މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކޮށް ޝަރީއަށް ނިމެންދެން ބަންދުކުރި އަޙުމަދު މުއާޒް (ގަޓު މުއާ)ގެ ފަރާތުން މަރު ކޮމިޝަނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އިސްތިއުނާފު ހައިކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.
މިއީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކޮށް ޝަރީއަށް ނިމެންދެން ބަންދުކުރި މުއާޒްގެ ފަރާތުން މަރު ކޮމިޝަނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މުއާޒުގެ ފަރާތުންނެވެ.
މި މައްސަލައިގައި މުއާޒް ހިމެނޭހެން ތިން މީހަކަށް ދައުވާ އުފުލީ މަރު ކޮމިޝަނުން ތަހުގީގުކޮށް ހުށަހެޅި މައްސަލަތަކާއި ގުޅިގެންނެވެ. އޭނާގެ އިތުރުން ދައުވާ ކުރީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހުމަދު އިސްމާއިލް (އަހަނދު)އަށެވެ.
މުއާޒްގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެހެންނަމަވެސް މި މައްސަލައިގައި އުފުލި ދައުވާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އެހެންވެ މި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތައް ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެއެވެ.

މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ -- ފޮޓޯ/ ރައީސް އޮފީސް
އެ ދައުވާތަކާ ގުޅިގެން މުއާޒު ހުރީ ގިނަ ދުވަސްތަކެއްވަންދެން ހައްޔަރުކޮށް ބަންދުކޮށްފައެވެ. އެހެންވެ އޭނާގެ ފަރާތުން ބަދަލު ހޯދުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ. އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މަރު ކޮމިޝަނުން ރަނގަޅު ނިޔަތެއް ނެތި ހިންގާފައިވާ ތަހުގީގަކަށްފަހު ކަމަށާއި، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތި މަރު ކޮމިޝަނުން އެދިގެން ކަމަށެވެ.
އެހެންވެ އޭނާ ވަނީ އެ މުއްދަތުގައި ޖަލުގައި އެކަހެރިކޮށް ބަހައްޓާފައިވުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 4،451،195.25 ރުފިޔާ އަދި ޤާނޫނާ ޚިލާފަށް ބަންދު ކުރުމުން ތައުދީބީ އަދަބެއްގެ ގޮތުގައި 500،000 ރުފިޔާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި، ކޮމިޝަން އަދި ފަރުދީ ގޮތުން ކޮމިޝަނުގެ މެމްބަރުން ކަމުގައިވާ ފަރީޝާ އަބްދުﷲއާއި މިސްބާޙް އައްބާސާއި އަހުމަދު ނާޝިދުގެ ކިބައިން ހޯދުމަށް އެދި މައްސަލަ ހުށަހަޅާފައެވެ.
އެހެންނަމަވެސް މި މައްސަލައިގެ ދައުވާލިބޭ ފަރާތްތަކުން ވަނީ މައްސަލަ ބެލުމާމެދު ކޯޓުގެ އިޙުތިސާސާމެދު ސުވާލު އުފައްދައި އިއުތިރާޒެއް ހުށަހަޅާފައެވެ. އެ އިއުތިރާޒުގައި ބުނެފައިވަނީ، ދައުވާ ރައްދު ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާނަމަ، މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށެވެ. އެކަން ބަޔާން ކުރުމަށް ޤާނޫނީ މާއްދާތަކާއި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައްވެސް ދައުލަތުގެ ފަރާތުން ހުށަހެޅިއެވެ.
ހައިކޯޓުގައި މި މައްސަލަ ހޯމަ ދުވަހު ފަށަން ތާވަލުކޮށްފައިވާއިރު، ހައިކޯޓުގައި މި މައްސަލަ ބަލާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.