ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް އެކްޓަރު ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކުރާ އާ ޕްރޮޖެކްޓް "އިލްޒާމް"ގެ ޓީޒަރު ޓްރެއިލަރެއް އާންމުކޮށްފިއެވެ.
ޔޫއްޕެ ލިޔެ، ޑައިރެކްޓް ކުރުމުގެ އިތުރުން ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ އަލަށް ނެރުނު ޓީޒަރު ޓްރެއިލަރުން ފެންނަ ގޮތުގައި މި ފިލްމަކީ ހިތާމަވެރި އަދި އަސަރުގަދަ ފިލްމަކަށް ވެގެންދާނެއެވެ. ޓްރެއިލަރުން ފެންނަނީ އެކްޓަރުން އެކި ހިތާމަވެރި ސީންތަކުންނެވެ.
https://www.facebook.com/dhelionline.mv/videos/1877848479451427
ފިލްމުގެ ޓައިޓަލް އާންމުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ފިލްމުގެ ޓައިޓަލް ރިވީލްއާ އެކު އާންމުކުރި ޕޯސްޓަރުން ފެންނަނީ ޔޫއްޕެއެވެ. ނަމަވެސް، ޔޫއްޕެގެ އިތުރުން ތުއްތު ކުއްޖެއް ވެސް މި ފިލްމުގެ ޕޯސްޓަރުން ފެނެއެވެ. މިއީ ފިލްމުގެ މުހިއްމު ކެރެކްޓަރަކަށް ވާނެ ކަމަށް ޕޯސްޓަރުން އިޝާރާތް ކޮށްފައިވެއެވެ. އިލްޒާމްގެ ފަސްޓްލުކްގެ ޕޯސްޓަރުން އިތުރަށް ފެނިގެންދަނީ ބޮޑު އަކުރުން 2010 ޖަހާފައިވާ މަންޒަރެވެ. ނަމަވެސް، މި ނަންބަރު މި އިޝާރާތް ކުރަނީ ކޮން އެއްޗަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަލަށް އާންމުކުރި ޓީޒަރުން ވެސް މި ނަންބަރަށް އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
މުހައްމަދު އަބްދުالله (މުހައްމާ)ގެ ދެކެދެކެ ވެސް ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާ މި ފިލްމަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ފާހަގަކޮށްލެވޭ ގިނަ ތަރީން ފެންނާނެ ފިލްމެކެވެ. އެގޮތުން ފިލްމުގެ މުހިއްމު ރޯލުތަކުން އިންޑަސްޓްރީގެ ކުރީގެ ބޮޑެތި ތަރީންނާއި މިހާރުގެ ތަރީން ފެންނާނެއެވެ. އޭގެތެރޭގައި އަހުމަދު ނިމާލް އާއި މަރިޔަމް ޝަކީލާ ފަދަ ތަރީންނާއި މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު ފަދަ ތަރީން ހިމެނެއެވެ.
މި ފިލްމުގެ ޝޫޓިން މަސައްކަތް ކޮށްފައިވަނީ އދ. ދަނގެތީގައެވެ. ފިލްމުގެ މަސައްކަތް ބޮޑު ބައެއް ނިމިފައިވާއިރު މި ފިލްމު ނެރޭނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިއަހަރުގެ ތެރޭގައި ފިލްމު ނެރުމަށް ޕްރޮޑަކްޝަނުން ވަނީ އަމާޒު ހިފާފައެވެ.