މިދިޔަ އަހަރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާ ފިލްމު "ކަމަނާ"ގެ ޓީމުން މި ފަހަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު "ކަނބުލޮ" ރޭ ޕްރިމިއާކޮށްފިއެވެ.
އެ ފިލްމު ޕްރިމިއާ ކުރީ، ފިލްމުގެ ތަރިންނާއި ކްރޫއިން ހިމެނޭ ރެޑް ކާޕެޓުގެ އިވެންޓަކާއެކުގައެވެ. މި އިވެންޓުގައި ފިލްމީ ދާއިރާގެ ގިނަ ތަރިންނާއި ކްރޫއިން ބައިވެރިވިއެވެ.
އި އިވެންޓުގައި މަގުބޫލު 'ބިދަބިން' ގުރޫޕުގެ ޚާއްސަ ބޮޑުބެރު ޝޯއެއް ކުރިއަށް ގެންދިޔައެވެ.

ކަނބުލޮ ފިލްމުގެ ޕްރިމިއާ ނައިޓުގައި ލީޑު ތަރި އައްޒައާއި ސޭންޑީ ---- ސަން ފޮޓޯ/ މޫސާ ނަދީމް
މި ފިލްމަކީ 2009 އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ދިޔަ 'ޔުކްތާ'ގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ވާހަކައަށް ބިނާކޮށް ތައްޔާރުކުރާ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރު ކުރާނީ މަހުދީ އަހުމަދެވެ.
މިއަދުގެ ކުރިން ކަނބުލޮގެ ޓިކެޓު ގަނެގެން ފިލްމުގެ މެއިން ސްޕޮންސާ 'އެވޮން'އިން ދޭ ބެޑްރޫމް ސެޓުގެ ނަސީބުވެރިޔާ ވެސް ރޭ ވަނީ ހޮވާފައެވެ.

ކަނބުލޮ ފިލްމުގެ ޕްރިމިއާ ނައިޓުގައި ބިދަބިން ގުރޫޕު: އެ ގުރޫޕުން ވަނީ ބޮޑުބެރު ޝޯއެއް ކުރިއަށް ގެންގޮސްފައި --- ސަން ފޮޓޯ/ މޫސާ ނަދީމް
އޭގެއިތުރަށް، ފިލްމުގެ ޑައިރެކްޓަރު މި އިވެންޓުގައި ހުސައިން މުނައްވަރު ބުނީ، ކަނބުލޮއަކީ ބެލުންތެރިން ހީނުކުރާ ވަރުގެ ފިލްމަކަށްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. މިއަދާ ހިސާބަށް ޓެކްނިކަލީ ރަނގަޅު ފިލްމެއް ނީންނާނެ ކަމަށާއި އެކަން ފިލްމު ބެލުމުން ބެލުންތެރިންނަށް އިނގޭނެ ކަމަށް މުނައްވަރު ބުންޏެވެ.
މުނައްވަރު ވަނީ، ފިލްމުގެ މަސައްކަތުގައި އެހީތެރިކަން ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

ކަނބުލޮ ފިލްމުގެ ޕްރިމިއާގައި ފިލްމީ ތަރި މަނިކާއި ޝީލާ --- ސަން ފޮޓޯ/ މޫސާ ނަދީމް
މި ފިލްމުގެ ފަހަތުގައި ވަނީ ކަމަނާގެ ޓީމެވެ. އެގޮތުން، މަރިޔަމް އައްޒަ މި ފިލްމުގެ ލީޑަށް ހަމަޖައްސާފައިވާއިރު އޭނާ އަކީ ކަމަނާގެ ވެސް ލީޑު އެކްޓަރުގެ ރޯލު ކުޅެފައިވާ ތަރިއެވެ.
އައްޒަގެ އިތުރުން ފިލްމުގެ ރޯލުތަކުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ނިމާލާއި ޝީލާ ނަޖީބާއި އަހުމަދު އީސައާއި ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ ފެންނާނެއެވެ.
އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު ކަނބުލޮ އަކީ ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލާ ފިލްމެކެވެ. އޭގެއިތުރަށް، ފިލްމު ޕްރޮޑިއުސްކުރީ މުނައްވަރާއި އަލީ ޝާނިޒް މުހައްމަދެވެ.