ޓިއަންޖިން (01 ސެޕްޓެމްބަރު 2025): ޗައިނާގައި މިއަދު ފެށޭ ޝަންގްހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ ގައުމުތަކުގެ އިސް ވެރިންގެ ސަމިޓްގައި ޗައިނާގެ ރައީސް ޝީޖިންޕިން އާއި ރަޝިއާގެ ރައީސް ވްލަދިމިޔަ ޕޫޓިންއާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ބައިވެރިވެ ވަޑައިގަތުމަކީ މޯދީ އެމެރިކާއަށް ދެއްވާ ވަރުގަދަ މެސެޖެއްކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބައިނަލްއަގްވާމީ މީޑީއާ ރިޕޯޓްތައް ބުނާގޮތުން އިންޑިއާއަކީ މިހާތަނަށް ހުޅަނގުގެ ބައިވެރިއެއްގެ ގޮތުގައި ބެލެވެމުން އައި ގައުމެކެވެ. އެހެންކަމުން މިދިޔަ އަހަރު ކަޒަޚިސްތާންގައި ބޭއްވި އެސްސީއޯގެ ސަމިޓުގައި ވެސް މޯދީ ބައިވެރިވެ ވަޑައިގެންފައިނުވެއެވެ.
ނަމަވެސް މިފަހަރު ޗައިނާގައި ބައްވާ ސަމިޓްގައި މޯދީ ބައިވެރިވުމަކީ ހަގީގަތުގައިވެސް މޯދީ އެމެރިކާއާއި ޔޫރަޕަށް (ހުޅަނގަށް) ދެއްވާ ވަރުގަދަ މެސެޖެެއް ކަމަށް މުހައްލިލުން ސިފަކުރައްވައެވެ. އެބޭފުޅުން މިގޮތަށް ސިފަކުރައްވަނީ އެމެރިކާ އިންޑިއާއާ ދެކޮޅަށް ކުރަމުންދާ ވިޔަފާރީގެ ފިއްތުންތަކަށް ބޯ ނުލަނބާނެކަން އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވެފައިވާތީއާއި ވާދަވެރިކަން ދޫކޮށްލައި އެއްބައިވުމަށް ދާދިފަހުން އިންޑިއާއާއި ޗައިނާ އެއްބަސްވެފައިވާތީކަން ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވެއެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ "ބްރިކްސް" ޖަމާއަތާއި ޝެންގްހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) އަކީ ހުޅަނގުގެ ބާރާއި ނުފޫޒާ ދެކޮޅަށް ބައިނަލްއަގްވާމީ އައު ނިޒާމަކަށް މަގުފަހިކުރާ ދެ ޖަމާއަތެވެ.
މި ދެ ޖަމާއަތުގައި އިންޑިއާ ބައިވެރިވިނަމަވެސް ހުޅަނގާއި އިންޑިއާގެ ގުޅުންތައް ބޮޑުކަމުންނާއި އެމެރިކާ އިސްވެ އޮވެގެން ޗައިނާއާ ދެކޮޅަށް އުފައްދާފައިވާ ކުއަޑް ގްރޫޕްގައި އިންޑިއާ ބައިވެރިވާތީ މިހާތަނަށް އިންޑިއާ އޮތީ "ބްރިކްސް" އާއި "އެސްސީއޯ" ގައި މާބޮޑު ދައުރެއް އަދާ ނުކޮށެވެ.
އަނެއްކޮޅުން އިންޑިއާއާއި ޗައިނާއަކީ ޖިއޮޕޮލިޓިކަލް ވާދަވެރިކަން އޮންނަ ދެގައުމުކަމަށް ވެފައި ދެގައުމުގެ ސަރަހައްދީ ރޮނގުގެ އަރާރުންވެސް ބޮޑުކަމުން އިންޑިއާއާއި ޗައިނާގެ ގުޅުންތައް މިހާތަނަށް އޮތީ ވާދަވެރި ހާލަތެއްގައެވެ. އެއްބައިވަންތަ ހާލަތެއްގައެއް ނޫނެވެ.

ޗައިނާއިން އިއްޔެ މޯދީ އަށް ހޫނު މަރުހަބާ އެއް ކިޔަނީ
ނަމަވެސް ދާދިދަހުން އެމެރިކާއިން އިންޑިއާގެ މުދަލާ ދެކޮޅަށް ޓެރިފްގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމާއި ރަޝިއާގެ ތެލާއި ގޭސް ގަތުން ހުއްޓާލުމަށާއި އިންޑިއާއަށް ބޭނުންނުވާ ގިނަ މުދާތަކެއް އެމެރިކާއިން ގަތުމަށް ޓްރަމްޕްގެ ސަރުކާރުން އިންޑިއާއަށް ޕްރެޝަރު ކުރަން ފެށުމާއެކު އިންޑިއާގެ ސުލޫކުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.
އިންޑިއާ ދާދިފަހުން ވަނީ އެމެރިކާގެ މި ފިއްތުންތަކަށް ފާޅުގައި ނޫނެކޭ ބުނެފައެވެ. އިންޑިއާ މަސައްކަތްކުރާނީ އެމެރިކާއަށް ބެލުމެއްނެތި އަމިއްލަ ފައިމައްޗަށް ތެދުވެ އިންޑިއާގެ އަމިއްލަ މަސްލަހަތަށް އިސްކަން ދީގެންކަމަށް އިންޑިއާގެ މަސްއޫލުވެރިންވަނީ ވިދާޅުވެފައެވެ. އިންޑިއާގެ އިސް ބައެއް ވަޒީރުންނާއި ބޮޑުވަޒީރު މޯދީ ވެސް ވަނީ އެމެރިކާއަށް ގޮންޖައްސަވާ މޭރުމަކުން އިންޑިއާގެ ޕާލަމެންޓްގައި ވާހަކަ ދައްކަވާފައެވެ.
އިންޑިއާއިން ރަޝިއާގެ ތެލާއި ގޭސް ގަތުން ހުއްޓައިލުމަށް ދެކޮޅު ހަދާތީ ޓްރަމްޕް ވަނީ އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް 50 އިންސައްތައަށް ބޮޑުކޮށްފައެވެ. މިކަމުގެ ސަބަބުން ކުރުމުއްދަތެއްގައި އިންޑިއާގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށްވެއެވެ.
ނަމަވެސް އެމެރިކާއަށް ދޫދިފިނަމަ ދެން އަބަދުވެސް ޖެހޭނީ ދޫދީ އެމެރިކާ ރުއްސަން ކަން އިންޑިއާއަށް އެނގެއެވެ. އަދި އެމެރިކާގެ ގޮތާއި ފޮތްވެސް އިންޑިއާއަށް އެނގެއެވެ. އެހެންކަމުން އިންޑިއާ އިޚްތިޔާރު ކުރީ ގެއްލުންތަކާ ކުރިމަތިލައިގެން ނަމަވެސް އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ނުޖެހުމަށެވެ.
މިއާއެކު އިންޑިއާގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނަތަން ވަނީ ފެންނަން ފަށާފައެވެ. މީގެތެރޭގައި ދާދިފަހުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ކުއްލިގޮތަކަށް އިންޑިއާއަށް ވަޑައިގެން އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު އާއެކު މުހިއްމު މަޝްވަރާތަކެއް ކުރެއްވުން ހިމެނެއެވެ.
މި މަޝްވަރާތަކަށްފަހު ދެބޭފުޅުންވަނީ އިންޑިއާއާއި ޗައިނާގެ ގުޅުންތައް ވާދަވެރިކަމުގެ މަރުހަލާ ދޫކޮށްލައި އެކުވެރިކަމާއި އެއްބާރުލުމުގެ މަރުހަލާއަކަށް ވަދެފައިވާކަން އިއުލާން ކުރައްވާފައެވެ. އަދި ޒަމާނުއްސުރެ ދެގައުމުގެ ދެމެދުގައި އޮންނަ ސަރަހައްދީ ރޮނގުގެ މައްސަލަތައް ހައްލުކުރުމަށް ވެސް ވަނީ ކޮމިޓީތަކެއް އުފައްދައި ގޮތްތަކެއް ނިންމާފައެވެ. މިއީ މިހާތަނަށް ކުރިކަމެއްނޫނެވެ.
ވާންގްޔީގެ ދަތުރުފުޅާއެކު އިންޑިއާއާއި ޗައިނާވަނީ އެ ދެގައުމުގެ ދެމެދުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ވެސް އިތުރުކޮށް ސަރަހައްދީ ރޮނގު ހުރަސްކޮށް ކުރާ ވިޔަފާރި ފުޅާކުރުމަށް ވެސް ނިންމާފައެވެ.
އެއަށްފަހު އިންޑިއާގެ ބޮޑުވަޒީރު މޯދީ އިއްޔެވަނީ ޗައިނާގެ ރައީސް ޝީ ގެ ދައުވަތަކަށް ޗައިނާއަށް ވަޑައިގެންފައެވެ. މިއީ ޗައިނާގައި މިއަދު ފެށޭ ޝެންގްހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ ގައުމުތަކުގެ އިސް ވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޝީ ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ނަމަވެސް ދެބޭފުޅުން ވަކިން އިއްޔެވަނީ ވަކިން ބައްދަލުކުރައްވައި ދެގައުމުގެ ގުޅުންތައް ހަރުދަނާ ކުރުމާބެހޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މިއާއެކު ޗައިނާގެ ރަސްމީ މީޑއާ އިންވަނީ އިންޑިއާއަކީ އެގައުމުގެ މުހިއްމު ބައިވެރިއެއްކަމަށް ސިފަކޮށްފައެވެ.
އެމެރިކާ ޑޮލަރާ ވާދަކުރާނެ ބައިނަލްއަގްވާމީ ރިޒާވް އެހެން ކަރަންސީ އެއް އުފެއްދުމަށް ބްރިކްސް އިން ކުރާ މަސައްކަތްތަކަށްވެސް މިހާތަނަށް އޮތީ އިންޑިއާގެ އެއްބާރުލުން ނުލިބިއެވެ. ނަމަވެސް ދެން މިކަމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެކަމަށް މުހައްލިލުން ދެކެއެވެ.