ޖާވާކަރަ އައިލެންޑްސްގައި މެރިން ރިސާޗް ސެންޓަރެއް ހުޅުވައިފި

އުއްޗުއާ އެކު މިނިސްޓަރު ރިސާޗް ސެންޓަރު ހުޅުވައިދެއްވަނީ: މިއީ އުއްޗުގެ ރިސޯޓެއްގައި ގާއިމުކުރި ސެންޓަރެއް -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ޖާވާކަރަ އައިލެންޑްސް މޯލްޑިވްސްގައި މެރިން ރިސާޗް ސެންޓަރެއް އިއްޔެ ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވައިދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާއި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމެވެ.

ޖާވާކަރައަކީ ރާއްޖޭގައި އުއްޗުގެ ހިއްސާ އޮންނަ 11 ރިސޯޓުގެ ތެރެއިން ރިސޯޓެކެވެ.

މި ސެންޓަރުގައި މެރިން ދާއިރާއާ ގުޅޭ ކަންކަން ދިރާސާކުރުމަށް ލެބޯޓަރީތައް ވަނީ ގާއިމުކޮށްފައެވެ. ކަރަންޓީނު ފެސިލިޓީތަކާއި ކިޔަވައިދޭނެ ކުލާސްރޫމެއް ގާއިމުކޮށްފައިވާއިރު، ވެލާ ބެލެހެއްޓޭ ގޮތަށް އިންސްޓިއުޓެއް ވަނީ ހަދާފައެވެ.

އެގޮތުން، ބަލިވެފައި ހުންނަ ވެލާތައް ބެލެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ މި ސެންޓަރުގައި މެރިން ކަންކަމާ ގުޅޭ ދިރާސާތައް ހެދޭނެއެވެ. މީގެ އިތުރަށް، ފަރުވާ ކުރުމަށް ޚާއްސަ ޑޮކްޓަރުން ވެސް މި ސެންޓަރުގައި ހަރަކާތްތެރިވާނެއެވެ.

އިއްޔެ އެ ސެންޓަރު ހުޅުވުމާ އެކު 25 އެއްހާ ޕްރޮފެސަރުން ގުޅިގެން ވަނީ ވޯކްޝޮޕެއް ފަށާފައެވެ.

މި ސެންޓަރަކީ ރާއްޖޭގެ އިތުރަށް ބޭރުގެ އެކި ޔުނިވާސިޓީތަކުގެ ދިރާސާތަކަށް ބޭނުންކުރެވޭނެ ތަނަކަށްވާއިރު، ދިރާސާގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އެކި ތަމުރީނުތައް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.

މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒިރު ތާރީގާއި ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުއްޗުގެ ހިއްސާ އޮންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ރާއްޖޭގައި 11 ރިސޯޓު ހިންގާއިރު، މި ފަދަ އެކި ކަންކަމަށް މީގެ ކުރިން ވެސް އެހީވެފައިވެއެވެ.

comment ކޮމެންޓް