މިތުރާ ގަޔާވެލީ... 36

"ދެންމެ މިތާ ހުރި..." ފަލާހާ ވަށައިގެން ހޯދައިލިއެވެ.

"ކޮންމެސް ކުއްޖަކާ ވާހަކަ ދައްކަމުން ނުކުތްތަން ފެނުނު..." ފައުދު ބުނެލިއެވެ.

********

ފަލާހާއަށާއި ނާޝިޒަށް ދެމީހުންގެ މޫނަށް ބަލައިލެވުނެވެ. އެންމެންގެ މޫނުން ފެނުނީ ހާސްކަމެވެ. ޕާޓީގެ އުފާވެރިކަން ގެއްލި، ބިރުވެރިކަމަށް ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އިކާން ދުވެފައި ލިފްޓާއި ދިމާއަށް ދިޔައިރު، ބައެއް މީހުން ވާނުވާ ނޭނގިފައި ތިއްބެވެ. އިކާންގެ ފަހަތުން މިފްޒާލާއި، ޔަޒްދާންވެސް ދިޔައެވެ.

"ކިހިނެއް ވެގެން މިއުޅެނީ؟... ޕާޓީ ދޫކޮށް އެންމެން އެ ދަނީ ކީއްވެތަ؟..." އަސްލަމް ހުރީ ވާނުވާ ނޭނގިފައެވެ. "ނާޝިޒް!... ބައްޕަ އެބަ ސުވާލެއް ކުރަމޭ!"

"ފަހުވަގުތާ ޖެހެންދެންވެސް ކަންކަން އެހާ ރަނގަޅެއް ނޫން.. އަހަރެން މިހުރީ އެކަހަލަ ކަމަކަށްވެސް ތައްޔާރުވެގެން..." ނާޝިޒް ދޫކޮށްލީ ފުން ނޭވާއެކެވެ.

"ކޮން ކަމެއް ރަނގަޅު ނޫނީ؟..." ނާޝިޒްގެ އަޑު އިވުމުން، ފައުދުގެ ހިތް ތެޅިގަތެވެ.

"ތި ދައްކަނީ ކޮން ކަމެއް ރަނގަޅު ނޫން ވާހަކައެއް؟..." އަސްލަމް ހުރީ، ދެބުމަ ގޮށްޖަހައިލައިގެންނެވެ.

"މިވަގުތު މުހިއްމީ ހަގީގަތް އެނގުމަށްވުރެ ބޮޑަށް ދިމާވެގެން މިއުޅޭ ކަމެއް ހައްލުކުރުން ކަންނޭނގެ... ހުރިހާ އެންމެންގެ އެހީތެރިކަން އެންމެ ބޭނުންވާ ވަގުތު މީ... ޕާޓީއަށް އައި މީހުން ހަމައަކަށް އެޅުވުން އެއީ މިގަޑިއަށް ކުރުން އެންމެ މުހިއްމު އެއް ކަންތައް..." ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ނާޝިޒް އެދުނެވެ. އޭރު އޭނާ ދިޔައީ ކޮންމެވެސް މީހަކަށް ގުޅޭތޯ މަސައްކަތް ކުރަމުންނެވެ.

********

ލިފްޓުން ނުކުތް އިކާން ދުވެފައި ކަހަލަ ގޮތަކަށް މަގުމައްޗަށް ނުކުތެވެ. ވަށައިގެން ހޯދައިލިއެވެ. އެއިން ހިސާބަކުންވެސް ރޫބީ ފެންނާކަށް ނެތެވެ. ތޮއްޖެހިފައިވާ މީހުންގެ ތެރޭގައިވެސް ރޫބީ ހުރިނަމަ، ލައިގެން ހުރި ހުދު ހެދުމުން އެކަނިވެސް ނުހަނު ފަސޭހައިން ރޫބީ ފާހަގަ ވާނެއެވެ. އެކަމަކު، އިކާންގެ ލޮލުގައި ރޫބީ އަޅައެއް ނުގަތެވެ. އެކަނި މަގުމައްޗަށް ނުކުންނަން ނުކެރޭ އިކާނަށް ހިތްވަރު ލިބުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. ރޫބީގެ ނަމުން ގޮވަމުންދިޔަ އިކާނަށް ވިރުދާ ފެނުނީ މަގުގެ އެއްފަރާތުގައި ކާރަކަށް އަތް ނަގައިގެން ހުއްޓައެވެ. ވިރުދާގެ ކުރިމަތީގައި ޓެކްސީއެއް މަޑުކުރިއެވެ. ޓެކްސީއަށް އެރުމަށް ވިރުދާ ދޮރު ހުޅުވައިލިއެވެ.

"ކޮބާ ރޫބީ؟ އޭނ؟" އިކާން ދިޔަ ބާރުމިނުގައި ކާރުގެ ދޮރު ލެއްޕިއެވެ.

މިފްޒާލް ދުވެފައި ގޮސް، އިކާން ހިފެހެއްޓިއެވެ. އެންމެންވެސް ހީކުރީ އިކާން ހޭބުއްދި ފިލައިގެން ގޮސް، ވިރުދާއަށް އަނިޔާއެއް ދީފާނެކަމަށެވެ. ވިރުދާ ހުރީ ބިރުން ދެލޯ ބޮޑުވެފައެވެ. ރުޅިގަދަވެގެން އިކާންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. ދެލޮލުގައިވީ ރަތްކަމެވެ. ކަރުނައިން ދެލޯ ފުރިފައިވިޔަސް، އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައިނުލާން އިކާން އެތައް ހިތްވަރެއް ކުރިއެވެ. އިކާން އެހާ ރުޅި އައިސްފައި ހުއްޓައި، އޭގެކުރިން ދުވަހަކުވެސް އޭނާއަށް ފެނިފައެއް ނުވެއެވެ.

"އަހަރެން މި އަހަނީ އަހަރެންގެ އަންހެނުން ކޮބައިހޭ؟" އިކާންގެ އަޑު ކުރެހުނެވެ. ހަޅޭއްލަވައިގަތް ނަމަވެސް، ޖުމުލައިގެ ފަހުބައި ފުރިހަމަ ކުރެވުނީ ކިރިޔާއެވެ. ދެފައިގެ ވަރު ދޫވެ، ފަހަތަށް ދިޔައެވެ.

"ސޮރީ.." އިކާނަށް ވީގޮތް ފެނި، ވިރުދާއަށް ރޮވުނެވެ.

"އިކާން ހަމަޖެހިބަލަ... އެންމެން އެ ބަލަނީ މިދިމާއަށް... ހިނގާބަލަ އެތެރެއަށް... ހަމަޖެހިގެން ވާހަކަ ދައްކާނީ..." މިފްޒާލް އިކާންގެ ގައިގައި ހިފެހެއްޓިއެވެ.

އިކާން ހަމައަކަށް އެޅުވުމަށް އެހެން ބުނި ނަމަވެސް، އެފަދަ ވަގުތެއްގައި އިކާނަށް ވާނެގޮތް މިފްޒާލަށް ގަބޫލުކުރެވެއެވެ. ހުދު މިފްޒާލްވެސް ހުރީ ވިރުދާދެކެ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ.

"ހަމަޖެހޭށޭ... އޭނަ އެހެރީ އަހަރެންގެ އަންހެނުންގެ ދުވަސް ދުއްވާލައިގެންނޭ... ނައީމުގެ ގޮތް އަދިވެސް ކަލޭމެންނަށް ނޭނގޭތަ؟... އޭނަ ކޮންމެފަދަ ގޮތެއްވެސް ހަދާފާނެއޭ ރޫބީއަށް... ކަލޭމެން އެކަކުވެސް ރޫބީއާ ދޭތެރޭ ނުވިސްނަނީ ކީއްވެތަ؟... އޭނ؟" އިކާން މިފްޒާލްގެ އަތް ފޮޅުވައިލިއެވެ. ވިރުދާ އާއި ކުރިމަތިލިއެވެ. "ރޫބީ ދެކުނީ ތީ އޭނަގެ ގާތް އެކުވެރިއެއްގެ ގޮތަށޭ... ތިހެން ހަދަން ހެޔޮވެސް ނުވާނެ..."

އިކާން ހުރިހާ އެއްޗެއް ކީ އިރުވެސް ވިރުދާ ހުރީ ކުށްވެރިއެއްހެން އިސްޖަހާލައިގެންނެވެ. އިކާން ބުނީ ތެދެކެވެ. ރޫބީއަކީ ވިރުދާގެވެސް ގާތް އެކުވެރިއެކެވެ. ދެރައެއް ދޭން ހިތަށް އެރިޔަސް، ވިރުދާގެ ހިތަށްވެސް ތަދުވެއެވެ. ދެރަވެއެވެ. އެކަމަކު، ވިރުދާއަށް ކުރިމަތިވެފައިވި މަޖުބޫރީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑެވެ. އެ މަޖުބޫރީއިން އަރައިގަތުމަށް އޭނާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ.

ޔަޒްދާންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގައި، ކަންފަތުގައި ޖައްސައިލުމާއިއެކު، ޔަޒްދާންގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ އިކާނަށެވެ. ޔަޒްދާން ދުވެފައި ގޮސް ކާރުގެ ދޮރު ހުޅުވައިލިއެވެ.

"އެންމެން އަރާ!.. އަވަސް..." ޔަޒްދާން އެދުނެވެ. "ވިރުދާވެސް އަރާ!"

ކާރު ގޮސް ހުއްޓީ ފުލުހުންގެ އިދާރާ ހުންނަ މަގަށެވެ. ޔަޒްދާންގެ އިރުޝާދާއި އެއްގޮތަށް އެންމެން ކާރުން ފޭބިއެވެ. ފުލުހުންގެ އިދާރާއަށް ވަންނަން ދިޔައިރު، އިކާންގެ ހިތް ބާރަށް ތެޅެއެވެ. ރޫބީއަށް ދެރަގޮތެއް ނުވުމަށް އެދި ހިތާއިހިތުން ދުޢާ ކުރެވެމުން ދިޔައެވެ.

"އަހަރެމެން މިތާ ބޭރުގަ މަޑުކޮށްލާނަން... އިކާން ވަދޭ އެތެރެއަށް..." ތަހުގީގު ހޯލުގެ ދޮރާއި ހަމައިން ހުއްޓެމުން ޔަޒްދާން އެދުނެވެ.

އިކާން އެތެރެއަށް ވަންއިރު، ފުލުހުންގެ ދެ މީހަކު އެތެރޭގައި ތިއްބެވެ. އެކަކު އިނީ ލެޕްޓޮޕުން އެއްޗެއް ލިޔާށެވެ. އަނެކަކު ހުރީ އެމީހާގެ ކައިރީގައި ކޮޅަށެވެ. އިކާން ފެނުމުން ގޮނޑިއަށް އިޝާރާތްކޮށް، އިށީނުމަށް އެދުނެވެ. އިކާން އިށީނުމުން، ފުލުސްމީހާ އޭނާގެ ކައިރީގައި ހުރި މީހާއަށް ލޮލުން އިޝާރާތެއް ކޮށްލިއެވެ. އޭނާ ގޮސް ހުޅުވައިލީ އެ ތަނުގެ ތެރެއިން ވަދެވޭގޮތަށް ހުރި ބައެއްގެ ދޮރެވެ.

"ދުރުވޭ!..." އެމީހާ އެދުނެވެ.

ދޮރުމަތީގައި ހުއްޓުނުއިރު، އިކާންގެ ހިތް ބާރަށް ތެޅެއެވެ. ރޫބީއަށް ދެރަގޮތެއް ވީ ހެއްޔެވެ؟ އިކާން އެކަނި އެތެރެއަށް ވެއްދީ ކީއްވެ ހެއްޔެވެ؟ ޔަޒްދާން އެއްވެސް ތަފްސީލެއް ނުދިނީ ކީއްވެ ހެއްޔެވެ؟ ދައްކަން އުޅެނީ ރޫބީގެ ފުރާނަ ނެތް މަސްގަނޑު ހެއްޔެވެ؟ އިކާން ހިންދިރުވައިލިއެވެ. ސުވާލުތަކުން ފުރެމުންދިޔަ ހިތް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން، ލަސްލަހުން، އެތެރެ ބަލައިލިއެވެ.

"ރޫބީ!..." އިކާން ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް ވަނެވެ.

ރޫބީ އޮތީ، ސޯފާގައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ދެލޯ ވަނީ މެރިފައެވެ. އިކާން ދިޔުމުން، ރޫބީގެ ކައިރީގައި ހުރި އަންހެން ފުލުސްމީހާ ދުރަށް ޖެހިލިއެވެ. އިކާނާއިއެކު އެތެރެއަށް ވަން ފިރިހެން ފުލުސްމީހާ ލޮލުން އިޝާރާތްކޮށް، އަންހެން ފުލުސްމީހާގެ ކައިރީގައި އެތަނުން ދިޔުމަށް އެދުނެވެ. އިކާން ފުރަތަމަވެސް ބެލީ ރޫބީ ނޭވާލާތޯއެވެ. ދެތިން ހަތަރު ފަހަރު އެކަން ތަކުރާރު ކުރިއެވެ.

"ބޭރުފުށުން ރޫބީއަށް މާ ބޮޑު އަނިޔާއެއް ވެފައެއް ނެތް... އެކަމަކު، ދިމާވި ކަންތަކުން ވަރަށް ބޮޑަށް ބިރުގަނެފަ ހުރީ... އަނެއްހެން ބުނަންޏާ، ވަރަށް ބޮޑު ޝޮކެއް ލިބުނީ... ވާހަކަވެސް ނުދެއްކޭ... މިކޮޅަށް އައިއިރު އަނެއްހެން އޯކޭ... ގެނައިފަހުން ފެއިންޓްވީ..." ފުލުސްމީހާ ތަފްސީލް ދިނެވެ.

އިކާން ރޫބީގެ ކައިރީގައި އިށީނދެފައި އަތުގައި ހިފައިލިއެވެ. އެވަގުތު އިކާން ހިފަހައްޓައިގެން އިން ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބައިގެންފިއެވެ. ރޫބީގެ ފުރާނަ ސަލާމަތްވުން އެއީ އެންމެ ބޮޑު ނަސީބެވެ. އިކާނަށް ލިބުނު އުފާ އޭނާގެ މޫނުން ހުރީ ފެންނާށެވެ.

"ހިތްވަރުކޮށްލާ!..." އިކާންގެ ކޮނޑުމަތީގައި މަޑުމަޑުން ޖަހައިލަމުން ފުލުސްމީހާ އެދުނެވެ. "އަޅުގަނޑުމެން އެންބިއުލާންސަށް ގުޅައިފިން... މިހާރު އަންނަން އުޅޭނެ..."

"މިކަން ކުރި މީހާ ހައްޔަރު ކުރެވުނުތޯ؟..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އިކާން އަހައިލިއެވެ.

"މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ބަޔަކު ހައްޔަރުކޮށްފިން... އަޅުގަނޑުމެން މިދަނީ އެމީހުންނާ ސުވާލުކުރަމުން... މީގެ އަޑީގަ ތިބި ބަޔަކުވެސް ހޯދާނަން... އެބަޔަކު ހައްޔަރުކުރެވުނުކަމެއްވެސް އެނގޭނީ، ތަހުގީގު ނިމިގެން... މި މައްސަލަ އަޅުގަނޑުމެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގަ ބަލަމުން މިދަނީ... ވަރަށް ގާތުން ތިފަރާތަށް ކަންކަމުން އަންގަމުން ދާނަން..." ފުލުސްމީހާ ތަފްސީލް ދިނެވެ.

********

ކައިވެނީގެ ހަފުލާއަށް ދިޔަ ގިނަ ބަޔަކު ހޮސްޕިޓަލަށް ޖަމާވާން ފެށިއެވެ. އެންމެންގެ މޫނުންވެސް ފެންނަމުންދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. އިންތިޒާރު ކުރަމުން ދިޔައީ އެންމެ ވަގުތަކަށެވެ. ރޫބީ އާއި ބައްދަލު ކުރެވޭނެ ވަގުތަކަށެވެ. ފަރުވާއަށްފަހު، ރޫބީ ބަދަލުކުރެވުނީ ވޯޑަށެވެ.

"އޯކޭތަ؟..." ގޮނޑީގައި އިސްޖެހިފައި އިން އިބާގެ ކައިރީގައި އިށީންނަމުން މިފްޒާލް އަހައިލިއެވެ.

އިސްއުފުލައިލިއިރު، އިބާގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. ދެލޮލުގައިވީ މަޑު ރަތްކަމެކެވެ. މިފްޒާލަށް ލިބުނީ ކުއްލި ސިހުމެކެވެ. ހިތަށް ތޫނު އެއްޗެއް ހަރައިލިހެން ހީވިއެވެ. ހިންދިރުވައިލެވުނީ އުދަގޫ ގޮތަކަށެވެ. އަބަދުވެސް ގަދަކޮށްލާފައި އުޅޭ އިބާގެ މޯޅިވެފައިވާ މޫނު މިފްޒާލަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެ ކަރުނަތަކުން މިފްޒާލްގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.

"ކީއްވެތަ އަބަދު ދޮންބެއަށް އެހެން އެވަނީ؟..." އިބާ ޝަކުވާ ކުރިއެވެ. "އެމީހަކު ކީއްވެތަ އިބާ ނުގެންދިޔައީ؟... ކީއްވެތަ ދޮންބެ ދައްތައަށް އެހެން އެ ހެދީ؟..."

"ކީއްވެ އިބާ ގެންދަންވީ؟... އިބާވެސް ތީ މީހެއްގެ ލޯބިލޯބި ދަރިއެއްނު... ކާކު ބޭނުންވާނީ އެމީހެއްގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅަށް މިކަހަލަ ކަމެއް ވާން..." މިފްޒާލްގެ ހިތަށް އުނދަގޫކުރީ އިބާގެ އެޖުމުލައެވެ.

"އިބާ މީ އެންމެންނަށް އުނދަގޫކުރާ މީހެއްވީމަ... އެކަކުވެސް އިބާދެކެ ލައިކެއް ނުވޭ!..." އިބާ ކުރިއަށްވުރެ ބޮޑަށް ތުން ފިއްތައިލިއެވެ.

"ކާކު ބުނީ؟.." މިފްޒާލްގެ ހިތް މަޑުމަޑުން ހުޅުވެން ފެށިއެވެ. "އިބާ ތީ ކިހާ ސްވީޓް ކުއްޖެއް... އިބާ ކަހަލަ ކުއްޖަކު ހުރީމަ މީހަކު ފޫއްސެއްވެސް ނުވާނެ..."

"އެކަމަކު މިފްޒާލްވެސް އިބާދެކެ ފޫހިވެއެއްނު" މިފްޒާލްގެ ދެލޮލަށް ބަލައިލަމުން އިބާ ޝަކުވާ ކުރިއެވެ.

މިފްޒާލަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހުއްޓުން އަރާފައި އިނދެވުނެވެ. އިބާގެ ދެލޮލުގެ ތެރެއަށް ފީނަމުންދިޔަ ވަރަކަށް، އެ ދެލޮލުގެ ތެރޭގައި ގަރަގުވެގެންދާން އޭނާގެ ހިތް އެދެން ފެށިއެވެ. ވާހަކަ ދައްކަމުން ދިޔައިރު، އެ މައުސޫމު މޫނަށް ހަދައިލާ ގޮތާއި، ބަސް ބުނެލާއިރު، ތުންފަތަށް ޖައްސައިލާ ވައްތަރުން މިފްޒާލްގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓައިލާކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ.

"ދެން ދޭ... ނުދެމެއްނު އާންސާއެއްވެސް... ފޫހި..." އިބާ އަނެއް ފަރާތަށް އެނބުރުނެވެ.

މިފްޒާލްގެ ކައިރިއަށް ކުޑަކޮށް ހިނިއަންނަގޮތްވިއެވެ. އަމިއްލައަށް ބޮޑުވެގެން އުޅުނަސް، ބައެއް ފަހަރު އިބާއެކޭ ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ.

********

"ވިރުދާއަށް އިނގޭތަ ތި ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން؟... ދެރަވިޔަސް، އެ ވަގުތު އެއޮތީ މިހާރު ފާއިތުވެގެން ގޮއްސަދޯ..." ރޫބީ އޮތް ވޯޑާއި ތަންކޮޅެއް ދުރުގައި ހުރި ގޮނޑިބަރިއެއްގައި އިށީނދެގެން އިން ނަޖާތު ވާހަކަ ދެއްކީ ކައިރީގައި އިން ވިރުދާއަށެވެ.

ވިރުދާ އާއި ނަޖާތުގެ ކައިރީގައި ހުރި ޔަޒްދާންވެސް ހުރީ ދެބުމަ ގޮށްޖަހައިގެން ވިރުދާއަށް ބަލާށެވެ. ވިރުދާ ޖަވާބެއް ނުދޭ ތަނުގައި ރުއިން ނޫންކަމެއް ނުކުރިއެވެ.

"ވާހަކަ ދެއްކީމައެއްނު ވީގޮތެއްވެސް އެނގޭނީ..." ޔަޒްދާންގެ ކެތްތެރިކަން ކޮޅުންލިއެވެ.

"ސޮރީ..." ވިރުދާ މާފަށް އެދުނެވެ. "އަހަރެން ބޭނުންވެގެން ކުރި ކަމެއް ނޫން މީ... އަހަރެން މީން އެއްވެސް ކަމެއް ބޭނުމެއް ނުވޭ.."

"ދެން ކީއްވެ؟ ކީއްވެ ރޫބީއަށް ޓާގެޓު ކުރީ؟... އެއީ ވިރުދާގެ ގާތް އެކުވެރިއެއް ނޫންތަ؟...'' ޔަޒްދާން ހީވީ ތަހުގީގަކަށް ތައްޔާރުވި ހެންނެވެ. ސުވާލުތައް ފުލުފުލުގައި ކުރަން ފެށިއެވެ.

"އަހަންނަށް މަޖުބޫރުވީ" ވިރުދާ ކަރުނަ ފޮހެލަމުން، އިސްޖަހައިލިއެވެ. "އަހަރެންގެ ދަރިފުޅު އޮތީ ވެންޓިލޭޓަރުގަ... އަހަރެން މިކަން ނުކުރިނަމަ، ނައީމު އެކުއްޖާފުޅުގެ ދުވަސް ދުއްވާލާނެ..."

"ވިރުދާގެ ދަރިއެކޭ؟" ނަޖާތު ދެލޯ ބޮޑުކޮށްލަމުން ޔަޒްދާނަށް ބަލައިލީ ގަބޫލު ނުކުރެވިފައެވެ. "ވިރުދާ އަދި ކައިވެންޏެއް ނުކުރާ ވާހަކަ ރޫބީ ބުނި..."

"އާނ... އަހަރެންގެ ދަރިއެއް ހުންނަކަން އެންމެންނަށް ސިއްރުކުރީ، އެއީ ކައިވެނިން ބޭރުން ލިބިފަ ހުރި ކުއްޖެއްވީމަ..." ވިރުދާ ހަގީގަތް ހާމަކުރިއެވެ.

"ދެން އޭގެ މާނައަކީ އަހަރެންގެ އަނބިމީހާއަށް އެހެން ހަދާށޭތަ؟..." އިކާންގެ އަޑަށް ތިން މީހުން އެއްފަހަރާ އަޑު އައި ދިމާއަށް ބަލައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު