ދަރިފުޅަށް ނަފުސާނީ ފަރުވާދިނުމަށާއި، އަނިޔާވި ބައްޕަ ޓެސްޓުތައް ހަދަން މާލެ ގެނެސްފި

އައިޖީއެމްއެޗް ކުރިމަތި: އައިޖީއެމްއެޗްގައި ދެ ބަފައިންނަށް ދަނީ ފަރުވާދެމުން، ބައްޕަގެ ހާލު ރަނގަޅު -- ސަން ފޮޓޯ: މާނިއު މުހައްމަދު

އއ. އުކުޅަހުގައި ރޭ ބައްޕައަށް ހަމަލާދިން ދަރިފުޅަށް ނަފްސާނީ ފަރުވާދިނުމަށާއި، އޭނާގެ ބައްޕައަށް އިތުރު އަނިޔާއެއް ލިބިފައިވޭތޯ ޓެސްޓުތައް ހަދަން މިއަދު ދެބަފައިން މާލެ ގެނެސްފިއެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ރޭ "ސަން"އަށް ވިދާޅުވީ، ރޭ ހިނގި ހާދިސާގައި އަނިޔާވި ބައްޕައަކީ 60 އަހަރުން މަތީގެ މީހެއް ކަމަށެވެ. ފިރިހެން ދަރިފުޅަކީ ފުރާވަރުން ފެށިގެން ނަފުސާނީ ބައްޔަކަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށެވެ.

ދެ ބަފައިންގެ މެދުގައި ރޭ ހިނގި ހާދިސާގައި އަނިޔާވި ބައްޕަގެ ބަނޑާއި އަތް ވަނީ ޒަޚަމްވެފައެވެ.

މިއަދު "ސަން"އާ ވާހަކަދައްކަވަމުން ޝައުކަތު ވިދާޅުވީ، ދެބަފައިންގެ ތެރެއިން ބައްޕަގެ ހާލު ރަނގަޅު ކަމަށާއި، ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށެވެ. އަދި މި އެ މީހާ ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ.

"އިތުރަށް އެއްވެސް ގެއްލުމެއް ވެފައި ހުރިތޯ ބެލުމަށް ޓަކައި ޓެސްޓުތައް ކުރަމުންދާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ، އެކަމަކު ބައްޕަގެ ހާލަތު ސްޓޭބަލްކަމަށް މައުލޫމާތު ލިބެނީ،" ޝައުކަތު ވިދާޅުވިއެވެ.

މީގެ އިތުރުން ޝައުކަތު ވިދާޅުވި 26 އަހަރުގެ ދަރިފުޅަށް ނަފްސާނީ ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

އެ މީހާއަށް ރާއްޖެއިން ބޭރު ވެސް މީގެ ކުރިން ފަރުވާ ދީފައިވާއިރު، އޭނާއަށް ގަވައިދުން ޖަހަން ޖެހޭ އިންޖެކްޝަނެއް ހުންނަ ކަމަށް ޝައުކަތު ވިދާޅުވިއެވެ. އެހެންނަމަވެސް، އެ އިންޖެކްޝަން ޖަހަން އޭނާ ދެކޮޅު ހަދާތީ، އިންޖެކްޝަން ޖަހަން ޖެހޭ ތާރީޚު މިފަހުން ފަހަނައަޅައި ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ފިރިހެން މީހާގެ އާއިލާއިން ރަށު ހެލްތު ސެންޓަރާއި ކައުންސިލާއި މާލޭގެ ކަމާ ބެހޭ ފަރާތްތަކުގެ ވެސް ލަފާ ހޯދި ކަމަށާއި، ރޭ ހެލްތު ސެންޓަރުން ވެސް ކަމާ ގުޅޭ ބޭފުޅުން ގޮސް، އިންޖެކްޝަން ޖެހި ކަމަށް ޝައުކަތު ވިދާޅުވިއެވެ.

އެ އިންޖެކްޝަން ޖެހުމުން ފިރިހެން މީހާ ރުޅި އައިސް، ބައްޕައަށް ހަމަލާ ދިނީ މީހުން ދިޔަ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއީ ކޮން ބައްޔަކަށް ބޭނުންކުރާ، ކޮން އިންޖެކްޝަނެއްކަމުގެ ތަފްސީލެއް ޝައުކަތު ނުދެއްވައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، ހާދިސާ ރިޕޯޓުކުރީ ރޭ 22:20ހާއިރު ކަމަށާއި، އެ މައްސަލައާ ގުޅިގެން 26 އަހަރުގެ މީހާ ހައްޔަރުކުރި ކަމަށެވެ. އެކަމަކު އެ މީހާ ވަނީ ފަހުން ދޫކޮށްލައިފައެވެ.

comment ކޮމެންޓް