އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ އިންދޯރަށް ނިސްބަތްވާ އަންހެން ކުއްޖަކަށް ބޮލީވުޑް ފިލްމު "ޖަބް ވީ މެޓް"ގައި ދިމާވި ވަރަށް ގިނަ ކަންކަން ތަޖުރިބާ ކުރެވިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެ ފިލްމުގައި ބަތަލާ ކަރީނާ އާއިލާއަށް ފިލައިގެން ލޯބިވެރިޔާއާ ބައްދަލުކުރަން ދިޔަގޮތަށް އިންދޯރަށް ނިސްބަތްވާ 22 އަހަރުގެ ޝްރައްދާ ތިވާރީ ވެސް ވަނީ ގެއިން ފިލާފައެވެ. ގެއިން ފިލައިގެން ދިޔައީ ޝްރައްދާ ގުޅިގެން އުޅުނު ލޯބިވެރިޔާއާ ބައްދަލުކުރަން ނަމަވެސް އެކަންވީ ނާކާމިޔާބެވެ.
އާއިލާއިން ޝްރައްދާ ހޯދުމުގެ މަސައްކަތް އެ ސިޓީގެ ފުލުހުންނާ ގުޅިގެން ކުރަމުން ދަނިކޮށް އާއިލާއަށް ހައިރާންކަން ލިބެނީ ކަރަން ހޯގީ ނަމަކަށް ކިޔާ މީހަކާ ކައިވެނިކޮށްގެން ޝްރައްދާ ގެއަށް އައުމުންނެވެ.

ޝްރައްދާ އާއިއޭނާގެ ފިރިމީހާ ކަރަން -- ފޮޓޯ/ހިންދުންސްތާން ޓައިމްސް
މިއީ ބޮލީވުޑް ފިލްމު "ޖަބް ވީ މެޓް"ގައި ކަންކަން ހިނގާދިޔަގޮތް ނޫން ކަމަށްވިޔަސް ފިލްމުގެ ވާހަކައާ ގުޅުންހުރި ވަރަށް ގިނަ ކަންކަން މި ހާދިސާއާ އެއްގޮތް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މި ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކާފައެވެ.
ޝްރައްދާ ކައިވެނިކޮށްގެން ގެއަށް ގެންދިޔަ ފިރިހެންމީހާ ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި އޭނާއާ ޝްރައްދާ ބައްދަލުވީ ވެސް ރޭލުގައި ކުރި ދަތުރަކުންނެވެ.
އޭރު ޝްރައްދާ ހުރީ އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރަން ކުރި ދަތުރު ނާކާމިޔާބު ވުމުން އަމިއްލަ ނަފުސަށް ގެއްލުންދޭ ކަހަލަ ވިސްނުމެއްގައި ކަމަށާއި ނަމަވެސް އެ ވިސްނުން ބަދަލުކުރުމަށް ކަރަން ނަސޭހަތްތެރިވެ އެންމެ ފަހުން ދެ ފަރާތުން އެއްބަސްވެ ކައިވެނި ކުރީ ކަމަށް އާއިލާއިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.
ޝްރައްދާ ނަމަކަށް ކިޔާ އިންދޯރުގެ މި އަންހެން ކުއްޖާ އާއިލާގެ ގާތަށް އެނބުރި ދިޔައީ އޭނާ ގެއްލުނުތާ ހަފްތާއެއްވީ ފަހުންނެވެ. ޝްރައްދާ ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އޭނާގެ މިހާރުގެ ފިރިމީހާ ކަރަން އަކީ ކުރިން ޝްރައްދާ ކިޔެވި ކޮލެޖުގައި އިލެކްޓްރީޝަނެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތެއް ކަމަށެވެ.
ކަރަން ޝްރައްދާއާ ކައިވެނި ކުރީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށާއި ކައިވެނި ކުރަން އެދުނީ ވެސް ޚުދު ޝްރައްދާ އަމިއްލައަށް ކަމަށް އޭނާ ވަނީ ފުލުހުން ގާތު ބުނެފައެވެ.
ޝްރައްދާ އާއި ކަރަންގެ ކައިވެންޏާ މެދު ދެ އާއިލާއިން ނުރުހުން ފާޅުކޮށްފައިވީ ނަމަވެސް އެ ކައިވެންޏަކީ ސައްހަ ކައިވެންޏެއް ކަމަށާއި ކައިވެނި ރޫޅާލުމަށް ދެ ފަރާތުގެ އާއިލާއިން ވެސް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެ ފުލުހުން ވަނީ އެ މައްސަލަ ނިންމާފައެވެ.
ޝްރައްދާ އެނބުރި ގެއަށް ގޮސްފައި ވަނީ އެ އާއިލާއިން ޝްރައްދާ ހޯދުމަށް އެހީތެރިވެދޭ މީހަކަށް 51،000 ރުޕީސް އިނާމެއްގެ ގޮތުގައި ހުށަހަޅާފައި ވަނިކޮށެވެ.