ކިންގްސް ކަޕުގައި ނައިވާދޫ، މައިލޯ، ޖޯއްޔަށް މޮޅެއް، ވެމްކޯއާއި ކުޅިވަރު ކުލަބު އެއްވަރު

ކިންގްސް ކަޕުގައި ޖޯލި އާއި ރޯޑް ރެކްރިއޭޝަން ކުލަބު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ކުލަބު މޯލްޑިވްސް

ކުލަބު މޯލްޑިވްސް 2025ގައި މި އަހަރު އަލަށް ފެށި ކިންގްސް ކަޕު ލީގު އޮފް ޗެމްޕިންސްގައި ނައިވާދޫ އާއި، އައްޑޫ ސިޓީ މައިލޯ ސްޕޯޓްސް ކުލަބާއި ޖޯލި މޯލްޑިވްސްއިން މެޗުތައް ކާމިޔާބުކުރިއިރު، ކުލަބު ވެމްކޯ އާއި ކުޅިވަރު ވުޒާރާ ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މިއަހަރުގެ ކުލަބު މޯލްޑިވްސް ކަޕް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ފެށީ ކިންގްސް ކަޕުންނެވެ. މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ޖުމްލަ ހަ މުބާރާތެއް މިއަހަރުގެ ކުލަބު މޯލްޑިވްސް ކަޕުގައި ހިމެނޭއިރު، ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހަށް މި މުބާރާތްތައް ދެމިގެންދާނެއެވެ. މުބާރާތްތައް ނިންމަން ޝެޑިއުލްކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކިންގްސް ކަޕުގެ އެންމެ ފުރަތަމަ ދުވަހުގެ މެޗުތަކުގެ ތެރެއިން އެންމެ ފަހުގެ ކުލަބު މޯލްޑިވްސް ކަޕުގެ ޗެމްޕިއަނުން ކުލަބު ވެމްކޯ އާއި ކުލަބު މޯލްޑިވްސް ކްލެސިކުގެ ޗެމްޕިއަނުން ކުޅިވަރު ވުޒާރާ ކުލަބު ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ހދ. ނައިވާދޫ ކުޅުނު މެޗު ކާމިޔާބުކުރީ އޭދަފުށި ކައުންސިލް މުބާރާތުގެ ޗެމްޕިއަނުން ކަމަށްވާ ކުލަބު ކޮންބިނޭޝަންއާ ވާދަކޮށް 4-1 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން ރިސޯޓް ލީގުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސްއިން ވަނީ ކުލަބު މޯލްޑިވްސް ކަޕުގެ ފައިނަލްގައި ވާދަކުރި ރޯޑް ރެކްރިއޭޝަން ކުލަބު 6-3 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމު ކާށިދޫއާ ދެކޮޅަށް ކުޅުނު މެޗު އައްޑޫ ސިޓީގެ ޗެމްޕިއަން މައިލޯ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް