލާ މެދު މަޝްވަރާކުރަން އެމްޖޭއޭއާއި ޔޫތު މިނިސްޓްރީ ކޮމިޓީއަށް ހާޒިރުކުރަނީ

ރައީސް އޮފީސް ސަރަހައްދުގައި މިނިސްޓަރު ޚަލީލާއި އަސްވާޑު ނޫސްވެރިންނާ ބައްދަލުކުރެއްވުން: ބިލުގައި ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރަން އެމްޖޭއޭއާއި ޔޫތު މިނިސްޓްރީ ކޮމިޓީއަށް ހާޒިރުކުރަނީ ---- ސަން ފޮޓޯ/ މާނިއު މުހައްމަދު

މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާ ގޮތަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އާއި ޔޫތު މިނިސްޓްރީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ބިލާ ގުޅުންހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި އެމްޖޭއޭއާއި ޔޫތު މިނިސްޓްރީން ބައްދަލުކުރުމަށް އެދި، ކޮމިޓީއަށް ވަނީ ސިޓީއެއް ހުށަހަޅައިފައެވެ.

އެހެންކަމުން އެމްޖޭއޭއާއި ޔޫތު މިނިސްޓްރީ އަންގާރަ ދުވަހު ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.

ކޮމިޓީގެ އިއްތިފާގުން ނިންމީ އަންގާރަ ދުވަހު އެމްޖޭއޭއާއި ޔޫތު މިނިސްޓްރީ ހާޒިރުކުރުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ބުދަ ދުވަހު ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު ބަލައިގެންފައެވެ. ބުރާސްފަތި ދުވަހު މީޑިއާ ފެންޑާގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކުރަމުންދަނިކޮށް ކުރީގެ ނޫސްވެރިއެއް ކަމަށްވާ މި ސަރުކާރުގެ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

ނޫސްވެރިން ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކުރަނީ -- ސަން ފޮޓޯ/ އަހުމަދު އިޔާދު

މިވަގުތު ކޮމިޓީ މަރުހަލާގައި އޮތް ކޮންޓްރޯލް ބިލުގައި އޮތީ:

  • މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
  • ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
  • ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
  • ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
  • ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
  • މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
  • ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
  • ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
  • ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ

އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން މި މަހުގެ 19ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ބިލަކީ މީގެ ކުރިން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ކުރިން ހުށަހެޅުއްވި ބިލެކޭ އެއްފަދައިން ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.

އަދި އެ ބިލު ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައިނުވާ ކަމަށާއި، އެހެންކަމުން ބިލު ހުށަހެޅި ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް އެ ބަޔާނުގައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންގެ ހިމޭން އިހުތިޖާޖުގެ ތެރެއިން ބިލާ ގުޅިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ، އެ ބިލުގައި އެއްބަސްނުވެވޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި އެ ކަންކަމަށް ހައްލު ހޯދަން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ލަފާދެއްވާނެ ކަމަށެވެ. އެކަމަކު އެ ކަންކަމުގެ ތަފްސީލަކަށް އޭނާ ވަޑައިގެންފައިނުވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ކޮމިޓީން ވަނީ ބިލާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާ ވަކިވަކިން ބައްދަލުކޮށްފައެވެ. އަދި ނޫސްވެރިންނާ މާދަމާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް