ފަލާހުގެ މައްސަލަ ތަހުގީގުކުރުން: ޔާމީން ވިދާޅުވީ ފުލުހުން، ޕީޖީގެ ލަފާ ހޯދަން ނުޖެހޭ ކަމަށް

ކުރީގެ ރައީސް ޔާމީން: ވިދާޅުވީ، ފުލުހުންނަކީ ޕީޖީގެ ލަފާ ހޯދަން ޖެހޭ ތަނެއް ނޫން، އެއުޅެނީ ގާނޫނު އޮޅުވާލައިގެން ކަމަށް --- ސަން ފޮޓޯ: މޫސާ ނަދީމް

ބައެއް ނޫސްވެރިންވީ 'އުލުބައިންދަން' ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް ގޮވާލެއްވުމުން، އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)ގެ ލަފާ ހޯދަން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް އެކުލަވައިލައިފައިވާ ބިލެއް، މި ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީން ބަލައިގަތް އެ ބިލުގެ ބަހުސްގައި ފަލާހު ވަނީ 'ނޫސްވެރިން އުލުބައިންދަންވީ' [އަނިޔާވެރި ގޮތުގައި މަރުގެ އަދަބު ދޭންޖެހޭ] ކަމަށް މިދިޔަ ބުދަ ދުވަހު ވިދާޅުވެފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ޕީޖީ އޮފީހުގެ ލަފާ ހޯދަމުން އަންނަ ފުލުހުން ބުނީ ޖެހިގެން އައި ހުކުރު ދުވަހެވެ.

https://sun.mv/210607

ފުލުހުންގެ އެ ނިންމުމާ ގުޅޭ ގޮތުން، ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މައްސަލައެއްގައި ފުލުހުން ޕީޖީގެ ލަފާ ހޯދާނަމަ އެކަމެއް ޝަރީއަތަށް ދަނީ ދެ މުއައްސަސާ އެއްވެގެން ކަމަށެވެ.

ފުލުހުންތަކެއް: ޔާމީން ވިދާޅުވީ ފުލުހުންނަކީ ކޮންމެ ކަމެއްގައި ޕީޖީގެ ލަފާ ހޯދަން ޖެހޭ ބައެއް ނޫން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ކުރާ ތަހުގީގެއްގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާއިރު، އެކަމުގައި އުނިކަންތައްތަކެއް ހުރިނަމަ ޕީޖީން ނަސޭހަތްތެރިވާނެކަން ޔާމީން ފާހަގަކުރެއްވިއެވެ.

ނަމަވެސް، ތަހުގީގެއް ހިނގާއިރު، ކޮންމެ ކަމެއްގައި ފުލުހުން ޕީޖީގެ ލަފާ ހޯދާކަށް ނުޖެހޭ ކަމަށާއި އެއީ ގާނޫނު އޮޅުވާލުން ކަމަށް ޔާމީން ވިދާޅުވިއެވެ.

އެހެންވީމާ އެމީހުންނާ ދޭތެރޭ ފިޔަވަޅުއަޅަން އަނެއްކާވެސް ޕީޖީގެ ލަފާހޭ ހޯދަންވީ. ފުލުހުންގެ މުއައްސަސާއަކީ ހުރިހާ ކަމެއް ކުރާކަށް ޕީޖީގެ ލަފާ ހޯދަން ޖެހޭ ބައެއް ނޫނޭ. ޕީޖީއަކީ މިނިވަން ތަނެކޭ. ފުލުހުންގެ އިދާރާއަކީ ވެސް މިނިވަން ތަނެކޭ. ތަހުގީގެއް ހިނގާއިރު ކޮންމެ ކަމެއްގައި ފުލުހުން ނުޖެހެޔޭ ޕީޖީގެ ލަފާ ހޯދާކަށް. އެ އުޅެނީ ގާނޫނު މުޅިން އޮޅުވާލައިގެންކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

ގާނޫނުން ރައްކާތެރިކަން ދީ މުއައްސަސާތައް އުފައްދާފައި ހުރީ ''ޗެކް އެންޑް ބެލެންސް'' ނިޒާމަކުން ކަމަށްވިޔަސް، ފުލުހުން ކޮންމެ ކަމެއްގައި ޕީޖީގެ ލަފައަށް އެދުމުން އެކަން ގެއްލޭކަން ޔާމީން ފާހަގަކުރެއްވިއެވެ.

ދެ ފުލަހަކު މަގުމަތީ ހިނގާފައި ދަނީ: ޔާމީން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވީމަ އެހެން ނެހެދޭނެޔޭ. ފުލުހުން ކުރާ ކަމެއް ފުލުހުން ކުރާށޭ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

ފަލާހުގެ މައްސަލަ ތަހުގީގު ކުރަން ލަފާ ހޯދާ ކަމަށް ފުލުހުން އިއުލާންކުރުމުން އޭނާ ވަނީ އޭނާ ދެއްކެވި ވާހަކަ ދިފާއުކުރައްވައިފައެވެ. އެގޮތުން "އުލު ބެއިންދުން" ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށް ވުރެ މަތީ ތަނަކަށް އެރުވުމަށް ކަމަށް ވިދާޅުވެ، އޭނާ ދެއްކެވި ވާހަކަ ދިފާއު ކުރައްވާފައެވެ.

އެމައްސަލައާ ގުޅިގެން ތަކުރާރުކޮށް، އެތައް ނޫސްވެރިންނެއް ސުވާލުކުރުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ، އެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފައެވެ.

ފުލުހުންނަށް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވިއިރު، ފުލުހުން ހިންގާ ތަހުގީގާއި އާންމުކުރާ މައުލޫމާތަށް އިތުބާރު ނުކުރެވޭ ކަމުގެ ޝަކުވާ މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މީގެ އިތުރުން، ފުލުހުންގެ މުއައްސަސާއަކީ ބޮޑު މުއައްސަސާއެއް ކަމަށްވާއިރު، ފުލުހުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެކި ސަރުކާރުތަކުން މަސައްކަތްތައް ކުރާ ކަމުގެ ތުހުމަތު ވެސް މީގެ ކުރިން ފެންމަތިވެފައިވެއެވެ.

މީޑިއާ ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އޮތްއިރު، ގިނަ މީޑިއާތަކުން އަންނަނީ ބިލު ބޭރުކޮށްލުމަށް ގޮވާލަމުންނެވެ.

އެ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.

މީގެ އިތުރުން، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.

comment ކޮމެންޓް