ކޮލަމާ ބޯޓް: ކައްޕި މަރުވި ކަމަށް ބެލެވެނީ އިންޖީނު ރޫމުގެ ކަަރަންޓުގައި ޖެހިގެން ރޭ

ކޮލަމާ ބޯޓުގެ ކައްޕި ސައީދު: އޭނާ މަރުވި ކަމަށް ބެލެވެނީ އިންޖީނު ރޫމުގެ ކަަރަންޓުގައި ޖެހިގެން ރޭގެ ވަގުތެއްގައި -- ފޮޓޯ/ ފޭސްބުކް، ސިވާސް ސާބިރު

ގެއްލިގެން ހޯދަމުންދިޔަ، ގއ. އަތޮޅު ކޮލަމާފުއްޓަށް ނިސްބަތްވާ "ކޮލަމާ" ބޯޓުގެ ކެޕްޓަން މަރުވި ކަމަށް ބެލެވެނީ ކަރަންޓު ޖެހިގެން، ރޭގެ ވަގުތެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ފޭސްބުކް"ގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ކޮލަމާ ބޯޓު ލ. އަތޮޅުން ގއ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، ރޭ ހުވަދޫ ކަނޑަށް ދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވެއެވެ. އެހެންވެ، ބޯޓާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް، ޕޯސްޓުގައި އެދިފައިވެއެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ލިބުނީ މިއަދު 13:25ހާއިރު ކަމަށާއި، ބޯޓު ހޯދުމުގެ މަސައްކަތް ކުރަނިކޮށް އެކެފަރަ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. ބޯޓު ފެނުމާއެކު ކެޕްޓަންއަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށެވެ.

އެއީ ކޮލަމާފުށީ، އާދަމް ސައީދު ކިޔާ އުމުރުން 66 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ކޮލަމާ ބޯޓު: ރެއިން ފެށިގެން ބޯޓުގެ ޚަބަރެއް ނުވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވޭ --

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަލީ ޝަމީމް 'ސަން'އަށް ވިދާޅުވީ، ކޮލަމާ ބޯޓު ފެނުމުން، މީހުން ނަގަން ދޯންޏެއް ދިޔަ ކަމަށާއި، ކެޕްޓަން ދޯންޏަށް ނެގިއިރު ވެސް މަރުވެފައިވާ ކަމަށެވެ.

"ބޮޑަށް ލަފާކުރެވެނީ ރޭގައި ނިޔާވެފައި އޮތީ ކަމަށް," އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮލަމާފުށީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފް "ސަން"އަށް ވިދާޅުވީ، ކޮލަމާ ބޯޓު ދަތުރުކުރަނިކޮށް އިންޖީނަށް މައްސަލައެއް ދިމާވެގެން އިންޖީނު ރޫމަށް ކައްޕި ފޭބި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި، އެވަގުތު ކައްޕި މަރުވީ ކަރަންޓުގައި ޖެހިގެން ކަމަށް ޚަބަރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސައީދުގެ އަމިއްލަ ބޯޓެއް އެއީ، ފަސް ބިދޭސީން ތިބޭނީ. ކޮންމެވެސް މައްސަލައެއް ޖެހިގެން އިންޖީނު ރޫމަށް ފޭބި ކަމަށް ވަނީ ބޯޓުގެ ކެޕްޓަން. ފޭބި ގަޑީގައި ކަރަންޓުގައި ޖެހިގެން މަރުވި ކަމަށް ޚަބަރުލިބެނީ. އަދި މުޅިއަކުން ސާފެއް ނޫން،" ހަނީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފުލުހުންގެ އެހީތެރިކަމާއެކު ކޮލަމާ ބޯޓު ވިލިނގިއްޔަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެ ބޯޓުގައި ތިބި ފަޅުވެރިންނާ ގުޅޭ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ.

comment ކޮމެންޓް