އެޗްޑީސީން ޝުނާނާއަށް "އުނދަގޫކުރާ" މައްސަލައިގައި ސުޕްރީމް ކޯޓުގެ އަމުރެއް

ޝުނާނާ ވާހަކަ ދައްކަވަނީ: އެޗްޑީސީން އޭނާއަށް އުނދަގޫ ކުރާ ކަމަށް ހައިކޯޓުން ނިންމި ނިންމުމަށް އަމަލު ކުރުން ސުޕްރީމް ކޯޓުންވަނީ ހުއްޓުވައިފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މަޝްހޫރު ގާނޫނީ ވަކީލު، މަރިޔަމް ޝުނާނާއަށް އުނދަގޫ ކުރާ ކަމަށް ހައިކޯޓުން ނިންމި ނިންމުމަށް އަމަލު ކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.

މިއީ، ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި ފުލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފުލެޓުތައް ނުލިބި ގެއްލުން ލިބެމުންދާތީ ޝުނާނާ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެޗްޑީސީން ޝުނާނާއަށް އުނދަގޫ ކުރާ ކަމަށް ނިންމައި، ހައިކޯޓުން އެޗްޑީސީއަށް ފިޔަވަޅު އަޅަން ނިންމި މައްސަލައެވެ. މި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެޗްޑީސީންނެވެ.

އެޗްޑީސީން، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ހައިކޯޓުގައި އޮތް މައްސަލަ ކުރިއަށް ގެންދިޔުން މިވަގުތަށް މަޑު ކުރުމަށް އަމުރުކޮށްފައެވެ.

https://sun.mv/207722

ޖާހު އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އައި ފުލެޓުތައް ނިންމަން ދިން މުއްދަތު ހަމަވިއިރު ވެސް މަސައްކަތް ނިމިފައިނުވާތީ މިދިޔަ މާރިޗް މަހު އެޗްޑީސީން ވަނީ އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، ފުލެޓުތައް އަތުލައިފައެވެ.

ޝުނާނާ އެންޑް ކޯގެ ނަމުގައި ލޯ ފާމެއް ހިންގަވާ ޝުނާނާ ވަނީ، ދަ ގާޑެންސްއިން އޭނާ ވެސް އެޕާޓްމެންޓެއް ގަނެފައިވާތީ، ޖާހާއި އެޗްޑީސީއާއި ޖާހުގެ ވެރީންނަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ވަނީ ޖާހުން ފުލެޓެއް ވިއްކަން ހެދި އެއްބަސްވުމާ ޚިލާފުވުމުން ޝުނާނާއަށް ލިބުނު ގެއްލުމުގެ ބަދަލާއި ގާނޫނީ ޚަރަދު ހޯދައިދިނުމަށް އެދިފައެވެ.

އެ މައްސަލައިގައި މިދިޔަ ފެބްރުވަރީ މަހު ސިވިލް ކޯޓުން ހުކުމްކުރީ އެއްބަސްވުން ހެދީ ޝުނާނާއާއި ޖާހުއާ ދެމެދު އެކަނި ކަމަށްވުމުން، ދައުވާ ރައްދުވާ ކަމަށް ޝުނާނާ ފާހަގަކޮށްފައިވާ މީހުންނާއި އެޗްޑީސީ ހިމަނައިގެން މައްސަލަ ކުރިއަށްގެންދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުން ޝުނާނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، އެޗްޑީސީން ހުށަހެޅީ، އިޖުރާއީ އިއުތިރާޟެކެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 287 ވަނަ މާއްދާއާ ހަވާލާދީ، އިސްތިއުނާފުކުރުމަށް ހިނގާ ޚަރަދުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް އަންގައިދިނުމަށާއި، އެ ކަމަށް 15،000 ރުފިޔާ ބަހައްޓަން ޖެހޭ ކަމަށް ދެކޭ ކަމަށް އެޗްޑީސީގެ ހުށަހެޅުމުގައި ބުނެފައިވެއެވެ. އެ ފައިސާ ބަހައްޓަން ޝުނާނާ ނުކުޅެދިއްޖެ ނަމަ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްދިނުމަށް އެޗްޑީސީން ހުށަހެޅިއެވެ.

އެކަމަށް ޝުނާނާ ހުށަހެޅި ޖަވާބުގައި ވިދާޅުވީ، އިސްތިއުނާފީ މަރުހަލާގައި ޝަރީއަތުގެ ޚަރަދުގެ ސެކިއުރިޓީއަކަށް އެދޭ ހާލަތުގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 251 ވަނަ މާއްދާގެ (ބ)ގައިވާ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވާކަން އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކުން ގާއިމުކޮށްދޭން ޖެހޭނެ ކަމަށެވެ.

އޭގެއިތުރުން، ޝަރީއަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް އިސްތިއުނާފުކުރާ ފަރާތަކަށް އެންގޭނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 251 ވަނަ މާއްދާގެ (ށ)ގައިވާ ފަދަ ހެކި ޚަރަދުގެ ސެކިއުރިޓީއަށް އެދި ހުށަހަޅާ ފަރާތުން ހުށަހެޅުމުން ކަން ޝުނާނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އެފަދަ ޝަރުތެއް ފުރިހަމަ ކަމަށް ދެކޭ ގޮތެއް އަދި އެކަން އެނގޭނެ ފަދަ އެއްވެސް އެޗްޑީސީގެ ހުށަހެޅުމުގައި ނެތް ކަމަށް ޝުނާނާ ވިދާޅުވެފައިވެއެވެ.

އެ މައްސަލައިގައި ޝަރީއަތަށް ފާހަގަވި ކަންތައްތަކުގެ ތެރޭގައި ވެސް ވަނީ، އިސްތިއުނާފު ކުރުމަށް ހިނގާ ޚަރަދުގެ ސެކިއުރިޓީގެ ގޮތުގައި ފައިސާ ބަހައްޓަން ޖެހޭ ކަމަށް ބުނާ މާއްދާއިން މި މައްސަލައިގައި ހަމަވާ ޝަރުތުތައް އެޗްޑީސީން ބުނެދީފައިނުވާ ކަމަށާއި އެ ފައިސާ ބަހައްޓަން ޖެހޭ ކަމުގެ ހެއްކެއް ވެސް ހުށަހަޅައިފައިވާ ނުވާ ކަމަށް ބުނެފައެވެ.

އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައިވަނީ އެޗްޑީސީގެ އިޖުރާއީ ހުށަހެޅުމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ފުރިހަމަވާ ގޮތަށް ބަޔާންކޮށްފައި ނުވާތީ އިސްތިއުނާފުކުރުމަށް ހިނގާ ޚަރަދުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް ކޯޓުން ޝަރުތު ކުރަން ޖެހޭ ގާނޫނީ އެއްވެސް ބިނާއެއް ނެތް ކަމަށެވެ. އެހެންވެ، އިސްއިތުނާފީ މައްސަލަ ބާތިލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.

އޭގެ އިތުރުން އެ ނިންމުމުގައިވަނީ، އެ މައްސަލައިގައި އެޗްޑީސީން އިއުތިރާޟު ހުށަހެޅީ ޝުނާނާއަށް އުނދަގޫ ކުރުމުގެ ގޮތުންނާއި ޝަރީއަތުގެ ވަގުތު ބޭކާރު ކުރުމަށްކަން ފާހަގަކޮށްފައެވެ. އަދި އެކޯޓުން ވަނީ، އެޗްޑީސީން އިންސާފަށް ހުރަސް އަޅައި ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ކަނޑައަޅައިފައެވެ.

ހައިކޯޓުން ވަނީ، ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ތަކުރާރު ނުކުރުމަށާއި ކުރިއަށް އޮތް ތަނުގައި ޝަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެ ކަމުގެ ޔަގީންކަން 30 ދުވަހުގެ ތެރޭގައި އެޗްޑީސީން ހައިކޯޓަށް ލިޔުމުން ހުށަހެޅުމަށްވެސް އަންގާފައެވެ.

comment ކޮމެންޓް