އަފްޣާނިސްތާން ބިންހެލުން: މިހާތަނަށް 800 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ޒަޚަމްވެފައިވާ ބަޔަކު -- ފޮޓޯ/ޢޭޕީ

އަފްޣާނިސްތާނަށް މިހާތަނަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުމުގައި 800 އަށްވުރެ ގިނަ މީހުން މަރުވެ، 2800 މީހުން ޒަޚަމުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ރޭގެ ވަގުތެއްގައި އެ ބިންހެލުން އައިސްފައިވަނީ ޕާކިސްތާނާ ބޯޑަރާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުގެ ނަންގަރްހާރާއި ކުނާރު ޕްރޮވިންސަށް 6.0 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.

މި ހާދިސާގެ ސަބަބުން މިހާރު ވެސް ވަސީލަތްތަކާއި މާލީ ދަތިކަން ކުރިމަތިވެ، އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ އަފްޣާނިސްތާނަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ވެރިރަށް ކާބުލްގައި ހުންނަ ސިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު ޝަރަފާތު ޒަމާން ވަނީ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ކުރިމަތިލުމަށް ބައިނަލްއަގުވާމީ އެހީއަށް ގޮވާލާފައެވެ.

މި ބިންހެލުމުގައި ކުނާރާއި ނަންގަހަރުގައި 812 މީހުން މަރުވެފައިވާ ކަމަށް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވިއެވެ.

ބިންހެލުން އައި ކުނާރާއި ނަންގަހަރަކީ ފަރުބަދަ މަތީ ސަރަހައްދުތަކަށްވުމުން މީހުން ސަލާމަތްކުރުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މުޅި ސަރަހައްދުގައި އަސްކަރީ ރެސްކިއު ޓީމުތައް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 40 ފްލައިޓެއްގައި 420 މީހުން އެ ސަރަހައްދު ބޭރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަރުވެފައިވާ މީހުންނާއި ޒަޚަމުވި މީހުން ވެސް ހިމެނެއެވެ.

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި. ފޮޓޯ/އޭޕީ

ބިންހެލުން އައި ސަރަހައްދާ ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އިތުރުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އޮންނަ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވެސް ބިންހެލުމުގެ އަސަރުކުރިއެވެ. އެ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ.

މިއީ 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން އަފްޣާނިސްތާނަށް އައި ތިންވަނަ ބޮޑު ބިންހެލުމެވެ.

ދެހާސް ބާވީސްވަނަ އަހަރު އަފްޣާނިސްތާނުގެ އިރުމައްޗަށް 5.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސް ގާތްގަނޑަކަށް 1،000 މީހުން މަރުވެ، އިތުރު 3،000 މީހުން ޒަޚަމުވެފައިވެއެވެ.

އަފްޣާނިސްތާނަކީ އިންޑިއާއާއި ޔޫރޭޝިއާގެ ޓެކްޓޮނިކް ޕްލޭޓްތައް ގުޅޭ ގިނަ އަދަދެއްގެ ފޯލްޓް ލައިންތަކުގެ މަތީގައި އޮންނަ ގައުމަކަށް ވާތީ ބިންހެލުންތައް އައުމަކީ ވަރަށް އާންމު ކަމެކެވެ.

comment ކޮމެންޓް