ލ. މާވަށުގައި ވަޅިން ހަމަލާދީ އެ ރަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29އ) މަރާލުމުން، އޭނާއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.
ވަޅިން ހަމަލާދީ މޫސަ މަރާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހެވެ. އޭނާ މަރާލި މައްސަލައާ ގުޅިގެން، ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)ވަނީ ހައްޔަރުކޮށްފައިވާއިރު އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސަ މަރާލިއިރު، އޭނާއާ ދެކޮޅަށް މާވަށު ކޯޓުގައި ދައުލަތުން ދައުވާ ކުރި ތިން މައްސަލައެއް އޮތެވެ. އެއީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދެ ދައުވާއަކާއި، ބިރު ދެއްކުމުގެ ކުށުގެ ދައުވާއެކެވެ.
އޭގެ ތެރެއިން އަނިޔާއެއް ދިނުމުގެ ދެ ދައުވާއަކީ، 2021 ވަނަ އަހަރު ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާކުރި މައްސަލައަކާއި 2020 ވަނަ އަހަރު، މާވަށުގައި މީހަކަށް އަނިޔާކުރި މައްސަލައެކެވެ. ބިރު ދެއްކުމުގެ ކުށުގެ ދައުވާއަކީވެސް 2020 ވަނަ އަހަރުގެ ހާދިސާއަކާ ގުޅޭ ދައުވާއެކެވެ. އެއީ، މީހަކު މަރާލާނެ ކަމަށް ބުނެ ބިރު ދެއްކި މައްސަލައެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ހަމަލާދީ މޫސަ މަރާލިއިރު، މި ތިން މައްސަލައިގެ ޝަރީއަތްވެސް އޮތީ ފަށައިފައެވެ. އެހެންނަމަވެސް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މައްސަލަތައް މިހާރުވަނީ ނަގާފައެވެ. މައްސަލަތައް ނަގާފައިވަނީ މޫސަ މަރާލުމުންނެވެ.
މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ޓަކައި މިމަހުގެ ހަތް ވަނަ ދުވަހު ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.
މޫސައާއި ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ, މުހައްމަދަކީ ވެސް މަސްތުވާތަކެތީގެ ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުންނެވެ.
މޫސަ މަރާލި ދުވަހު އެ ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއަކީ މޫސަ އަތުން މުހައްމަދު ގަތް މަސްތުވާތަކެއްޗަށް ފައިސާ ނުދީގެން އޭގެ ދެތިން ދުވަސް ކުރިން ފެށިގެން ހިނގަމުން އައި މާރާމާރީއެއް ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.
އެ މާރާމާރީ ހިންގުމަށް ފަހު، ދުވެފައި މުހައްމަދު ދިޔައީ އެ ރަށު ފުޓްބޯޅަ ދަނޑާ ދިމާލު މޫދަށް ކަމަށާއި އެ ދިމާއަށް ވަޅި އެއްލާލައި ގައިދޮވެގެން އެ ރަށުގެ ފުލުހުންގެ މަރުކަޒަށް ގޮސް އޭނާ ފުލުހުންނާ ހަވާލުވީ ކަމަށް ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.
ގާތިލު ކަމަށް ތުހުމަތުކުރެވޭ މުޙައްމަދަކީ ވެސް ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާ މާވަށަށް ގޮސް އުޅުނީ އެ ރަށު އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެއެވެ.