ގައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖެއަށް ދަތުރުކުރާ 'ފްރީ އިންޑިޕެންޑެންޓް ޓްރެވަލާ (އެފްއައިޓީ)' ފަތުރުވެރިން ނުވަތަ ޓްރެވެލް އެޖެންސީއަކާ ނުލާ އަމިއްލަ ގޮތުން ދަތުރުކުރާ ފަތުރުވެރިންގެ ފީތަކުން 15 ޕަސެންޓު ކުޑަކޮށްދީފިއެވެ.
މޯލްޑިވިއަނުން ބުނީ މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ދާއިރާއަށް އެހީތެރިވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި ޓްރެވެލް އެޖެންސީއެއް ނުވަތަ ޓުއާ އޮޕަރޭޓަރެއްގެ އެހީތެރިކަމާ ނުލާ އަމިއްލަ ގޮތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ ފީތައް އާއްމުގޮތެއްގައި އަގު ބޮޑުވާނެއެވެ.
މި ބަދަލާއެކު، މިހާރު ހުރި އަގުތަކަށްވުރެ އެވްރެޖްކޮށް 15 އިންސައްތައިގެ ޑިސްކައުންޓެއް ފަތުރުވެރިންނަށް ލިބޭނެއެވެ.
މޯލްޑިވިއަނުން ބުނީ އެ ބަދަލުގެ ބޭނުމަކީ، އެފްއައިޓީ ފަތުރުވެރިންނަށް ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހެޔޮކޮށްދިނުމާއި، ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް އިތުރު އިގްތިސާދީ ފައިދާތަކެއް ހޯދައިދިނުން ކަމަށެވެ.
"މި މަސައްކަތުން ދައްކުވައިދެނީ އަޅުގަނޑުމެން ލޯކަލް ޓޫރިޒަމަށް އެހީތެރިވުމަށާއި، ފަސިންޖަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަށް ދޭ އަހައްމިއްޔަތުކަން. އަދި އަގުތައް ހެޔޮކޮށް ދަތުރުކުރުމުގެ ފުރުސަތުތައް އިތުރުކުރުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމްގެ ފައިދާތައް ފެތުރިގެންދާނެ،" މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވިއެވެ.
އެފްއައިޓީ ފަތުރުވެރިންނަށް މޯލްޑިވިއަންގެ ޓިކެޓުތައް ގަތުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓްއާއި، މޯލްޑިވިއަންގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި [email protected] އަށް މެއިލް ކުރުމުގެ އިތުރުން އޮންލައިން ޓްރެވަލް އޭޖެންސީ (އޯޓީއޭ) އަދި ޕެސެންޖަރު ސޭލްސް އޭޖެންޓުންގެ (ޕީއެސްއޭ) މެދުވެރިކޮށް ވެސް ޓިކެޓު ގަނެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެތެރޭގެ ދަތުރުފަތުރުގެ ނެޓްވޯކް ކަމަށްވާ މޯލްޑިވިއަންއިން ވަނީ އުތުރުގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ އަތޮޅުތަކާ ހަމައަށް ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.