އުކުޅަހުގައި ފިރިހެނަކު، ބައްޕައަށް ވަޅިން ހަމަލާދީފި

އުކުޅަހު ހެލްތު ސެންޓަރު: އަނިޔާވި މީހާ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުން، އޭނާގެ ހާލު ސްޓޭބަލް --

އއ. އުކުޅަހުގައި މިރޭ ޒުވާން ފިރިހެނަކު، އޭނާގެ ބައްޕައަށް ވަޅިން ހަމަލާ ދީފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާ ދިނީ 26 އަހަރުގެ ފިރިހެނެކެވެ.

އުކުޅަހު ކައުންސިލް ރައީސް ޝައުކަތު އިބްރާހީމް "ސަން"އަށް ވިދާޅުވީ، އަނިޔާވި ބައްޕައަކީ 60 އަހަރުން މަތީގެ މީހެއް ކަމަށާއި ފިރިހެން ދަރިފުޅަކީ ފުރާވަރުން ފެށިގެން ނަފުސާނީ ބައްޔަކަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށެވެ.

އެ މީހާއަށް ރާއްޖެއިން ބޭރު ވެސް މީގެ ކުރިން ފަރުވާ ދީފައިވާއިރު، އޭނާއަށް ގަވައިދުން ޖަހަން ޖެހޭ އިންޖެކްޝަނެއް ހުންނަ ކަމަށް ޝައުކަތު ވިދާޅުވިއެވެ. އެހެންނަމަވެސް، އެ އިންޖެކްޝަން ޖަހަން އޭނާ ދެކޮޅު ހަދާތީ، އިންޖެކްޝަން ޖަހަން ޖެހޭ ތާރީޚު މިފަހުން ފަހަނައަޅައި ދިޔަ ކަމަށް ޝައުކަތު ވިދާޅުވިއެވެ.

އެހެންވެ، ފިރިހެން މީހާގެ އާއިލާއިން ރަށު ހެލްތު ސެންޓަރާއި ކައުންސިލާއި މާލޭގެ ކަމާ ބެހޭ ފަރާތްތަކުގެ ވެސް ލަފާ ހޯދި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިރޭ ހެލްތު ސެންޓަރުން ވެސް ކަމާ ގުޅޭ ބޭފުޅުން ގޮސް، އިންޖެކްޝަން ޖެހި ކަމަށް ޝައުކަތު ވިދާޅުވިއެވެ.

އެ އިންޖެކްޝަން ޖެހުމުން ފިރިހެން މީހާ ރުޅި އައިސް، ބައްޕައަށް ހަމަލާ ދިނީ މީހުން ދިޔަ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގައި އޭނާގެ ބައްޕަގެ ބަނޑާއި އަތް ޒަޚަމްވި ކަމަށް ޝައުކަތު ވިދާޅުވިއެވެ.

"ބަނޑާ ދިމާލަށް އިން ވަޅި ކޮށްޕާލާފައި، އޭގެއިން ވަރަށް ކުޑަ ތަންކޮޅެއް އިނީ، މާބޮޑަކަށް ނެތް އަޑިއަށް ގޮސްފަކާއެއް، ހަމަ ވަރަށް ކުޑަ ތަންކޮޅެއް އިނީ އެހެންނަމަވެސް އަތުގެ މީދާ މަސް މަތިން އެބައިން ދޮޅު އިންޗިއެއްހާ ތަން ކަފައިގެންގޮސް، އެކަމަކު ވަރަށް ފުނަކަށް ނޫން," އޭނާ ވިދާޅުވިއެވެ.

ޝައުކަތު ވިދާޅުވީ އެ މީހާއަށް ފަރުވާ ދޭން ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އުކުޅަހު ހެލްތު ސެންޓަރުގެ އޮފިޝަލަކު ވެސް ވަނީ ފިރިހެން މީހާގެ ހާލު ރަނގަޅު ކަމަށް "ސަން"އަށް މައުލޫމާތު ދެއްވައިފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، ހާދިސާ ރިޕޯޓުކުރީ މިރޭ 22:20ހާއިރު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް